ކުރު ޚަބަރު

26 ފެބްރުއަރީ 2012، (އާދީއްތަަ) 3 ބާރު ވަކިކުރާ ސަރަޙައްދު، މާލެ؛

1. ސިޔާސީ ނަތީޖާ ހޯދޭނީ މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކީ – ރައީސް ނަޝީދު؛ ކޮންމެ ދުވަހަކު ހެނދުނު ލޮނުޒިޔާރަތްކޮޅުގައި ކުރިއަށްދާ އެމް.ޑީ.ޕީ.ގެ ‘އިންސާފުގެ ދަތުރު’ގެ އެއްވުމުގައި ޤައުމާއި މުޚާތަބް ކުރައްވާ އިންތިޚާބީ ރައީސް މުހައްމަދު ނަޝީދު ދެއްވާ ސްޓޭޓްމަންޓްގައި 25 ފެބްރުއަރީ 2012 ވީ ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން، އޭގެ ކުރީ ދުވަހުގައި ޑރ. ވަހީދުއާއި އަދި 7 ފެބްރުއަރީގައި ރާއްޖޭގައި ހިނގުނު ބަޣާވާތުގައި ޑރ. ވަހީދާއެކު ބައިވެރިވެލައްވާފައިވާކަމަށް މިހާރު ތުހުމަތު ކުރެވިފައިވާ ފަރާތްތަކާއެކު، ޑރ. ވަހީދުއަށް ތާޢީދު އޮތްކަން ދެއްކުމަށްޓަކައި ހެދި ގޮނޑުދޮށުގައި ބޭއްވި އެއްވުމުގައި ސިޔާސީ ބައެއް ފަރާތްތަކުން ދެއްކެވި ބައެއް ވާހަކަފުޅު ތަކަށް ރައްދު ދެއްވިއެވެ. އެހެންނަމަވެސް، އިންތިޚާބީ ރައީސްގެ ވާހަކައިގެ ރާގު ޑރ. ވަހީދާއި އޭނާގެ ބައިވެރިންނާއި ވަރަށް ތަފާތެވެ. އިންތިޚާބީ ރައީސް ގޮވާލެއްވީ ހަމަޖެހުމެށެވެ. އަދި، “މާދަމާއަކީވެސް އަންނާނެ ދުވަހެއްކަން ހަނދާންކޮށް، ސިޔާސީ ނަތީޖާ ހޯދޭނީ މަޑުމަތިރިކަމާއި ކެތްތެރިކަމާއެކު މަސައްކަތް ކޮށްގެން” ކަމުގައި ވިދާޅުވެ، އެވާހަކަ ތަކުރާރު ކުރެއްވިއެވެ. އަދި އިންތިޚާބުގެ ތާރީޚެއް އަވަހަށް އިޢުލާނު ކުރެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި ‘ދިވެހި ރައްޔެތުންނަކީ ކުޅޭކުޅޭ ބައެއް ނޫންކަމާއި އެމީހުންނަކީ ބުއްދިއާއި ފިކުރު ބޭނުންކޮށްގެން އެމީހުންގެ ދިރިއުޅުން އާރާސްތު ކުރަމުންދާ ބައެއްކަމުގައި’ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ކަންބޮޑުވެލައްވަނީ ބޭރު ދުނިޔެއިން ބުނެފާނެ އެއްޗަކަށް ވުރެވެސް ބޮޑަށް، ދިވެހި ރައްޔެތުންގެ އެންމެ އަސާސީ ޙައްޤުތައްވެސް ނިގުޅައިގެނަވި، ރައްޔެތުންނަށް އޮޅުން އަރާ، ހާސް ކަމުގެ ތެރެއަށް ގެންދިޔުމަށް ޑރ. ވަހީދާއި އޭނާގެ ބައިވެރިން މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެެ. އަދި ކުރީގައި ދިވެހިރާއްޖޭގައި އޮތް ސަރުކާރުގެ ކޮރަޕްޝަނާއި ލާއިންސާނީ ޖަރީމަތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކުގެ ފަހަތުން، އެމަނިކުފާނުގެ ސަރުކާރުން ‘ފަހާ ނުދުވީ’ ދިވެހިރާއްޖޭގައި ވާދަވެރި ސިޔާސީ ޕާޓީތަކަށް ފުރިހަމައަށް ޙަރަކާތްތެރިވުމުގެ ޖާގަ ދެއްވުމާއި ރާއްޖޭގައި ޑިމޮކްރެސީ އަށަގެންނެވުމުގެ ނިޔަތުގައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

