މިގައުމުގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ވައްޓާލި މީހުންނަށް ދުވަހަކުވެސް މާފެއް ނުކުރާނަން – އިންތި

dharubaaruge-10-02-12-1211

މިގައުމުގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ވައްޓާލި މީހުންނަށް ދުވަހަކުވެސް މާފުނުކުރައްވާނޭ ކަމަށާއި، އަލުން ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްކޮށް، އެ ވެރިކަމުގެ ރައީސަކަށް ރައީސް މުޙަންމަދު ނަޝީދު ހައްދަވާނޭ ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިންސާފުގެ ދަތުރުގެ ނަމުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްސަ ޖަލްސާ ގައި ވާހަކަފުޅުދައްކަވަމުން އިންތި އިތުރަށް ވިދާޅުވީ މި ގައުމަށް ގެނެވިފައިވަނީ ބަޣާވާތެއް ކަމަށާއި، އެ ބަޣާވާތް އޭނާ އާއި އޭނާ ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ އެންމެހާ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިންތި ވިދާޅުވީ ޤާނޫނު އަސާސީއާއި އެންމެ ގާތުން ވެރިކަން ހިންގެވި ބޭފުޅަކީ ރައީސް ނަޝީދު ކަމަށާއި، ޢަބްދުﷲ ޤާޒީ ސަލާމަތީ ބާރުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށްވާތީ ކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން ޢަބްދުﷲ ގާޒީ ހައްޔަރުކުރުމަށް މިރޭ ވެސް އިންތި ގޮވާލެއްވިއެވެ.

ޢަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން މާލޭގެ މަގުތަކުން ފެނިގެން ދިޔައީ މުޒާހަރާ ނޫން ކަމަށާއި އެއީ ބަޣާވާތްތަކެއް ކަމަށް އިންތި ވިދާޅުވިއެވެ. އެ ބަޣާވާތްތަކުގައި ބައިވެރިވީ ރައްޔިތުންގެ ތެރެއިން އެންމެ 150 ނުވަތަ 200 މީހުން ކަމަށާއި އެ ބަޣާވާތުގައި ގޮވާލީ އަނިޔާވެރިކަމަށާއި، ބޮޑެތި ޖަރީމާތައް ހިންގުމަށް ކަމަށް ވެސް އިންތި ވިދާޅުވިއެވެ. އަދި އެކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ފިޔަވަޅެއް ނޭޅުނު ކަމަށާއި، އެމްޑީޕީން ބޭއްވި ސުލްހަވެރި ހިނގާލުމަކަށް “ފާވެގަތް” ގޮތަށް ދަންވަރު ކޯޓުތައް ހުޅުވައިގެން އަމުރުނެރޭ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅެންވީ ކީއްވެތޯ އިންތި ސުވާލުކުރެއްވިއެވެ.

އަދި މި ބަޣާވާތްތައް ހުއްޓުވުމަށް މިނިވަން މުޥައްސަސާއަކަށް ވެސް ކުރެވުނު ކަމެއް ނެތް ކަމަށާއި، އެތަންތަނަކީ “އަމާބުނީތީ ފަރަށްދާ އުސޫލުން” ހިންގާ ތަންތަން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

މިރޭގެ ޖަލްސާ ގައި ރައީސް ނަޝީދު އިސްތިޢުފާދެއްވި ކަމަށް ބުނާ ދުވަހު ސިފައިންގެ ތެރޭގައި އެކަނިކުފާނުގެ އަރިހުގައި ހުންނެވި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒާއި، ރައީސް ނަޝީދުގެ ލީގަލް ސެކްރެޓަރީ ޙިސާން ޙުސައިން އާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވެސް ވާހަކަދެއްކެވިއެވެ.