ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލަކު އެެމްޑީޕީ އަންހެނުންގެ ރޫހުން ޚާއްސަ ޙަރަކާތްތަކެއް ހިންގަނީ

fuvahmulah-anehn

މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ޑިމޮކްރަސީއާއި، ސިޔާސީ ހަރަކާއްތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ޤައުމަށް ދިމާވެފައިމިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ފުވައްމުލަކު އަންހެނުންގެ ރޫޙުގެ ފަރާތުން ވަރަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްޑީޕީގެ ފުވައްމުލަކު އަންހެނުންގެ ރޫޙުން މަޢުލޫމާތު ދީފިއެވެ.

މި ހަރަކާތްތަކުގެ ތެރޭގައި 7 މާރޗް ވާ ބުދަ ދުވަހުގެރޭ 8.30 ގައި ފުވައްމުލަކު އެމް.ޑީ.ޕީ ހަރުގޭގައި ބާއްވާ އަންހެނުންގެ ޖަލްސާ އަކާއި، 8 މާރޗް ވާ ބުރާސްފަތި ދުވަހު ހަވީރު 4.00 ގައި އެމްޑީޕީ އޮފީސް ކުރިމަތިން ފެށޭ އަންހެނުންގެ މުޒާހިރާ އެއް ހިމެނެއެވެ. އަދި ހަމައެއާއެކު 10 މާރޗް ވާ ހޮނިހިރު ދުވަހު، އަންހެނުންނާއި އެކަބަލުންނަށް ސަޕޯޓުކުރައްވާ ބޭފުޅުންގެ ވަރަށް ޚާއްޞަ ވެހިކަލް ބުރެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ވެހިކަލްބުރު ފެށޭނީ އެ ދުވަހު ހަވީރު 4.00 ގައި އެމްޑީޕީ އޮފީސް ކުރިމަތިންނެވެ.

ފުވައްމުލަކު އަންހެނުންގެ ރޫޙުން މަޢުލޫމާތު ދޭ ގޮތުގައި މިހަރަކާތްތަކުގައި، އިންތިޚާބު އަވަސްކުރުމަށް ގޮވާލުމާއި މިހާރު މިއޮތް ބާޣީ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ތަފާތު ޝުޢޫރުތައް ފާޅުކުރަމުން ގެންދާނެއެވެ.
އެހެންކަމުން މި ހަރަކާތްތަކުގައި ޑިމޮކްރެސީއަށާއި އެމްޑީޕީއަށް ތާޢީދު ކުރައްވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގެންދެއްވުމަށް ފުވައްމުލަކު އަންހެނުންގެ ރޫޙުގެ ފަރާތުން އެދެއެވެ.

2008 ވަނަ އަހަރު ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރު މިދިޔަ ފެބްރުއަރީމަހު 7 ވަނަ ދުވަހު ބަޣާވާތެއް ގެނެސްގެން ބަދަލުކުރުމާއިގުޅިގެން އެދުވަހުން ފެށިގެން އެމްޑީޕީގެ ފުވައްމުލަކު އަންހެނުންގެ ރޫޙުން މިހާރުގެ ބާޣީ ސަރުކާރާދެކޮޅަށް ތަފާތު ޙަރަކާތްތަށް ދަނީ ހިންގަމުންނެވެ.