ކާށިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުން ވެސް އެޕްރީލް 14 ގައި

ހދ. ކުމުންދޫ ކައުންސިލް އަދި ތ. ގާދިއްފުށި ކައުންސިލްގެ ބައި އިލެކްޝަން ވެސް 14 އެޕްރީލް ގައި އޮންނާނެ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކާށިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމުގެ ބައި-އިލެކްޝަން 2012 އޭޕްރީލް 14 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިޢުލާނުކޮށްފިއެވެ.

މީގެ އިތުރުން ހދ. ކުމުންދޫ ކައުންސިލް އަދި ތ. ގާދިއްފުށި ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ވެސް އޭޕްރީލް 14 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައި އެކަން އިޢުލާނުކޮށްފައެވެ.

މި ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2012 ފެބްރުއަރީ 29 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2012 މާޗް 13 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްދުވަހު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމަޔަށެވެ. ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 ން ހަވީރު 5:00 އަށެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައި ކަމަށާއި މިކަމަށް އެދި ހުށަހަޅާފޯމު ކޮމިޝަނުންނާއި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން ވެސް އޮންނާނީ އެޕްރީލް މަހުގެ 14 ވާ ހޮނިހިރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާންކޮށްފައެވެ.