އަންހެނުންގެ އިންސާފުގެ ދަތުރު ހިނގާލުން މާދަމާ ހަވީރު އޮންނާނެ

mariya-didi-mp-400-x-267

އަންހެނުންގެ އިންސާފުގެ ދަތުރު ހިނގާލުން މާދަމާ ހަވީރު އޮންނާނެ އެވެ.

މާދަމާ ހަވީރު 3.45 ގައި ސޯޝަލް ސެންޓަރ ކައިރިން ފަށާ މި ހިނގާލުން މާލޭގެ ބޮޑެތި ހުރިހާ މަގުތަކެއްގައި އޮންނާނޭ ކަމަށް އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވިއެވެ.

” އަޅުގަނޑުމެންގެ މި ހިނގާލުމަކީ މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް ގައި އަޅުގަނޑުމެންގެ ޝުޢޫރު ފާޅުކުރުމަށް ބާއްވާ ހިނގާލުމެއް. މި ހިނގާލުމުގައި އަޅުގަނޑުމެން ގޮވާލާނީ އަޅުގަނޑުމެން ބާޣީ ސަރުކާރާ ދެކޮޅު ކަމާއި، އަވަސް އިންތިޚާބެއް ބާއްވާނޭ ތާރީޚެއް އިއުލާންކުރުމަށް.” ޝިޔާމާ ވިދާޅުވިއެވެ.

ޝިޔާމާ އިތުރަށް ވިދާޅުވީ ސޯޝަލް ސެންޓަރ ކައިރިން ފަށާ މި ހިނގާލުން ނިންމުމަށް ހަމަޖެހިފައިވަނީ 3 ބާރު ވަކިކުރާ ސަރަހައްދަށް ކަމަށެވެ.

އިންސާފުގެ މައިދާނުގެ ނަމުން ރައްޔިތުން ނަންދީފައިވާ 3 ބާރު ވަކިކުރާ ސަރަހައްދުގައި އެމްޑީޕީގެ އަންހެނުންވަނީ ޚާއްސަ އަންހެނުންގެ ޖަގަހައެއް ގާއިމްކޮށްފައެވެ. މި ޖަގަހަ ހަވީރު 4 ން 6 އަށް އަދި ރޭގަނޑު 8 ން 1 އަށް ހުޅުވިފައި ހުންނައިރު، އެމްޑީޕީގެ ސުލްހަވެރި އެއްވުމުގެ ހަވީރު ގަޑީގެ ހުރިހާ ޙަރަކާތެއް ވެސް ހިންގާ ބަލަހައްޓާނީ އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ފަރާތުންނެވެ.