ވެރިކަން ހިސޯރުކޯށްގެން އެ އިން ވަހީދު ހަމަ މިހާރުން މިހާރަށް އެ ގޮނޑިން ބޭލުމަކީ އަޅުގަނޑުމެނަށް ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް – ރައީސް ނަޝީދު

ވެރިކަން ހިސޯރުކޮށްފައިވާ ޑރ.މުހަންމަދު ވަޙީދު ޙަސަން މަނިކު މިހާރުން މިހާރަށް އެ ގޮނޑިން ބޭލުމަކީ އަޅުގަނޑުމެނަށް ކުރަން ޖެހިފައިވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ދިވެހި ދައުލަތުގެ ޖުމްހޫރިއްޔާގެ އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އާރޓިފިޝަލް ބީޗްގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޑރ.ވަޙީދު ވެރިކަން އަތުލެއްވީ ޒަމާނީ މިނިވަން ކަމުގެ ރޫހާއި ޑިމޮކްރަސީގެ އުސޫލުތައް ފަނޑުކޮށްލުމަށްޓަކައި އަނެއްކާ ވެސް ކުރީގެ ގޮތް ހިތްޕަވައިގެން ކަމަށެވެ. ފައިސާގެ ދަހިވެތި ކަމުގައި ވިޔަސް އަދި އެނޫން ސަބަބަކާ ހުރެ ނަމަވެސް ރާއްޖޭގެ މިފަހުގެ ތާރީޚްގައި ވެސް މި ނޫނީ ބަނޑޭރިގެ ހައްލާލެވުނު ފަހަރެއް ނެތް ކަމަށާއި، ޒަމާންތަކެއް ވަންދެން ފުލުހުންނާއި ސިފައިން މިރާއްޖޭގެ ރިތީ ނަން ދަމަހައްޓާފައިވީ ނަމަވެސް މިދިޔަ އަންގާރަދުވަހަށް ފަހު ފުލުހުންނާއި ސިފައިންގެ ސަބަބުން ރާއްޖޭގެ ނަން ވަރަށް ބޮޑަށް ކިލަނބުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފައިސާވެރި މަހުޖަނުން ވެގެން ދުވަސްވީ މުޥައްސަސާތައް ކިލަނބުކުރަމުންދާ ކަމީ ހިތާމަހުރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށާއި، އެކަމަށްޓަކައި ތަރައްޤީއަށް މަގުފަހިވާނެ ނިޒާމެއް ގެނައުމަކީ މުޙިއްމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން، ރައްޔިތުންގެ ވޯޓަކުން ކަމަށްވީ ހިނދު، ރައްޔިތުން އިންތިޚާބު ނުކުރާ، ރައްޔިތުންގެ ލޯބި ނެތް ވެރިއަކަށް ވެރިކަން ނުކުރެވޭނޭ ކަމަށް ވެސް ރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބީ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

އަދި އަލުން އަނބުރައި ވެރިކަމަށް ވަޑައިގަންނަވާނޭ ކަމަށާއި، އިންތިޚާބެއް ބޭއްވުމަށް ކުރެވެނ ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.