ފާދިއްޕޮޅު ނައިފަރުގައި މިރޭ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް އޮންނާނެ

ފާދިއްޕޮޅު ނައިފަރުރުގައި އެމްޑީޕީގެ ވަރަށް ޚާއްސަ ކުއްލިޖަލްސާ އެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމުގައި ނައިފަރުން ހާމަކޮށްފިއެވެ.

ފާދިއްޕޮޅުގެ ހުރިހާ ރަށަކުން ބައިވެރިވާ މިޖަލްސާ އަކީ މިރާއްޖޭގެ ރައްޔިތުން މަލްޓިޕާޓީ ނިޒާމެއްގެ ތެރެއިން ގެނެސްދީފައިވާ ޑިމޮކްރެޓިކް ވެރިކަން ބަޣާވާތްކޮށްގެން ވައްޓާލި ވައްޓާލުމާ ދެކޮޅަށް އެއަތޮޅުގެ ރައްޔިތުން ނުކުތުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ވަރަށް ޚާއްޞަ ޖަލްސާ އެއްކަމަށް އެމްޑީޕީގެ ނައިފަރު ދާއިރާއިން ޚަބަރުދެއެވެ.

ނައިފަރުން މައުލޫމާތު ދެއްވަމުން ދާއިރާގެ ނާއިބުރައީސް ވިދާޅުވީ 2007 ވަނައަހަރުގެ ނޮވެންބަރ 10 ވަނަ ދުވަސް މަތިންވެސް ހަނދާން އެބަހުރިކަމަށާއި މީ އެދުވަސް ނޫންކަން ދިވެހި ފުލުހުންނާއި ސިފައިންނަށް ހަނދާންކޮށް ދޭން ބޭނުންވާކަމުގައެވެ.

އެހެންކަމާއެކު ފާދިއްޕޮޅުން މާލެއަށް އަންނަ އެއްވެސް ބަޔަކު ހުއްޓުވައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފް އަމަލެއް ފާދިއްޕޮޅުގެ ރައްޔިތުންނާ މެދު ދިވެހި ފުލުހުން ނުހިންގުމަށާއި، އެފަދަ ޢަމަލެއް ހިންގައިފިނަމަ ރާއްޖޭގެ ތާރީޚުގެ ތެރެއިން ހިތާމަވެރި އާޞަފްހާއެއް ހުޅުވިގެންދާ ވަރުގެ ހިތާމައެއް ކުރަންޖެހިދާނެކަމަށް ވެސް ފާދިއްޕޮޅުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މިރޭގެ ޖަލްސާ އަކީ މި މަހުގެ ސަތާރަ ވަނަ ދުވަހު މާލެ އައުމަށްޓަކާ ބާއްވާ ޖަލްސާއެއްކަމަށާ، ޖަލްސާއަށް ހުރަސްއަޅާ ގާނޫނު އަސާސީން ލިބިފައިވާ އެއްވެސް ޙައްގަކަށް ހުރަސް އަޅައިފިނަމަ އެކަމެއް ކުރިބަޔަކު ދުވަހަކުވެސް ހިތުން ނުފިލާވަރުގެ ފިލާވަޅެއް ލިބިގެންދާނެކަމުގައެވެ.

އިތުރަށްވާހަކަ ދައްކަވަމުން ނާއިބް ރައީސް ވަނީ އަތޮޅުކައުންސިލްގެ މެންބަރުންގެ އެކަމަޑޭޝަން ބްލޮކަށް ވަދެ ޕީޕީއެމަށް ނިސްބަތްވާ ދެމީހަކު ކައުންސިލަރުންނަށް އިންޒާރު ދެމުން އެބަގެންދާކަން ފާހަގަކުރައްވާ، އެކަން ކުއްވެރިކުރެއްވިއެވެ.

ތަޅާފޮޅުމަކުން މިކަންކަން ޙައްލު ކުރަންބޭނުންވާ ނަމަ ހަމަޔަގީނުންވެސް އެމްޑީޕީ ބަލިކޮށް ނުލެވޭނެކަމަށާއި ރާއްޖޭގެ ރަށްރަށުގެ އަމާންކަމާ އިސްތިގްލާލަށް އަރައިގަނެ ރައްޔިތންނަށް ބިރުނުދެއްކުމަށް މަސައްކަތް ނުކުރުމަށްވެސް ނަޞޭހަތްތެރިވެލެއްވިއެވެ.