ނޫސް ބަޔާން: ރ.މަޑުއްވަރީ އެމްޑީޕީ ގޮފިތަކުގެ ގުޅިފައިވާ ނޫސް ބަޔާން

mdp-logo-

މިހާރު މާލޭގައި ސަރުކާރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދިވެހި ރައްޔިތުންގެ ގެދޮރާއި މުދަލަށާއި، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމު ރައްޔިތުންނާއި އަމަން ބަލަހައްޓާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި، ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މަޑުއްވަރީގެ އެމްޑީޕީގެ ގޮފިތަކުން ގޮވާލަމެވެ.

ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ދިވެހިސަރުކާރުން ކުރައްމުން ގެންދަވާ ބުރަމަސައްކަތް ހުއްޓުވުމަށް އިދިކޮޅުފަރާތްތަކުން ކުރަމުން އެގެންދާ މަސައްކަތަކީ މިޤައުމުގައި ކުރިން ވެރިކަންކުރި ހުދުމުޚްތާރު ވެރިކަމުގެ ތިރީސް އަހަރުގައި ކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ކަމަށް ވެސް މިރަށުގެ އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ސަޕޯޓަރުން ދެކެމެވެ. އަދި ޤާނޫނީ ގޮތުން އިންތިޚާބްކޮށްފައިވާ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، މިގައުމުގައި ކުރިން ވެރިކަންކުރި ޚުދުމުޚްތާރު ވެރިޔާގެ ވެރިކަމުގައި ލިބެންނެތް، އިންސާނީ އަސާސްތައް ލިއްބައިދީ، ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގެ އިތުރުން ވެރިކަމުގައި ހޭދަކުރެއްވި މަދު ދުވަސްކޮޅު ތެރޭގައި ރާއްޖޭގެ ރަށްތަކަށް ގެނުވި ތަރައްޤީގެ ބޮޑު މަންޒަރުތައް ފެނުންވީ، ވެރިކަން ބޭނުންވެގެން ނިކުމެތިބި އިދިކޮޅު ފަރާތްތަކުގެ ހިތްތަކަށް ޖެހުނު ހާރޓް އެޓޭކެއް ކަމުގައެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ސަރުކާރަކީ ލާދީނީ ބައެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން މިރަށުގެ އެންމެހައި މެމްބަރުން އެންމެ ހަރުކަށި ޢިބާރާތުން ތަކުރާރު ކުރުމާއި އެކު ކުށްވެރިކުރާ ކަމަށާއި، ސަރުކާރާއިމެދު ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ޤާނޫނީ ސަރުކާރާއިމެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތައްބަލައި، އަތްފުނާއަޅާ ހޯދައި، އެފަދަ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޤައުމުގައިވާ ހަމަޖެހުން ނަގާލާ މިޤައުމުގައި ހަލުވިކަމާއި އެކު ކުރިޔަށްދާ ތަރައްޤީގެ ޕްރޮގްރާމްތަކާއި، ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތަކުގެ ވާހަކަ އޮއްބާލުމަށް ފަތުރަމުންދާ އެއްވެސް ޙަޤީގަތެއްނެތް ވާހަކަ ތަކެއް ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަމެވެ.
މިމުޒާހަރާތަކާއި އަދިވެސް އިދިކޮޅު ފަރާތްތަކުން އިސްވެތިބެ ރައްޔިތުންނަށް އަވާމެންދުރު ދައްކައިގެން، ސަރުކާރު ޒިންމާދާރުކުރުވުމުގެ ނަމުގައި ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ކުރާ ތަފާތު އެކިކަންތައްތަކުގައި ރ.މަޑުއްވަރީ ދާއިރާގެ މެމްބަރ ވިސާމް އަލީ ބައިވެރިވަމުންދާތީ، މިކަން މިރަށުގެ އެންމެހާއި އެމްޑީޕީ މެމްބަރުންނާއި އަދި ސަރުކާރަށް ތާއިދު ކުރާ މިރަށުގެ އެންމެހައި ފަރާތްތަކުން ކުށްވެރިކޮށް މިފަދަ މުޒާހަރާތަކުގައި ބައިވެރިވުން ހުއްޓާލުމަށް އިއްޒަތްތެރި މެމްބަރަށް ގޮވާލަމެވެ.

ވިސާމް އަލީ ރ.މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް މިދާއިރާގެ ރައްޔިތުން އިންތިޚާބްކުރީ ސަރުކާރަށް ޖެއްސުންކުރުމަކަށް ނޫނެވެ. އިދިކޮޅު ފަރާތްތަކުންކުރާ ތާކުންތާކު ނުޖެހޭ މުޒާހަރާތަކުގައި ބައިވެރިވެ ބޭކާރު ގޮތުގައި ވަގުތުތައް ނަގާނުލަމަށާއި، މަޑުއްވަރީ ދާއިރާގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް އިއްޒަތްތެރި މެމްބަރަށާއި، ފިރިކަލުން، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަށް ޑީ.އާރް.ޕީ ދޫކުރައްވާ ސަރުކާރުހިންގާ ޕާޓީއާއި ގުޅިވަޑައިގަތުމަށް މަޑުއްވަރީގެ އެމް.ޑީ.ޕީގެ މެމަބަރުންނާއި ސަޕޯޓަރުން ގޮވާލަމެވެ.

ބަޔާން ނެރުނީ:

ޖަމީލާ ޙަސަން – އަންހެނުންގެ ގޮފި
އަޙްމަދު މުޙައްމަދުފުޅު – މަސްވެރިންގެ ގޮފި
ހުސައިން ޝިހާމް – ޒުވާނުންގެ ގޮފި