2. އެންމެ ކުރީއްސުރެވެސް އެމް.ޑީ.ޕީން ދައްކަމުން އައި ވާހަކަތައް ދުނިޔެއަށް ސާބިތު ވެއްޖެ – ޗެއަރޕަރސަން މޫސަ؛ 8 ފެބްރުއަރީ 2012ގައި އެމް.ޑީ.ޕީ.ން ބޭއްވި ޞުލްޙަވެރި ހިނގާލުމުގައި ބައިވެރިވެވަޑައިގެން ހުންނަވަނިކޮށް، ފުލުހުންނާއި ސިފައިންގެ ބަޔަކު އެ އެއްވުން ރޫޅާލުމަށްފަހު އެމް.ޑީ.ޕީ.ގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަ ބަޔަކަށް ވަރަށް ލާއިންސާނީ ގޮތެއްގައި ދެވުނު އަނިޔާތަކުގައި ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެން، ޕާޓީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު، އޭނާއަށް ލިބިވަޑައިގަތް ގެއްލުންތަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގެން، އެމް.ޑީ.ޕީ.ގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފިއެވެ. އަދި 25 ފެބްރުއަރީ 2012ވީ ހޮނިހިރު ދުވަހު މާލެއަށް ވަޑައިގަތުމާއެކު، އެންމެ ފުރަތަމަވެސް ‘އިންސާފުގެ ދަތުރު’ގެ ނަމުގައި ޕާޓީން ހިންގަމުން ގެންދާ ޙަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް 3 ބާރު ވަކި ކުރާ ސަރަޙައްދަށް އޭނާއަށް ތާއީދު ކުރާ ގިނަ ބަޔަކާއެކު ވަޑައިގަތެވެ. އަދި 2 ފަހަރެއްގެ މަތީން މި މައިދާނުގައި މޫސަ ވާހަކަ ދެއްކެވިއިރުގައި، އޭނާ ކުރިންވެސް ތަކުރާރުކޮށްފައިވާ ވާހަކަތަކެއް ހަނދާން ކޮށްދެއްވިއެވެ. މިގޮތުން، ތިމަންނާއަކީ ދިވެހިރާއްޖޭގައި އޮތް އަނިޔާވެރިކަމުގެ ޘަޤާފަތުގެ ވާހަކަ އަބަދުވެސް ދައްކާ މީހެއްކަމާއި، އަދި 8 ފެބްރުއަރީ 2012ގައި މުޅި ދިވެހިރާއްޖެއަށާއި ދުނިޔެއަށް ފެނިގެން އެ ދިޔައީ އެމަންޒަރު ކަމުގައި އޭނާ ވިދާޅުވިއެވެ.

3. އެމް.ޑީ.ޕީ.ގެ އައްޑޫ ދަތުރު؛ 23 ފެބްރުއަރީ ވީ ބުރާސްފަތި ދުވަހު އެމް.ޑީ.ޕީ.ގެ ވަފްދެއް އައްޑޫ ސިޓީއަށް ޒިޔާރްތަކޮށް ހަމަ އެރޭ އެ ސިޓީގައި ޖަލްސާއެއް ބޭއްވިއެވެ. އިންތިޚާބީ ރައީސް މުހައްމަދު ނަޝީދުވެސް ހިމެނިވަޑައިގެން އެމް.ޑީ.ޕީ.ގެ މިވަފްދު އައްޑުއަށް ދިޔައިރުގައި، ގަން ނިމި، ފޭދޫއަށް އަރާ ހިސާބުގައި ގިނަ އަދަދެއްގެ ފުލުހުން ރައެޓް ޔުނިފޯމުގައި މުގުރާއި އެހެން އާލާތްތައް ހިފައިގެން ތިއްބެވެ. އަދި އިންތިޚާބީ ރައީސާއި އަދި އެމް.ޑީ.ޕީ.ގެ ވަފްދަށް މަރްޙަބާ ކިޔުމަށް ނުކުމެ ތިބި އައްޑޫގެ އެތައް ހާސް ރައްޔެތުންނެއް އެއަރޕޯޓަށް ދިޔުމަށް އެދުމުން އެކަމަށް ފުލުހުން ވަނީ ހުއްދަ ނުދީފައެވެ.

