ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

24 ޖޫން 2010

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިޓަލީވިލާތުގެ ފޮރިން މިނިސްޓަރ، ފްރޭންކޯ ފްރެޓީނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. އިޓަލީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް އައިސްފައިމިވާ ޑިމޮކްރެޓިކް އިޞްލާޙުތަކުގެ ސަބަބުން ރާއްޖެއާމެދު އިޓަލީގެ ހިތްވަރު ވަރަށް ބޮޑަށް އާވެފައިވާ ކަމަށާއި، މި ބަދަލުތަކުގެ ތެރެއިން ދެޤައުމުގެ ގުޅުންވެސް އިހަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް އިޓަލީއިން ތާއީދުކުރާކަމަށް ވިދާޅުވެ، ތިމާވެށީގެ ކަންތައްތަކުގެ އިތުރުންވެސް، ބައިނަލްއަޤްވާމީ އެހެނިހެން މައްސަލަތަކުގައިވެސް ދެޤައުމުން އެއްގޮތް ސިޔާސަތެއް ގެންގުޅޭކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމުގައި ދިމާވެފައިވާ އެއްކަމަކީ އިންސާނީ ވަސީލަތްތައް ރާއްޖޭގައި މަދުވުން ކަމަށް ވިދާޅުވިއެވެ. އަދި މިދާއިރާގައި އިޓަލީވިލާތުގެ އެހީތެރިކަން ހޯއްދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި އިޓަލީވިލާތާ ދެމެދު ވަރަށް ޒަމާންވީ ވިޔަފާރީގެ ގުޅުމެއް އުފެދިފައިވާ ކަމަށާއި، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައިވެސް އިޓަލީވިލާތުގެ ދައުރު ވަރަށް ބޮޑު ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުން މިހާރުވަނީ އިޤްތިޞާދީ އިޞްލާޙުތަކެއް ގެންނަވަން ފަށްޓަވާފައި ކަމަށާއި، ސަރުކާރުން ބޭނުންފުޅުވަނީ، ވިޔަފާރީގައި ވީހާވެސް ބޮޑަކަށް އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމުގައި ބައިވެރިވުމަށް އިޓަލީވިލާތުގެ އިންވެސްޓަރުންނަށްވެސް ފުރުސަތު އޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.