ސަރ ރިޗަރޑް ބްރެންސަން ޑރ. ވަހީދުއަށް ފޮނުއްވި ސިޓީގެ ދިވެހި ތަރުޖަމާ

މރ. ވަހީދުއަށް،

އަޅުގަނޑު އެންމެ ފަހުން ރާއްޖެއަށް ކުރި ޒިޔާރަތުގައި މަނިކުފާނާއި މަނިކުފާނުގެ ހިތްގައިމު އަނބިކަނބަލުންނާއި ބައްދަލުވުމަކީ އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ލިބުނު އުފަލެކެވެ. އެއިރުގައި (ބައްދަލުވުމުގެ ވަގުތުގައި) ރާއްޖޭގައި އޮތީ ޑިމޮކްރެސީގެ ހަމަތަކުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރެކެވެ. އެއީ މިފަދަ ކަށަވަރުކަމެއް ނެތި އެތައް އަހަރުތަކެއް (ދިވެހިން) ވޭތި ކުރުމަށް ފަހުއެވެ. އެދުވަސްތަކުގައި ސަރުކާރާއި އިދިކޮޅު ޚިޔާލުގެ މީހުން ތަޙައްމަލް ކުރަން ޖެހިފައިއޮތީ ޖަލުތަކުގަައި ހައްޔަރުވުމާއި އެ ޖަލުތަކުގައި ދެމުން ގެންދިޔަ ލާއިންސާނީ އަނިޔާތަކެވެ.

މާޒީގައި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބޭނޭހެން ކުރެވިފައިވާ ކަންކަމާއި، އަދި އެކަންކަމުގައި ބައިވެރިވި ފަރާތްތައް ހޯދާ ‘ޙަޤީޤަތް’ ހާމަކޮށް މިކަންކަމަށް އިންސާފު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ “ޓްރުތު އެންޑް ރިކޮންސިލިއޭޝަން ކޮމިަޝަނެއް” އެކުލަވާލުމަކީ ދިވެހީންނަށް ކޮންމެހެން ބޭނުންކަމެއްކަމާއި އަދި ދުނިޔޭގެ ތަޖުރިބާކާރު ބޮޑުންނާއި ހަރުމީހުންގެ މައްޗަށް އެކުލެވިފައިވާ ‘ދަ އެލްޑަރސް‘ ޙަރަކާތުގެ ބޭފުޅުން މި މަސައްކަތަށް އެއްބާރުލުން ދެއްވާތޯ، އެބޭފުޅުންނަށް ހުށަހަޅައިދިނުމަށް، އަޅުގނޑުގެ ކައިރިން އެދިވަޑައިގަތީ ޚުދް މަނިކުފާނެވެ. (ދަ އެލްޑަރސް އަކީ ދުނިޔޭގައި ޞުލްޙަ ޤާއިމްކޮށް އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި މަސައްކަތް ކުރައްވާ ދުނިޔޭގެ ތަޖްރިބާކާރު ލީޑަރުން ހިންގަވާ، މިނިވަން ޖަމާޢަތެކެވެ. ކުރީގެ ސައުތު އެފްރިކާގެ ރައީސް އަދި އެޤަޢުމުގައި ނަޞްލީ ތަފާތުތައް ނައްތާލުމަށް ކުރެވުނު މަސައްކަތުގެ ބާނީ ނެލްސަން މަންޑޭލާ 2007 ވަނަ އަހަރު އިސްނަންގަވައިގެން ފެއްޓެވި މި ޙަރަކާތުގައި އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާރޓަރ، އަދި ޔޫ.އެން.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ފަދަ ތަޖްރިބާކާރު، މުޅި ދުނިޔޭގެ އިޙްތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވާ ގިނަ ޝަޚްޞިއްޔަތުތައް ހިމެނެއެވެ.

