ބާޣީ ސަރުކާރުން އުފެއްދި ނޭޝަނަލް އިންކިއުރީ ކޮމިޝަނަކީ މުސްތަޤިއްލު ކޮމިޝަނެއް ކަމަކަށް ގަބޫލެއް ނުކުރަން – އެމްޑީޕީ

Inthi

ބާޣީ ސަރުކާރުން އުފެއްދި ނޭޝަނަލް އިންކިއުރީ ކޮމިޝަނަކީ މިނިވަން މުސްތަޤިއްލު ކޮމިޝަނެއް ކަމަކަށް އެމްޑީޕީން ގަބޫލުނުކުރާ ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސުލްހަވެރި އެއްވުން ހިނގާ ސަރަހައްދު ކަމަށްވާ އިންސާފުގެ މައިދާނުގައި މިރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ ނޭޝަނަލް އިންކިއުރީ ކޮމިޝަނަށް އިސްކޮށްފައިވާ ވެރިންނަކީ މީގެ ކުރީންވެސް ރައްޔިތުންނާ ގުޅުންހުރި ގައުމީ ބޮޑެތި މައްސަލަތައް ދިރާސާކުރުމުގެ ނަމުގައި، އެކަންތައް މަތިއަޅައި އޮއްބަން މަސައްކަތްކުރާ ބައެއް ކަމަށެވެ.

އޮފީސްތަކުގެ ރަސްމީ ގަޑި އިހު އޮތް ގޮތަށް 7.30 އިން 2.30 އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަން އުޅޭތީ އެކަމަށް ވެސް އިންތި ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އިންތި ވިދާޅުވީ އެމްޑީޕީން ސިވިލްސަރވިސް މުޥައްޒަފުންގެ މަސައްކަތު ގަޑި ހަމަޖައްސާފައިވަނީ ހަމަ ތިބެފައި ކުއްލިއަކަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެއީ ވަރަށް ގިނަ ދިރާސާތަކަކަށް ފަހު އެމްޑީޕީ ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ވެސް އިންތި ވިދާޅުވިއެވެ. ނަމަވެސް ޒަމާނީ އުސޫލުތަކަށް ފެތޭ ގޮތަށް އެކަން ބަދަލުކުރުމުން މައުމޫނުގެ ދުވަސްވަރު ކަންހިނގި ގޮތަށް ހުރިހާ ކަމެއް ރުޖޫޢަކުރަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ މައްސަލަތައް ބޭރުކޮށްލާފައިވާތީ އެކަމަށް ވެސް އިންތި މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އިންތި ވިދާޅުވީ މި ބާޣީ ސަރުކާރު ގެނައީ އެފަދަ ޖަރީމާތައް ހިންގުމަށް ކަމަށާއި، ޖުޑީޝަރީ އަޅުވެތިކޮށްގެން ގެންގުޅުމަށް ކަމަށެވެ. އަދި ބާޣީ ސަރުކާރުގެ ވެރިޔަކު ރިޔާސީ ބަޔާން އިއްވަން މަޖިލީހަށް ވެއްދުމަކީ އެ މަޖިލީހުގެ ހުރުމަތް ކެނޑި، މަޖިލީހުގެ ކަރާމާތަށް ބުރޫއަރާފަދަ އަމަލަކަށްވާތީ ބާޣީ ވަހީދަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދޭނޭ ކަމަށް ވެސް އިންތި މިރޭ ވިދާޅުވިއެވެ.