ރައީސް ނަޝީދު ބޮޑު ތިލަދުންމައްޗަށް ވަޑައިގެންފި

591ރައީސް ނަޝީދު މިމަހުގެ 23 ވަނަ ދުވަހު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި. އެ ސިޓީން ރައީސް ނަޝީދަށް މަރުހަބާ ދަންނަވަނީ.. ފޮޓޯ:މައުރޫފް ޚަލީލް

ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބޮޑު ތިލަދުންމައްޗަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސް ނަޝީދު މިއަދު މި ފެއްޓެވި ދަތުރުފުޅުގައި ހއ.އިހަވަންދޫ، ދިއްދޫ، ހޯރަފުށި އަދި ހދ. ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށްރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ހއ. އަތޮޅަށް ޚާއްސަކޮށްގެން ބާއްވާ ޖަލްސާ މިރޭ ދިއްދޫގައި ބާއްވާއިރު، ހދ.އަތޮޅަށް ޚާއްސަ ޖަލްސާ ބާއްވާނީ މާދަމާރޭ ކުޅުދުއްފުށީގައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިތުރު ބައެއް މެންބަރުން އަދި ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގަންނަވާނީ މިއަންނަ އަންގާރަ ދުވަހުއެވެ.