މުލައްދަނޑީގެ ބާރުން ކުރެވޭ ވެރިކަން މިރާއްޖޭގައި ކުރަމުން އައި ދުވަސް މާޒީވެ ހިނގައްޖެ – ރައީސް ނަޝީދު

hep-muzahara

ރާއްޖޭގެ ގިނަ ރައްޔިތުންނަކީ މިނިވަންކަމަށް ނުހަނު ލޯބިކުރާ އަދި އަނިޔާވެރިކަމަށް އެހާމެ ނަފުރަތުކުރާ ބައެއް ކަމަށާއި، މުލައްދަނޑީގެ ބާރުން ކުރެވޭ ވެރިކަން މިރާއްޖޭގައި ކުރަމުން އައި ދުވަސް މާޒީވެ ހިނގައްޖެ ކަމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިންސާފުގެ ދަތުރުގެ ނަމުގައި ފަށާފައިވާ ސުލްހަވެރި އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ ރައްޔިތުން ހިފާހައްޔަރުކޮށްގެން، އެރައްޔިތުންގެ މައްޗަށް އަނިޔާވެރިގެން ރާއްޖޭގެ ވެރިކަން ނުކުރެވޭނޭ ކަމުގައެވެ. އަދި އަނިޔާވެރިކަން އިސްކޮށްގެން ވެރިކަން ދެމެހެއްޓުނު ޒަމާން ފާއިތުވެ ހިނގައްޖެ ކަމަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، “މުލައްދަނޑީގެ ބާރުން ކުރެވޭ ވެރިކަން މިރާއްޖޭގައި ކުރަމުން އައި ދުވަސް މާޒީވެ ހިނގައްޖެ” ކަމަށެވެ.

“ކަރަންޓު މުގުރުން، އަސޭމިރުހުގެ ދުމުން ނުވަތަ ލަޓިން މި ރާއްޖޭގެ ރައްޔިތުން ހަންމަތަ ކުރެވޭނެ ދުވަސް ހަގީގަތުގައި މިހާރު މާޒީވެ ހިނގެއްޖެ.” އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ، އޯގާތެރި ވެރިކަމެއް ކުރެއްވި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އަލުން ރާއްޖޭގެ ވެރިކަމަށް އަންނާނޭ ކަމަށާއި، މިރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމުކުރެވޭނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާ، ވިދާޅުވުން ރޭގެ ޖަލްސާގައި ވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އަދި އެމްޑީޕީއަކީ ފަހަތަށް ޖެހޭނޭ ބައެއް ނޫން ކަމަށާއި، ހިއްވަރާއެކު ކުރިއަށްދާ ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވެރިކަމަށް އެނބުރި އައުމުގެ، “ހިކުމަތާއި، އެ ކެތްތެރިކަމާއި އެ ހިތްވަރު އެބަހުރި. އަޅުގަނޑުމެންނަކީ ފަހަށް ޖެހޭނެ ބައެއް ނޫން. އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބި އަޅުގަނޑުމެން މަންޒިލަށް ވާސިލުވުމަށްޓަކައި އެއިރެއްގައި ކުރާން ޖެހުނު ކޮންމެ ކަމެއް ކުރަމުންދާ ބައެއް.” ރައީސް ނަޝީދު ވިދާޅުވިއެވެ. ” ކެތްތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ކާމިޔާބީގެ އައްސޭރިއަކަށް ވާސިލްވެވޭނެ.”