އެހެކަމުން، ޑިމޮކްރެޓިކް އުޞޫލުން ރައްޔެތުންގެ އިންތިޚާބަކުން ޤާއިމްވެފައިވާ ސަރުކާރެެއް ވައްޓާލުމާއި އަދި ކުރީގައި ރާއްޖޭގައި އޮތް ވެރިކަން އަލުން އަނބުރާ ގެނައުމުގައި، މަނިކުފާނުގެ ބައިވެރިވުންވެސް ހިމެނޭކަން އެނގުމުން އަޅުގަނޑަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނެވެ. އަދި މިކަމާ މަޢާފް ކޮށްދެއްވުން އެދެމެވެ. އަޅުގަނޑަށް މަނިކުފާނު އެނގޭވަރުން، މަނިކުފާނު މިފަދަ ކަމެއްގައި އަމިއްލަ އިޚްތިޔާރުގައި ބައިވެރިވެވަޑައެއް ނުގަންނަވާނެއެވެ. އަދި މިވަގުތު ތިޔަ ހުންނެވި ފިޔަވަޅުގައި ތިޔަ ހުންނަވަނީ ކޮންމެވެސް ބައެއްގެ ނުފޫޒާއި އަދި އެނޫންގޮތެއް ޚިޔާރުކުރައްވައިފިނަމަ ދިމާވެދާނެ ނުރައްކަލެއްގެ ސަބަބުންނެވެ.

ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑު އުންމީދު ކުރަނީ ކަމުގެ ޙަޤީޤަތަކީ މިއީ ކަމަށެވެ. އެއީ، ކަމުގައި މަނިކުފާނަށް ބައިވެރިވެ ވަޑައިގަނެވުނީ، އަމިއްލަ އިޚްތިޔާރުން ނޫން ކަމެވެ. މުޅި ދުނިޔެވެސް ޑިމޮކްރެސީއާއި ދިމާއަށް ދަތުރު ކުރަމުން ދާއިރުގައި، ދިވެހިރާއްޖޭގައި އޭގެ އިދިކޮޅަށް ކަންކަން ހިނގުމަކީ (އަޅުގަނޑު) ކަންބޮޑުވެ ހިތާމަ ކުރާ ކަމެކެވެ.
އިންތިޤާލީ ރައީސެއްގެ ޙައިޞިއްޔަތުން މަނިކުފާނު ތިޔަ ހުންނެވީ އަދިވެސް ޤައުމު ހަމަ މަޤަށް އެޅުވުމުގެ ފުޜްޞަތު ހިތްޕަވައިގެންނެވެ. އާދޭހާއިއެކު އަޅުގަނޑުމެން މިދަންނަވަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީމެގުން) ވެސް ގޮވާލާއިފައިވާ ފަދައިން، އިންސާފުވެރި މިނިވަން އިންތިޚާބެއް މި ހިނގާ އަހަރުގެ ތެރޭގައި އިންތިޒާމްވާނެކަން ކަށަވަރު ކޮށްދެއްވުމަށެވެ. އަދި މިފަދަ އިންތިޚާބަކަށްފަހު، އަޅުގަނޑުމެންގެ ރަޙްމަތްތެރިކަން އަލުން ފެށުމުގެ އުއްމީދުގައި އަޅުގަނޑު ހުރި ވާހަކަވެސް ދަންނަވާލަމެވެ.

ރިޗަރޑް ބްރެންސަން، ވަރޖިން ގްރޫޕުގެ ފައުންޑަރ

އެޑިޓަރުގެ ނޯޓް: ސިޓީގައި ސަރ ރިޗަރޑް އިޝާރާތް ކުރާ ބައްދަލުވުމުގައި، ޑރ. ވަހީދު ހަސަންއާއި ބައްދަލުވެފައިވަނީ، އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި މުހައްމަދު ނަޝީދުއާއި އެކުގައެވެ. އަދި އެއިރުގައި، ޑރ. ވަހީދު ހަސަންއަކީ ދިވެހިރާއްޖޭގެ ނައިބު ރައީސެވެ. މި ސިޓީ އިނގިރޭސި ބަހުން ޝާއިޢު ކޮށްފައިވަނީ ވަރޖިން ގްރޫޕުގެ ވެބްސައިޓުގައި، 24 ފެބްރުއަރީ 2012 ގައެވެ.