ނޫސް ބަޔާން: ކ.ގުރައިދޫ އެމްޑީޕީ އޮފީހުގެ ނޫސް ބަޔާން

mdp-logo-150-x-157

މިހާރު ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލޭގައި ސަރުކާރުވައްޓާލުމަށް އިދިކޮޅު ފަރާއްތަކުން ކުރަމުންގެންދާ މުޒާހަރާއަކީ ދިވެހި ޤައުމުގެ ރީތިނަމާއި، އަބުރާއި، ޝަރަފުނަގާލާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލުވާލުމުގެ މަޤްސަދުގައި އެއްވެސް ޒިންމާދާރުކަމެއްނެތި ގައުމު ފަސާދަކޮށް ތިމާމެން އެކަމަކަށް ބޭނުންވެގެން ފެންބޮވައިފައިތިބި މިޤައުމުގެ ވެރިކަން ގަދަކަމުން ނަމަވެސްފޭރުމަށް ހިންގާ ފިނޑި ޖަރީމާއެކެވެ. މިފަދަ ޢަމަލުތައް އަޅުގަނޑުމެން އެމް.ޑީ.ޕީ. ކ.ގުރައިދޫ އޮފީހާއި، ގޮފިތަކުން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ.

ޑިމޮކްރަޓިކް މިޤައުމުގައި އެއެއްޗެއްގެ މައްޗަށް އަޅުގަނޑުމެން މުޅިޤައުމުގެ ރައްޔިތުން ބޯލަނބާ އެއަށް ޢަމަލުކުރަމުން މިގެންދަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށެވެ. އަދި އެ ޤާނޫނު އަސާސީގައިވާ މިނިވަންކަމާއި، ހައްޤުތަކަށް ކަމަށްވީހިނދު، އެޤާނޫނު އަސާސީން ރައްޔިތުންނަށް އަދުލު އިންސާފް ލިބިދީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަކީ، އަދި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށްދީ, ރައްޔިތުންގެ ލެޔާއި، މުދާ އޭގެއެންމެ ފުރިހަމަޔަށް ރައްކާތެރިކޮށްދިނުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާ ކަމެއްކަމުގައިވާތީއާއި، ދިވެހިރާއްޖޭގެ ވަލިއްޔުލް ޢަމްރުގެ ހައިސިއްޔަތުންނާއި، ޤައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންވެސް އެމަނިކުފާނުގެ ވާޖިބަކަށްވާތީ ޝަރުޢީނިޒާމް ހަމަމަގަށްއަޅުވާ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް ސަރުކާރުން އަޅުއްވަމުން ތިގެންދަވާ ފިޔަވަޅުތަކަކީ މާކުރިންވެސް އަޅަންޖެހިފައިވާ ފިޔަވަޅުތަކެއްކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. މިހާރު ތިޔައަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށް އަޅުގަނޑުމެން ނިހާޔަތަށް ތާއީދުކުރަމެވެ.

ކުރިމިނަލްކޯޓްގެ އިސްޤާޒީ އަބްދުﷲ މުހަންމަދުގެ ޢަމަލުފުޅުތައްހުރިގޮތުން ޤައުމުގައިތިބި ބޮޑެތި ޖަރީމާތަށް ހިންގާފަރާތްތައް ހިމާޔަތްވެ، ނިކަމެތި ރައްޔިތުންގެ ލެޔާ، ފުރާނަ، އަދި މުދާގެއްލި ގޮސްފައިވަނީ އޭނާހުކުމް ކުރުމުގައި ފަސްޖެހި، ބައެއް ސިޔާސީ މުޖުރިމުންނާއި، ނިމިދިޔަ ސަރުކާރުގައިތިބި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވެފައިތިބި ބައެއްގެ މުށުތެރެގައި އޭނާ ހުރުމުންކަން ދޭހަވެއެވެ. އެއީ މާތްﷲގަންދީ ހުވާކޮށްގެންހުރެ ﷲގެ ހުކުމް ކުރުމަށް ހުރި އިންސާނެއްގެ ކިބައިން ފެންނާން ޖެހޭ ޢަމަލުތަކެއްކަމަށް އަޅުގަނޑުމެން ޤަބޫލެއްނުކުރަމެވެ. އަދިމީގެ އިތުރުން ޤާނޫނާއި ޚިލާފަށް މީހުންހައްޔަރު ކުރުމަށް ހުކުމް ނެރެދީ އޭނާ ބޭނުން ނޫން ވަގުތެއްގައި ނަމަ ޤާނޫނުނާއި ޚިލާފަށް ހައްޔަރު ކުރެވިފައިވާކަމަށް ބުނެ މީހުންދޫކުރަމުން ދިޔުމަކީ އެއްވެސް އުސޫލަކުން އޭނާއަށް ކުރެވުދާނެ ހުކުމެއް ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަމެވެ. އެގޮތުން އެއްކަމެއްގައި ދެމީހަކަށް ދެގޮތަށް ހުކުމްކުރިކަންފަހަގަކުރަމެވެ. (އެއީ ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ޤައްސާނާއި، އެމް.ޑީ.ޕީ. އެކްޓިވިސްޓް އިލްހާމްގެ މައްސަލައެވެ.) އިލްހާމްގެ މައްޗަށް ތުހުމަތު ކުރެވުނީ ދައުލަތުގެ މިލްކަކަށް ގެއްލުންދިންކަމުގެ ތުހުމަތެވެ. ޣައްސާނުގެ މައްޗަށް އުފުލުނީ ގަސްދުގައި މީހެއްގެ ފުރާނަ ގެއްލިދާފަދަ ޢަމަލެއް ހިންގިކަމުގެ ތުހުމަތެވެ.) ޣައްސާނު ހައްޔަރު ކުރެވުނީ ޤާނޫނާއި ޙިލާފަށްކަމަށް ބުނެ ހުކުމް ކުރިއިރު، އިލްހާމު ފުލުހުންގެ ބަންދުގައި ބައްހައްޓައިގެން ތަހުޤީޤް ކުރުމަށް ހުކުމް ކޮށްފައިވެއެވެ. މިފަދައިން އިންސާފް ކުރެވެމުންދާއިރު ކޯޓްތަކުގެ އިންސާފާމެދު ރައްޔިތުން ވާހަކަ ދެއްކުމަކީވެސް ކުށެއްކަމުގައި އެފަރާތްތަކުން ބުނަމުންގެންދެއެވެ.

ކޯޓްތަކަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުރީގެ ރައީސް މައުމޫނުގެ އެއްބަފާ ކޮއްކޮ ޢަބްދުﷲ ޢަލްގީންގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމްގެ މައްސަލަ، ކުރީގެ އެޓޯލްސް މިނިސްޓަރ މައުމޫނުގެ ކޮއްކޮ ޢަބްދުﷲ ހަމީދުގެ މައްސަލަ، އޭދަފުށީ ދާއިރާގެ މެންބަރ އަހުމަދު ސަލީމްގެ މައްސަލަ ނުބެލި އަހަރުތަކެއް ވެފައި ވާއިރު މީގެތެރެއިން އެއްބައި މީހުން ކޯޓަށް ހާޒިރު ކުރުމަށްވެސް ޝަރުޢީ ދާއިރާގެ މިމައްސަލަ ބަލާކޯޓްތައް ނުކުޅެދިފައިވުމުން ދޭހަކޮށްދެނީ އެފަރާތްތަކަކީ ޤާނޫނަށް ވުރެމަތީގައި ތިބި، ޤާނޫނަށް ބޯލަނބަން ނުޖެހޭ ބައެއްކަމެވެ. މީގެތެރޭގައިވެސް ޤާނޫނުހަދާ މަޖިލިހުގެ މެންބަރުންތިބިކަމީ މިޤައުމު ހަމަމަގަށް ނޭޅިދާ އެއްސަބަބު ކަމަށް ޤަބޫލުކުރެވެއެވެ. މިއީޤާނޫނީ ގޮތުން މިޤައުމުގައި އުފެދިފައިވާ ސަރުކާރަކުން