އައްޑުއަތޮޅުގައިތިބި އަދާލަތު ޕާޓީގެ އައްޑިހަ ޕަސެންޓް މީހުން ތާއީދު ކުރަނީ އެމްޑީޕީއަށް

321

އައްޑުއަތޮޅުގައިތިބި އަދާލަތު ޕާޓީގެ އައްޑިހަ ޕަސެންޓް މީހުން ތާއީދު ކުރަނީ އެމްޑީޕީއަށް ކަމަށާއި އަދާލަތު ޕާޓީން ގިނައަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅެމުންދާނެ ކަމަށް އަދާލަތު ޕާޓީގެ އައްޑޫގެ ސެކްރެޓަރީ ޖެނެރަލް ސާލިމް ވިދާޅުވެއްޖެއެވެ.

އަދާލަތުޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސާލިމް، އައްޑޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވިދާޅުވީ ސަރުކާރެއް މަގުމަތިން ފޭރިގަތީތީ ހިތާމަކުރައްވާ ކަމަށާއި އެފަދަ ބަޔަކާއެކު އަދާލަތުޕާޓީގެ މީހުން ނުތިބޭނެ ކަމަށެވެ.

ސާލިމް ވިދާޅުވީ ދީނީ ޢިލްމުވެރިންގެ ސާލު ލައްވައިގެން ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރައްވައިގެން މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލުމަށް، އިސްލާމްދީނުގެ ޝުޢޫރު ފާޅުކުރުމުގެ ފުރަސަތެއް ނުދީ 30 އަހަރު ވަންދެން ވެރިކަން ކުރި ޕީޕީއެމްއާ ގުޅިގެން އަދާލަތުން ކުރި މަސައްކަތަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އަދާލަތު ޕާޓީއަށް ނިސްބަތްވާ އައްޑޫގެ ރައްޔިތުން އެގޮތުގައި ނުތިބޭނެ ކަމަށާއި އެމީހުންގެ އައްޑިހަ ޕަސެންޓް ތާއީދު ކުރަނީ އެމްޑީޕީއަށް ކަމަށް ސާލިމް ވިދާޅުވިއެވެ. އަދި ސާލިމް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވީ އެ 80 ޕަސެންޓް މީހުންގެ ފަރާތުން ކަމަށާއި ސާލިމް ފަދައިން ކުރިއަށް އޮތްތަނުގައި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސާލިމް ވިދާޅުވީ ރައީސް ނަޝީދަކީ އައްޑޫގެ ތަރައްޤީގެ ބާނީ ކަމަށާއި، 3 އަހަރު ތެރޭ އެމަނިކުފާނު ގެންނެވި ތަރައްޤީ 30 އަހަރާ ނުބައްދަލުކަމަށެވެ. އަދި ހަމައެހެންމެ 30 އަހަރު ތެރޭގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް ލިބިފައިނުވާ ފުރުސަތުތައް 3 އަހަރު ތެރޭ ރައީސް ނަޝީދު ގެނެސްދެއްވާފައިވާކަމަށްވެސް ސާލިމް ވިދާޅުވިއެވެ.