ދިވެހި ސަރުކާރާއި އިޓަލީވިލާތުގެ އަބްރުޓްޒޯ ސަރަޙައްދުގެ ސިއްޙަތާބެހޭ ޑިޕާޓްމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާބެހޭގޮތުން ދިވެހި ސަރުކާރާއި އިޓަލީވިލާތުގެ އަބްރުޓްޒޯ ސަރަޙައްދުގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓާއެކު އެއްބަސްވުމެއްގައި މއިއްޔެ ސޮއިކުރައްވައިފިއެވެ.
މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިޓަލީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، އަބްރުޓްޒޯ ސަރަޙައްދުން ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދައިދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ދެމުންގެންދާ އެހީތައް ފާހަގަކުރައްވައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ތަރައްޤީކުރުމަށް އޮނިގަނޑެއް ބިނާކުރުމުގައި އަބްރުޓްޒޯ ސަރަޙައްދުގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓްގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެއެވެ. އަދި ވަކިން ޚާއްޞަކޮށް ތެލެސީމިއާ އޮޕަރޭޝަންތަކަށް މިއެއްބަސްވުމުގެ ދަށުން ޙާއްސަ ސަމާލުކަމެއް ދެވޭނެއެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 3 އަހަރެވެ.
ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ “އައި.އެމް.އީ. ފައުންޑޭޝަން”ގެ ރައީސް މާރިއޯ މަރައްޒިއްޓީއާވެސް ރައީސުލްޖުމްހޫރިއްޔާ އާއި އިއްޔެ ބައްދަލުކުރެއްވިއެވެ.