އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ޚާއްސަ ދުޢާ އަކުން ފަށާގޮތަށް ހަމަޖައްސައިފި

24 ޖޫން 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެޕާޓީން ތައްޔާރުވަމުންދާކަމަށާއި، އަހަރީ ދުވަހުގެ ޙަރަކާތްތައް ދިދަނެގުމާއި ޚާއްޞަ ދުޢާއަކުން ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ 5 ވަނަ އަހަރީ ދުވަހުގެ ރަސްމީ ހަރަކާތްތައް ފެށުމަށް މާލެއާއި އެމްޑީޕީގެ ހަރުގެ އާއި އޮފީސް ހުރި ރަށްރަށުގައި އެމްޑީޕީގެ ދިދަނެގުމުގެ ރަސްމިއްޔާތެއް އޮންނާނޭ ކަމަށާއި، އެމްޑީޕީގެ ހަރުގެތަކުގައި ހޮނިހިރު ދުވަހު ހެނދުނު 6 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކިޔާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ އޮފީހުން މަޢުލޫމާތުދެއެވެ.
މާލޭގައި އެމްޑީޕީ ދިދަ ނެގުން އޮންނާނީ އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައެވެ. އިސްވެ ދުޢާ ވިދާޅުވާނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަލްޙާފިޒް އަޙުމަދު ޒަކީ އެވެ. އަދި ރަށްރަށުގައި މިދުޢާ އިސްވެ ވިދާޅުވަނީ މުދިމުން ނުވަތަ ރަށު ކައުންސިލަރުން ކަނޑައަޅާ ފަރާތްތަކުންނެވެ.