އައްޑޫ ސިޓީގައި 23ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެމް.ޑީ.ޕީ.ގެ ވަރަށް ގިނަ މެމްބަރުން ބައިވެރިވިއެވެ. އަދި މި ޖަލްސާގައި އަސަރު ގަދަ ވާހަކަތަކެއް އަޑު އިވިގެން ދިޔައެވެ. މި ގޮތުން، އައްޑޫ ސިޓީގެ މޭޔަރާއި އަދި ކައުންސިލްގެ މެމްބަރުން އަދި އައްޑޫގެ ދީނީ އިލްމުވެރިންނާއި އަދި މާލެއިން ވަޑައިގަތް ޑެލިގޭޝަނުގެ މެމްބަރުންވެސް ވަރަށް އަސަރާއި ޖޯޝާއެކު ވާހަކަ ދައްކަވާފައިވެއެވެ. އަދި ޖެހިގެން އައި ދުވަހު ޑރ. ވަހީދު އައްޑުއަށް ނައުމަށް، ހުސް އެމް.ޑީ.ޕީ.ގެ މެމްބަރުން އިންތިޚާބުވެފައިވާ އައްޑޫ ސިޓީގެ ކައުންސިލުން ޤަރާރެއްވެސް ނެރެފައިވެއެވެ.

އައްޑޫ ޖަލްސާ ގައި މާރިޔާ ދީދީ ދެއްކެވި ވާހަކަފުޅު: އައްޑޫގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމް.ޑީ.ޕީ.ގެ ކުރީގެ ޗެއަރޕަރސަން މާރިޔާ ދީދީ ވިދާޅުވީ، 7 ވަނަ ދުވަހާއި އަދި 8 ވަނަ ދުވަހު ދިވެހި ބައެއް ސިފައިންނާއި ފުލުހުންގެ ފަރާތުން ފެނުނު ބައެއް ޢަމަލު ތަކަކީ ދިވެހީންނަށްޓަކައި، ދިވެހި ޤައުމަށްޓަކައި އެކަމަނާ ވަރަށް ބޮޑަށް ލަދުވެތިވެ ހިތާމަކުރާ ކަންތައްތަކެއް ކަމުގައެވެ. އަދި ރާއްޖޭގެ ގިނަ ރައްޔެތުންތަކެއް ‘މަންމަ’އެއްގެ ލަޤަބު ދީފައިވާ މީހެއްގެ ގައިގައި އެވަރަށް ތަޅާ އަނިޔާކުރިއިރުގައި، އެމީހުންނަކީވެސް ހަމަ ޤައިމު ކޮންމެވެސް ދިވެހި މަންމައެއްގެ ބަނޑުގައި 9 މަސް ދުވަހު އޮވެފައި ދުނިޔެއަށް އައިއްސައި ތިބި ބަޔަކު ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އައްޑޫ ޖަލްސާގައި ދީނީ އިލްމުވެރިން: އައްޑޫއަށް ނިސްބަތްވާ ދީނީ ޢިލްމުވެރިން މި ޖަލްސާގައި ވާހަކަ ދައްކަވަމުން، 23 ޑިސެމްބަރ އިއްތިޙާދުގެ ނަމުގައި، އަދި ފަހުން ބަޤާވާތުގެ ސަރުކާރުގައި ބައިވެރި ވަޑައިގެންފައިވާ ދީނީ ޢިލްމުވެރިން ކަމުގައި ދަޢުވާ ކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވިއެވެ. މިގޮތުން، ބަޤާވާތް ކުރުމަކީ ދީނީ ގޮތުން ކިހާ ވަރެއްގެ ކަމެއް ކަމާއި އަދި އަނިޔާވެރި ވުމަކީ ދީނުގައި އެއްވެސް ގޮތަކަށް ހުއްދަ ކޮށްފައިވާ ކަމެއް ނޫންކަމުގައި މި ޢިލްމުވެރިން ވިދާޅުވިއެވެ. އަދި ދިވެހި ރައްޔެތުންނަކީ ހޭލުންތެރި ވިސްނޭ ބައެއް ކަމުގައާއި ދީނޭ ކިޔައިގެން މީހަކު ދައްކާހާ ވާހަކެއް ރައްޔެތުން ބަލައިނުގަންނާނޭކަމުގައިވެސް، މި ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
( ނިމުނީ )