ށ.މިލަންދޫގެ 11 މީހަކު ފުލުހުން ހައްޔަރުކޮށްފި

ށ.މިލަންދޫގެ 11 މީހަކު ދާދި ދެންމެއަކު ފުލުހުން ހައްޔަރުކޮށްފި ކަމަށް މިލަންދޫ ކައުންސިލްގެ މެންބަރު އަޙުމަދު ޝިމާލު ވިދާޅުވެއްޖެއެވެ.

ޝިމާލު ވިދާޅުވީ 12:00 ހާއިރު ފުލުހުންގެ 45 ވަރަކަށް މީހުން އެރަށަށް ގޮސް، އެރަށު ކެފޭ އަކާއި، ގޭގޭގައި ތިބި އެމްޑީޕީގެ އެރަށުގެ އިސް ބައެއް ޙަރަކާތްތެރިންނާއި، 3 ކައުންސިލަރަކު ހައްޔަރުކޮށްގެން ށ.ފުނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އިސްވެ ހުންނަވައިގެން އެރަށުގެ މުޅިރައްޔިތުން ކަހަލަ ގޮތަކަށް އިޙްތިޖާޖްކުރަމުންދާ ކަމަށް ވެސް ޝިމާލް ވިދާޅުވިއެވެ.

ފުލުހުން މިލަންދޫ ހައްޔަރުކުރި މީހުންގެ ތެރޭގައި އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޔާސިރާއި، ނައިބު ރައީސް އަޙުމަދު އިމްރާންގެ އިތުރުން ދެން ހިމެނޭ ކައުންސިލަރަކީ ޢަބްދުﷲ ފާއިޒް އެވެ.

މިލަންދޫގެ އެމްޑީޕީގެ އިސް ހަރަކާތްތެރިން ހައްޔަރުކުރުމަށް މީގެ ކުރިން ވެސް ފުލުހުންވަނީ މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެފަހަރު ފުލުހުންނަށް އެކަން ކާމިޔާބު ނުވީ މުޅި މިލަންދޫގެ ރައްޔިތުން ނިކުމެ ފުލުހުންނާ ދެކޮޅަށް އިޙްތިޖާޖްކުރުމުގެ ސަބަބުންނެވެ.