ބާޣީ ފުލުހުން އެމްޑީޕީގެ އިންސާފުގެ މައިދާނުން ހައްޔަރުކުރި ބައެއް މީހުންނަށް ވީ ނުވީއެއް ނޭނގޭ ކަމަށް އިންތި ވިދާޅުވެއްޖެ

ހައްޔަރުކޮށްފައި ތިބި މީހުންނަށް ޤާނޫނީ ވަކީލެއް ހޯދުމުގެ ފުރުސަތު މިހާތަނަށް ވެސް ބާޣީ ފުލުހުން ދީފައެއް ނުވޭ

inthi-450-x-320

ބާޣީ ފުލުހުން ރޭ އެމްޑީޕީގެ އިންސާފުގެ މައިދާނަށް އަރައިގަނެ އެ މައިދާނުން ހައްޔަރުކުރި ބައެއް މީހުންނަށް ވީ ނުވީއެއް ނޭނގޭ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންސާފުގެ މައިދާނުގައި މިރޭ ދެއްވި ނޫސް ކޮންފަރެންސެއްގައި އިންތި ވިދާޅުވީ ރޭ އެމްޑީޕީގެ 13 ވަރަކަށް މީހުން ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ހައްޔަރުގައި ތިބިކަމަށް އެނގިފައިވަނީ ޖުމްލަ 4 މީހުން ކަމަށެވެ. އަދި ހައްޔަރުކޮށްފައި ތިބި މީހުންނަށް ވެސް ޤާނޫނީ ވަކީލެއް ހޯދުމުގެ ފުރުސަތު މިހާތަނަށް ވެސް ބާޣީ ފުލުހުން ދީފައިނުވާ ކަމަށް އިންތި ވިދާޅުވިއެވެ.

“ހައްޔަރު ކުރެވުނު އަދަދެއްވެސް ރަގަޅަކަށް އެނގިގެން ނުވާނެ. އެއްވެސް ކަމަކީ ސާފުކޮށް ހިނގާ ކަންތަކެއް ނޫން. ފުލުހުންދޭ މައުލޫމާތާ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތާ ވަރަށް ތަފާތު. މިވަގުތު 4 މީހަކު ހައްޔަރުގައި އެބަތިބި. 13 ވަރަކަށް މީހަކު ގެންދިޔަ، އޭގެ ތެރެއިން އެއް ބަޔަކަށް ވީ ގޮތް ނޭނގިގެން ހޯދަނީ. ހައްޔަރުގައި ތިބި މީހުންނަށް ވަކީލުން ހޯދުމުގެ ފުރުސަތު ފުލުހުން އަދި ދީފައެއް ނުވޭ.” ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އިންތި ވިދާޅުވިއެވެ.

އެމްޑީޕީން ރާޅުގަނޑު ސަރަހައްދު ވަކި މުއްދަތަކަށް، މާލެ ސިޓީ ކައުންސިލުން ހުއްދަ ހޯދައިގެން ބޭނުންކުރަމުން ދަނިކޮށް ފުލުހުންނަށް އެތަން ދޫކޮށް ދިއުމަށް އެމްޑީޕީއަށް އަމުރު ނުކުރެވޭނޭ ކަމަށް ވެސް މިރޭ އިންތި ވިދާޅުވިއެވެ. އަދި ބާޣީ ފުލުހުން އެ މައިދާނަށް އަރައިގަތީ އެއްވެސް އިންޒާރެއް ނެތި، ” ހަމަ ބޭރުގައުމަކަށް އަރައިގަންނަ ފަދައިން” ކަމަށް އިންތި ވިދާޅުވިއެވެ. އަދި ލޮރީތަކުގައި އައިސް ބިރުދައްކައި، ސުލްހަވެރިކަމާއެކު އެއްވެ ތިބި މީހުންނާ ދެކޮޅަށް ބާޣީ ފުލުހުން ޖަރީމާ ހިންގާފައިވާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި ބާޣީ ސަރުކާރު ވެރިކަމުގައި ހޭދަވާ ކޮންމެ ދުވަހަކީ އެތައް ގިނަ ރައްޔިތުންނަށް ޖިސްމާނީ އަނިޔާ ކުރަމުންދާ ދުވަހެއް ކަމަށާއި، “މައުމޫނުގެ ޚުދުމުޚްތާރު ވެރިކަމުގައި ވެސް މިހާ ފާޅުކަން ބޮޑު ގޮތަކަށް ރައްޔިތުންނަށް އަނިޔާކޮށްފައި ނުވާ،” ކަމަށް އިންތި ވިދާޅުވިއެވެ.

“ސުލްހަވެރިކަމާއެކު ތިބި ބަޔަކަށް ސީދާ މެރުމަށްޓަކައި ހަމަލާދީ އެތައް ބަޔެއްގެ ލޭ އޮހޮރުވައި، ވަރަށް ގިނަ އަނިޔާތަކެއްކޮށް، ބައެއް މީހުން ގައިގައި ތެޅިތެޅީނުން ހޭނެތޭ ދަރަޖައަށް ދިއުމުން ހޭނެތިފައި ވަނިކޮށް، ތޮށިގަނޑުން ބޭރަށް ވައްޓާލައި، އަދި އަޅުގަނޑުމެންގެ މައިދާނުގައި ހުރި އަޅުގަނޑުމެންގެ މި ސްޓޭޖް މަތީގައި މިހިރަ ޕޯޑިއަމް ވެސް ފުނޑާލައި، ވަރަށް ގިނަގުނަ ލާއިންސާނީ ޖަރީމާތައް ހިންގައި، ވަރަށް ގިނަ މުދާތަކަށް ގެއްލުންދީފައި ވަނީ ދިވެހި ފުލުހުން.” އިންތި ވިދާޅުވިއެވެ.

ބައި އިލެކްޝަންތަކަށް އިއްތިހާދުގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުން ގެންގުޅެނީ، އެމްޑީޕީ ބަލި ނުކުރެވޭނޭ ކަން އިނގޭތީ ކަމަށާއި، އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން މިހާރުވެސް އެމްޑީޕީ ބަލިނުކުރެވިދާނޭ ކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތް ކަމަށް އިންތި ވިދާޅުވިއެވެ.