ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ މުދަލުން ޑިއުޓީ ލުއިކޮށްދިނުމަށް ނިންމައިފި

23 ޖޫން 2010

މަތިއުތުރު ޕްރޮވިންސްގެ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށާއި، ދެކުނު ޕްރޮވިންސްގެ އައްޑުއަތޮޅު ހިތަދޫ ސަރަޙައްދީ ބަނދަރަށް ކަނޑުމަގުން އެތެރެކުރާ މުދަލުންނާއި، ހަނިމާދޫ ވައިގެ ބަނދަރަށާއި، އައްޑުއަތޮޅު ގަން އެއަރޕޯޓަށް ވައިގެ މަގުން އެތެރެކުރާ ހުރިހާ މުދަލަކުން ނެގޭ ޑިއުޓީން 30 އިންސައްތަ މާފުކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެން، އެ ލަފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، ރާއްޖޭގެ ސަރަޙައްދީ ވިޔަފާރި ބަނދަރުތަކަށް ކަނޑުމަގުން މުދާ އެތެރެކުރުމާއި އަދި ވައިގެ ބަނދަރުތަކަށް މުދާ އެތެރެކުރުމުގައި، ލުއިގޮތެއް ހަމަޖެއްސެވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ. އަންނަ ޖުލައިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިގޮތަށް ޢަމަލުކުރައްވަން ފެށްޓެވުމަށާއި، މިކަން ހިންގެވުމަށް ކުރައްވަންޖެހޭ ތައްޔާރީތައް، އެތާރީޚުގެ ކުރިން ކުރައްވައި ނިންމެވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައެޅުއްވިއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ވިޔަފާރި ބަނދަރުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފެމުން ނުދާކަން ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރައްވައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއިގޮތްތަކެއް ހޯއްދަވައިދެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.