ވެރިކަން ބަދަލުވި ގޮތުގެ ތަޙްގީގަކީ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރު ލިބިއޮތް ފުރިހަމަ މިނިވަންކަމާއި މުސްތަގިއްލުކަން ކަށަވަރުވެއޮތް ތަހުގީގަކަށްވާން ޖެހޭނޭ ކަމަށް އެމްޑީޕީން ބުނެފި

muzaahara-6

ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލެވުނު ގޮތާއި އެސަރުކާރު ވެއްޓުނު ފަހުން ކަން ހިނގާދިޔަ ގޮތުގެ ތަހްގީގެއް ހިންގުމުގެ ވާހަކަ އިއުލާނުކުރެވިފާއި ހިނދު، އެތަހްގީގަކީ ތެދުވެރިކަމާއި ވަކިފަރާތަކަށް ނުޖެހުމުގެ މާތް އުސޫލުތަކުގެމަތީން ކުރިއަށް ގެންދެވޭ ތަހްގީގެއްކަމަށް ވުމީ ކަށަވަރުވާންޖެހޭކަމެއްކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން މިއަދު ގޮވާލައިފިއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން މިމައްސަލައިގެ ތަހްގީގުގެ ސައްހަކަން ބަލައިގަނެ، މިމައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތުގައި ދިވެހިރާއްޖެއަށް ކުރިއަށްދެވޭނީ، މިތަހްގީގަކީ ފުރިހަމަ މުސްތަގިއްލުކަން ލިބިތޮތް ތަހްގީގެއްކަން ކަށަވަރުވުމުންކަމަށް، އެމްޑީޕީން ގަބޫލުކުރާ ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކުން ގަބޫލުކުރާ އަދި އިތުބާރުލިބިފައިވާ ދިވެހިރައްޔިތުނާއި އިހްތިރާމް ހައްގުވާ ފަދަ ބޭރުގެ މާހިރުން، މިތަހްގީގުހިންގުމާ ހަވާލުވާ ޓީމުގައި ތިއްބެވުން މުހިއްކުކަމަށް، އެމްޑީޕީން ދެކެކަމަށް ވެސް އެމްޑީޕީން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.
އަދި، ރައީސް ނަޝީދުގެ އިސްތިއުފާހުށަހެޅުމާ ހަމައަށް ހިނގާދިއަ ހާދިސާތަކުގެ ތަފްސީލުގެ އިތުރުން، ރައީސް ނަޝީދުގެ އިސްތިއުފާގެ ކުރިންނާއި އޭގެ ފަހުން ފުލުހުން ހިންގި އަނިޔާވެރި އަމަލުތައްވެސް ތަހުގީގުގައި ހިމަނާންޖެހޭކަމަށް، އެމްޑީޕީން މި ބަޔާނުގައި ގޮވާލާފައިވެއެވެ. އެއާއެކު މުސްތަގިއްލު މުރާޖާއެއް ކުރުމަށް ގޮވާލި ގައުމުތަކުން އެމުރާޖައާއަކީ ބައިނަލްއަގުވާމީ މިންގަޑުތަކަށް ފެތޭ މުރާޖާއެއްކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދިނުމަށް ވެސް އެގައުމުތަކަށް، އެމްޑީޕީގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ވަށައިގެން ހިނގި ހާދިސާތަކާއި ކުރިމަތިކުރުވި ހާލަތްތައް ދެނެގަތުމުގެ އިތުރުން، 7 ފެބްރުއަރީ ގެ އިސްތިއުފާގެ ފަހުން ފުލުހުންނާއި ސިފައިން ހިންގި އަނިޔާވެރި ޖަރީމާތަކަށް ޒިންމާނަގަންޖެހޭ ފަރާތްތަކާއި، ސަލާމަތީ ބާރުތަކަށް ކޮމާންޑު އައީ ކޮން މަގަކުންކަން ތަހުގީގުގައި ސާފުކުރަންޖެހޭ ކަމަށްދެކި، އެމްޑީޕީން އެކަމަށް ބާރުއަޅާކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.

އަދި މި ބަޔާނުގައި، މިއަނިޔާވެރި ހާދިސާތަކުގައި އެމްޑީޕީގެ ސަޕޯޓަރުންނާއި (އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް)، މަޖިލިސް މެންބަރުންނާއި، މިނިސްޓަރުންނަށް ފުލުހުންނާއި ފުލުހުންގެ ހެދުން އަޅައިގެން ތިބި ގޭންގު މެންބަރުން، ހަމަލާދިނީ މުގުރާއި ޕެޕަރ ސްޕްރޭއާއި ކަރަންޓު މުގުރުން ކަމަށް ބަޔާންކޮށްފައިވާއިރު، ހައްޔަރުގައި ބައިތިއްބާފައި ތިބި ތިބިމުގައި މަޖިލިސް މެންބަރުން ހިމެނޭގޮތަށް، އެތައް ބައެއްގައިގައި ތަޅާފައިވެއެވެ. މިއަނިޔާތަކުގެ ޝިކާރައަކަށް ވީފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިމުސްތަގިއްލު މުރާޖައާގެ އެއް މަގުސަދުކަމުގައި ވާންވާނޭކަމަށް، އެމްޑީޕީން ދެކޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.