ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މާލޭގައި ކުރިޔަށްދާނީ 3 ބާރުގައި

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މާލޭގައި ކުރިޔަށްދާނީ 3 ބާރު ވަކިކުރާ ސަރަހައްދުގައި އެމްޑީޕީން ގާއިމްކޮށްފައިވާ އިންސާފުގެ މައިދާނުގައި ހުންނަ އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ޖަގަހައިގައެވެ.

މިއަދު ހަވީރު 4 ނެ ފެށިގެން ރޭގަނޑު 10 ޖަހަން ދެން ވޯޓުލުން ކުރިޔަށްދާ މި ޕްރައިމަރީ މާލޭގެ އިތުރުން ތިމަރަފުށި، ގާދިއްފުށި އަދި ގުރައިދޫގައި ވެސް މިއަދު ހަވީރު 4 ން ފެށިގެން ރޭގަނޑު 10 ޖަހަންދެން ކުރިޔަށްދާނެ އެވެ. ތިމަރަފުށީގައި ވޯޓުލުން ކުރިޔަށްދާނީ އެރަށު ކައުންސިލް އިދާރާގެ ކައިރީގައި ހުންނަ ހަޓް ގައެވެ. ގާދިއްފުށީގައި އެރަށު ސްކޫލްގައި ވޯޓުލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ގުރައިދޫގައި ވޯޓުލުން ކުރިޔަށްދާނީ އެރަށު އޯލްޓޭސްޓް ގައެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވަނިކޮށް ސީފުޑް އިންޓަރނޭޝަނަލް އިން ދައްކަން ޖެހޭ ސާބިތު ދަރަންޏެއްގެ މައްސަލައިގައި ސްޕްރީމް ކޯޓުން ކުރި ހުކުމަކާއި ގުޅިގެން ގޮނޑި ގެއްލިފައިވާ މ.ސީވޯލް މުޙައްމަދު މުސްތަފާ އާއި، ހ.ރޭޑިއަންޓް އަޙުމަދު ޝަފީޤް އާއި މާލޭ ދަފްތަރުޢަބްދުލް ރަޝީދު ޢަބްދުﷲ އެވެ.

މުސްތަފާއާ މެދު ސްޕްރީމް ކޯޓުން ޙުކުމްކޮށްފައިވާ ގޮތާ މެދު އެމްޑީޕީގެ އިސް މެންބަރުންނާއި، ބައެއް ފުންނާބު އުސް ޤާނޫނީ ވަކީލުން ވެސް ވަނީ ސްޕްރީމް ކޯޓަށް ފާޑުކިޔާފައެވެ. އެ ގޮތުން މުސްތަފާގެ ހިއްސާ އޮންނަ ކުންފުންޏަކުން ދައްކަންޖެހޭ ދަރަންޏެއްގެ މައްސަލައިގައި މުސްތަފާގެ މައްޗަށް ހުކުމް ކުރެވިގެން ނުވާނޭ ކަމަށް އެފަރާތްތަކުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުން ނެވެ.