މިބައިމީހުން ހަމަގަށް ނެރެ ހައްޤުލިބިދޭންޖެހޭނެ ކަންކަމެވެ. އެކަމުގައި ސަރުކާރުންކުރާ އެންމެހާ ޚަރަކާތްތަކަކީ ސަރުކާރުން ކުރަންޖެހޭނެ ކަންކަންކަމުގައި ދެކެމެވެ. ޤާނޫނުގެ ވެރިކަންދަމަހަށްޓައި ޤާނޫނުގައިބުނާ ހަމަހަމަކަމާއި، އިންސާފު ޤާއިމްކުރުމުގައި އަބަދުމެ ދެމިތިބުމަކީ އަޅުގަނޑުމެން މިއޯގާތެރި ސަރުކާރާއެކުގައި ދެމިތިބި އެންމެބޮޑު ހަޤީޤަތެވެ. މިކަމުގައި ނުފުރޮޅޭ އެންމެ ގާކޮޅެއްވެސް ނުބޭއްވުމަށް ސަރުކާރަށް ގޮވާލަމުން މިހާރު ކުރިޔަށްދާ މުޒާހަރާތަކުގައި ފުލުހުންނާއި، ސިފައިންނަށް، އަދިދައުލަތުގެ މުދަލާއި، ދައުލަތުގެ މީޑިޔާގެ ނޫސްވެރިންނަށް ހަމަލާދީ ގެއްލުންތަކެއްދީފައިވާތީ އެއަމަލަށް ގޮވާލި އެންމެހާ ފަރާތްތަށް ހިފާހައްޔަރުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެނައުމަށާއި، ސަރުކާރަކީ ލާދީނީ ސަރުކާރެއްކަމަށް ބުނަމުންދާ އެންމެހާ ފަރާތްތައް ހައްޔަރު ކޮށްގެންނަމަވެސް އެކަން ތަހުޤީޤްކޮށް އިންސާފް ހޯދައިދިނުމަށް ގޮވާލަމެވެ. އަދި ޤައުމު ފަސާދަކުރުމަށް ހޭދަކުރަމުން ގެންދާ ބޮޑެތި މަހުޖަނުންގެ އެޢަމަލު އިންތިހާދަރަޖަޔަށް ކުށްވެރިކުރާ ހާލު އެޢަމަލުތައްވެސް ތަހުޤީޤް ކުރަންޖެހޭ ކަމަށްދެކެމެވެ.

މިފަދައިން ޖުމްހޫރީ ޕާޓީގެވެރިޔާ ޤާސިމް އިބްރާހިމް ދައްކަވާފައިވާ ވާހަކަތައް އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ. އެމަނިކުފާނު މިޤައުމު ދަރާފައިވާ ވާހަކަ ދައްކަވަމުން ވަޑައިގަންނަވާއިރު އެންމެބޮޑަށް މިޤައުމުގެ ރައްޔިތުން ދަރާފައިވަނީ ވޯލްޑް ބޭންކުން ދިވެހިރާއްޖޭގެ ރައްޔިތުންނާއި، ޤައުމު މޯގޭޖްކޮށް ޤާސިމްއަށް ދިން ބޮޑުލޯނުގެ ސަބަބުންކަން ހަނދުމަނެތިވުމަކީ ހެއްވާކަމެކެވެ. ރައްޔިތުން ދެކެލޯބިފުޅުން ނިދިނައިސްގެން ދުވެވަޑައިގަންނަވާއިރު 2012 ގެ ދައުލަތުގެ ބަޖެޓްއަށް ސަރުކާރުން މިޤައުމުގެ ރައްޔިތުންގެ ހައްޤުގައި ހިމެނުއްވި އެކަނިވެރިމައިންނާއި، ބަފައިންނަށް، ދިވެހި ރައްޔިތުންގެ ދަރިންނަށް ފޮތް ދިނުމަށް، 65 އަހަރުވީ މުސްކުޅިންނަށް، ކަރަންޓާއި، ފެނުގެ ސަބްސިޓީޒް ދިނުމާއި، ނުކުޅެދޭ މީހުންނަށް ދިނުމަށް ބަޖެޓްކުރި ފައިސާ އުނިކުރުމަށް ހުށައެޅީ ކިހާ އިހުލާސްތެރިކަމެއް ހުރެގެންތޯ؟ އަމިއްލަ ނަފުސާ ސުވާލުކޮށްލަން ނުޖެހޭތޯއެވެ. މިމަނިކުފާނު ރައްޔިތުންގެ މާލިއްޔަތާއި،ހަވާލުވެ ހުރިއިރު (މައުމޫނުގެ ވެރިކަމުގައި) މާލެއިންނާއި، ތިލަފުށިން، ހުޅުމާލެއިން ރައްޔިތުންގެ ބިންތައް ނުހައްޤުންނަގައި ހިސޯރުކޮށްގެން އެހުންނަވަނީ ހަމަ ރައްޔިތުންދެކެ ލޯބިވާ ވަރުންތޯ؟ އަދިމިސަރުކާރުން ޣައިރުގާނޫނީ ކަންތައްތަކެއް ކުރައްވާކަމަށް ވިދާޅުވާއިރު ހޯމްމިނިސްޓަރަކަށް މިސަރުކާރުގައި ހުރިއިރު ރީތިރަށްރިސޯޓްގައި މަސައްކަތްކުރި ދިވެހިމަސައްކަތްތެރިންތަކެއް އެމީހުންގެ ހައްޤު ހޯދުމަށް މުޒާހަރާ ކުރުމުން ލޮލަށް ކަރުނަގޭސްޖަހައި، ބިޑިއެޅުވީ ތިމާގެރިސޯޓްތަކުގައި މުސާރަނުދީ މަސައްތް ކުރުވަމުންދާ މުއައްޒަފުން މަދަނީ ބަސްނެހުމަކަށް ހިނގައިދާނެކަމުގެ ބިރަށްޓަކައި ހިންގި ޖަރީމާއެއް ނޫންތޯ ސުވާލުއުފެދެއެވެ. އަދި މާތްﷲ ދެއްވި މުއްސަނދިކަމަކީ މީނަގެގަދަފަދަކަމާއި، ބާރުންހޯދި އެއްޗެއްކަމަށް ބުނެ ކުފުރުގެ ބަސްތައް ބުނެވޭފަދަ ހާލުގައި ‘މޮޔަފުޅު ވިޔަސް މިޤައުމުގެ ވެރިކަމާއި، ތިމާކުފޫ ހަމަވޭތޯ ވިސްނާލުމަށް ހަނދާން ކޮށްދެމެވެ. މިޤައުމުގައި މިހާރު ހިނގަމުންމިދާ ހަމަނުޖެހުންތަކުގައި ތިމާނިކުމެ ވާހަކަދައްކަވާއިރު މިކަންކަމަށް ޚަރަދު ކުރައްވާ ފަރާތަކާމެދު ސުވާލު އުފެދެއެވެ. ސަރުކާރު ހިންގުމަށް ހުރަސްއެޅުމަށް މަޖިލީހުގައި ޑީ.އާރު.ޕީ. އަދި ޕީ.ޕީ.އެމް ކުރައްވާ މަސައްކަތުގައި ތިމާގެ ރޯލް އޮތީ ކިހާވަރަކަށްތޯ؟ މިސަރުކާރަކީ ޤާނޫނީ ގޮތުން ރައްޔިތުން 5 އަހަރަށް ހޮވާފައިވާ ސަރުކާރެއް ކަމަށްވީ ހިނދު އެކުރައްވާ ކަންތައްތަކަކީ ޖަރީމައެއްނޫން ދެން ކޮންކަމެއްތޯ؟ އަދި ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ސަރުކާރުގެ އިޤްތިސާދީ އެޖެންޑާގެ ދަށުން ހުށައަޅާފައިވާ ޓެކްސްތަކުގެ ތެރޭން ޖީ.އެސް.ޓީ. ނެގުމަށް ޤާސިމްއާއި، އެކުވެރިކުދިން ކޮޅުލައްވާ ތާއީދުކޮށް ތިމާމެން ބިލިޔަނަރުންގެއަތުން އިންކަމްޓެކްސް ނެގުމަށްހުށައެޅި ބިލް ފޫދަށަށްލައިގެން އެހުންނަވަނީ ތެދުވެރި، ވަފާތެރި އަޅަކަށްވާތީތޯ ސުވާލު އުފެދެއެވެ؟

ހަމަމިފަދަ އަނެއްމީހަކީ މަޖިލިސް އިންތިހާބުގައި ޑީ. އާރް.ޕީން ޓިކެޓްނުދީ ބޭރުކޮށްލި މިދާއިރާ (ކ.ގުރައިދޫ ދާއިރާގެ މެންބަރ އިބްރާހިމް ރިޒާ)އެވެ. މީނާއަކީ އަމިއްލަ މެންބަރެއްގެ ގޮތުގައި ގުޅި، މާފުށި، ގުރައިދޫގެ ހުރިހާޕާޓީއެއްގެ، އަދި ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުން އެބައިމީހުންގެ އަޑު އުފުލުމަށް މަޖިލީހަށް ހޮވިމީހެކެވެ. ނަމަވެސް ހިތާމަޔާއެކު ދަންނަވަންޖެހެނީ ދާއިރާގެ ރައްޔިތުންގެ ހައްޤަށްވުރެ މިހާތަނަށް ކުރިމިނަލްކޯޓްގެ އިސް ޤާޒީގެ ހައްޤު މާބޮޑު ކަމަށް ދެކި ވަކާލާތު ކުރެއްވުމަކީ އެ ރައްޔިތުންގެ ހައްޤުނަގާލައި އެމީހުންނަށް ކުރި ބޭއިންސާފާއި މަލާމާތް ކަމުގައި ދެންނެވުމަކީ ކުށެއްކަމުގައި ނުވާނެއެވެ. މިމޭރުމުން 2012 އިގެ ބަޖެޓާއިބެހޭގޮތުން ގުރައިދޫ ދާއިރާގެ މެމްބަރު ރިޟާ ދެއްކެވި ވާހަކައިގައި 2007ވަނައަހަރު ގުރައިދޫގެ ބަނދަރުގެ މަސައްކަތަށް ހަތްމިލިއަން ރުފިޔާ ކަނޑައެޅި، 2008ވަނަ އަހަރުނިމިދިޔައިރު އެފައިސާއަށްވީގޮތެއް ނޭންގޭކަމަށް ވިދާޅުވެ، އިތުރުފުޅުހެއްދެވިއިރު އެފައިސާ ބޭނުންކުރެވުނީ 2008 ވަނައަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަޢުމޫންގެ ކެމްޕެއިނަށްކަން ނޭންގިއޮތުމަކީ އެމަނިކުފާނުފަދަ ބޭފުޅަކަށް ނޭންގި އޮންނާނެކަމެއްކަމަށް އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށްހޮވި އަބަދުމެ މަޢުމޫނާއި، ޔާމިނު އަދި ނާޒިމްފަދަ ބޭފުޅުންގެ ހިޔަނީގައި އެމަނިކުފާނު އުޅުއްވާ އުޅުއްވުމެވެ. އަދި ހަމައެދުވަހުގެ ޖަލްސާގައި ދާއިރާގެ ގުޅިއާއިމެދު ދެއްކެވި ވާހަކާގައި އިތުރުފުޅުހައްދަވާ އެއިރުގެ ސަރުކާރުން ( މަޢުމޫނު ސަރުކާރުން ) ގުޅީގެފަޅުކޮނެދެއްވިކަމަށް އަދި ގުޅީގެ ރައްޔިތުން މިހާރު ކަރަންޓުގެ ޚިދުމަތުން މަހުރޫމްވެ ތިންހަތަރުރޭ ކަނުއަނދިރީގައި ހޭދަކުރިކަމަށާއި ގުރައިދޫފަދަ ސްޓެލްކޯގެ ކަރަންޓްލިބޭ ރައްރަށުގައި ސާރޗާޖްގެ ގޮތުގައި 2000 އާއި 3000 ދެމެދުގެ އަދަދެއް ބިލަށް އިތުރުކުރެވިފައިވާކަމަށް ވިދާޅުވެ ހައްދަވާފައިވާ ރޯބުހުތާން ދޮގުތައް މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އެމަނިކުފާނަށް މިދާއިރާއަށް ކަމެއްނުކޮށްދެއްވޭއިރު ދާއިރާގެ ރައްޔިތުން އިތުރަށް މާޔޫސްކޮށް ސަރުކާރާއި ޖެއްސުމަށް ކުރަމުންގެންދާ އެންމެހައި ޢަމަލުތައް ނިހާޔަތަށް ކުށްވެރިކުރަމެވެ.

ވީމާ ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަށް ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެ ފުރަތަމަ ހައްޤަކީ އަދުލު އިންސާފް ޤާއިމް ކުރުންކަމުގައި އަޅުގަނޑުމެން ދެކޭތީ ސަރުކާރުން މިކަމާމެދު އާޅުއްވަމުން ގެންދަވާ އެންމެ ފިޔަވަޅުތަކަށް ތާއަބަދު ތާއީދު ކުރުންމަތީ ދެމިތިބޭނެ ވާހަކަދެންނެވީމެވެ. އަދި މިވަގުތުން ފެށިގެން ޤައުމު ފަސާދަކުރުމަށް ނިކުމެތިބި އެންމެ ފަރާތްތަކުން އެފަރާތް ތަކުން ކުރަމުން އެދާ ލަދުވެތިކަމެއް ނެތް ޒާތީ ތައައްސުބުންފުރިފާވާ ގޮތްކުޑަ އެޢަމަލު ހުއްޓާލުމަށް ގޮވާލަމުން އެއަމަލު ނިހާޔަތަށް ކުށްވެރިކުރުމަށް މި ނޫސްބަޔާން ނެރުނީމެވެ.