އެމްޑީޕީގެ އިންސާފުގެ ދަތުރަށް އައި ކޮލަމާފުށީ ދޯންޏެއް ރާޅުގަނޑާ ދިމާ ބޭރުން ހަތިޔާރުއެޅި ސިފައިން ހިފަހައްޓައިފި

ސިފައިންނާއި ފުލުހުން ޑިމާންޑް ކުރަމުންދިޔައީ އެ ދޯނި ދޫނިދޫއަށް ދިއުމަށް ކަމަށް ރަސްއައިން ދޯނިން ބުނި

kolamaafushi-dhoniކޮލަމާފުށީ ރަސް އައިން ދޯނި، ރާޅުގަނޑާ ދިމާ ބޭރުން ސިފައިން ހިފަހައްޓާފައި ..

އެމްޑީޕީގެ އިންސާފުގެ ދަތުރަށް އައި ކޮލަމާފުށީ ދޯންޏެއް ކަމަށްވާ ރަސްއައިން ދޯނި ރާޅުގަނޑާ ދިމާ ބޭރުން ހަތިޔާރުއެޅި ސިފައިން ދާދި ދެންމެއަކު ހިފަހައްޓައިފިއެވެ.

ހުވަދު އަތޮޅު މަޑަވެލި، ހޯނޑެއްދޫ، ތިނަދޫ އަދި ކޮލަމާފުށިން އެމްޑީޕީގެ ސަޕޯޓަރުން ގޮވައިގެން އައި މި ދޯނިން ވާހަކަ ދެއްކި ޒުވާނަކު ބުނި ގޮތުގައި ޕޮލިސް ލޯންޗަކާއި، ކޯސްޓްގާރޑްގެ ލޯންޗެއް ދޯނި ކައިރީގައި އެބައޮތް ކަމަށާއި، ސިފައިންނާއި ފުލުހުން ޑިމާންޑް ކުރަމުންދަނީ އެ ދޯނި ދޫނިދޫއަށް ދިއުމަށް ކަމަށެވެ. އަދި އެ ދޯނި ކައިރީގައި ތިބި ސިފައިންގެ އަތުގައި ހަތިޔާރު ހުރި ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ.

” ބަޑިތައް އަތައް ނަގާ އަނބުރަމުން މި ދޯންޏާ ކޯސްޓްގަރޑުން ކައިރިކުރީ. އުރައިން ވެސް ނައްޓާފަ ހުރި ބަޑިތަކެއް ހުރީ. ވަރަށް ޗަރުކޭސް ދައްކާ އެބަ ސިފައިން،” އެ ދޯނިން ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.

އެންމެ ފަހުން މަޢުލޫމާތު ލިބުނު ގޮތުގައި ފުލުހުންނާއި ސިފައިން ގާނޫނީ އިމުން ބޭރުން ކުރަމުންދިޔަ އަމުރުތަކަށް ފުރަގަސްދީ މި ދޯނި މިހާރުވަނީ ޓީ ޖެޓީއަށް ލަފާފައެވެ. އަދި ވަރަށް ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން މި ދޯންޏަށް މަރުހަބާ ކިޔުމަށް ޓީ ޖެޓީގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ ދޯނީގެ ސަލާމަތީ ހުރިހާ ކަމެއް ވެސް ބަރާބަރަށް ހުރި ކަމަށާއި، ޤާނޫނީ ގޮތުން އެ ދޯނި ހިފެހެއްޓޭނޭ އެއްވެސް އުޒުރެއް ނެތް ކަމަށް އެ ދޯނިން ބުނެއެވެ.