އެމްޑީޕީގެ މެންބަރުންގެ ހިއްވަރަށް ސާބަސް ދަންނަވަން – ރީކޯ މޫސަ

muzaahara-18

ރައްޔިތުންގެ ފުރިހަމަ އަޣްލަބިއްޔަތުން އިންތިޚާބު ކޮށްފައިވާ ޑިމޮކްރެޓިކް ސަރުކާރު ކުއްލި ބަޣާވާތަކުން ވައްޓާލައި، މިހާރު ވެރިކަން ކުރަމުންދާ ބާޣީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެކަމަށްޓަކައި އެފަރާތްތަކަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ޝުކުރުއަދާކުރައްވައިފިއެވެ.

ބަޣާވާތާއި ދެކޮޅަށް މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ސުލްހަވެރި ހިނގާލުމުގައި، ސަލާމަތީ ބާރުތަކުން ބޮޑެތި، ސީރިއަސް އަނިޔާތަކެއްދީފައިވާ މޫސާ މަނިކު، ލަންކާގައި އޮންނަވައިގެން އެމްޑީޕީ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާގެ ޙާލު ރަގަޅުވިހާ އަވަހަކަށް މާލެ ވަޑައިގެން ބާޣީ ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ހިންގަމުންގެންދާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، ރާއްޖޭގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މަންމަ ކަމަށް ގިނަބަޔަކުދެކޭ، މާރިޔާ އަޙުމަދު ދީދީގެ އަރިހުގައި ފިހާރައެއްގެ ތެރޭގައި ހުންނަވަނިކޮށް، މޫސަ އަށް ސަލާމަތީ ބާރުތަކުން ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އޭގެ ސަބަބުން އޭޑީކޭގެ އައިސީޔޫގައި މޫސައަށް ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ލަންކާއަށް ގެންގޮސްފައެވެ.

“އަހަރެންގެ ގައިގައި ޖަހަން އުޅުނީމާ ރައީސް ވިދާޅުވި އަނިޔާ ނުކުރައްޗޭ. ބުނި ކަލެއަކަށް ނޭނގޭނެޔޭ، ކަލޭ ކޮން ބާރެއްހޭ އޮންނާނީ. ދެން އަހަރެން ބުނިން ތަޅާށޭ، އެހެން ބުނި އިރު ދެތިން ހަތަރު ގުއްޓު އަޅައިފި. އެމީހުން ބުނި ތަޅާލަން ބޭނުންވާ މީހެކޭ ތިއީ. ދެން ވައްޓަމުން ގޮސް ދޮރުމައްޗަށް ވައްޓާލާފައި ކުރިމަތި ފަރާތުގައި ޖެހީ. ދެން ތަޅަނީ އަންނަ ކޮންމެ މީހަކު.” އޭޑީކޭގައި އޮންނަވައިގެން ރާއްޖެ ޓީވީއާ ވަރަށް އުނދަގުލުން ވާހަކަދައްކަވަމުން މޫސަ އެރޭ ވިދާޅުވިއެވެ.

އަދި މޫސަ އިތުރަށް ވިދާޅުވީ ސޯޓުބުރިއެއް ލައިގެން އާދައިގެ ހެދުމުގައި ހުރި ފުލުސް މީހަކު އައިސް ބޭނުންވަނީ ސިކުނޑި އަށް މީތި ވައްދާލާށޭ ކިޔާފައި އެއްޗަކުން ޖެހި ކަމަށާއި އެ ހަމަލާގައި އޭނާގެ ބޮލުން ދެ އިންޗި ފެޅުނު ކަމަށެވެ. އަދި “ލޭ ނުފެންނަ ގޮތަށް ބަހައްޓާށޭ، މަރުވާނޭ” ވެސް އެތަނުން ފުލުހަކު ބުނިކަމަށް މޫސަ ވިދާޅުވިއެވެ.

“ކިތަންމެ އަނިޔާއެއް ދިން ކަމުގައި ވިޔަސް އެމްޑީޕީގެ ދިފާއުގައި ނިކުންނާނަން. ކިރިޔާ ނިކުމެވޭ ވަރު ވިޔަސް އެމްޑީޕީގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ ހައްގުގައި މި ބާޣީ ސަރުކާރާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތެއްގެ އެންމެ ކުރީ ސަފުގައި ހުންނާނަން.” ފަރުވާއަށްފަހު، މިހާރު ހާލު ރަގަޅުވަމުން އަންނަ މޫސަ ވިދާޅުވިއެވެ.