ބައެއް އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖެ ފަސާދަކުރުމަށް މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރެއް ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށާއި، ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ތާޢިދުކުރުމުގެ ގޮތުން މާފަންނު ހުޅަނގު ދާއިރާއިން (އެމްޑީޕީ) ނެރޭ ނޫސްބަޔާން
ސުލްޙަވެރި މުޒާހަރާގެ ނަމުގައި ސަރުކާރާއިދިކޮޅު ފަރާތްތަކުން މާލެތެރޭގައި މިހާރު ބާއްވަމުން ގެންދާ ސިލްސިލާ އެއްވުންތަކުގައި ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުން ދެމުން ގެންދިއުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި، މާތްވެގެންވާ އިސްލާމްދީނުގެ ޝަރީޢަތުގައި އަންގަވާފައިވާ އިމުގެ ބޭރުން، އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ ނޭއްގާނީ ޖަރީމާއެއްކަން ފާހަކޮށް މާފަންނު ހުޅަނގުދާއިރާގެ އެމްޑީޕީގެ އެންމެހައި މެމްބަރުން އެކަންކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ޙާލު އެފަދަ ޖަރީމާތައް މިހިނދުން މިހިނދަށް ހުއްޓާލުމަށް ހަރުއަޑުން ގޮވާލަމެވެ.
ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި އެތަކެއް ޢާންމު ރައްޔިތުންނަށާއި، ޢާންމު ޢިމާރާތްތަކަށާއި، ޢާންމުންގެ ވިޔަފާރީތަކަށާއި ދައުލަތުގެ މުދަލަށް ލިބެމުންދާ ގެއްލުންތަކަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާކަމެކެވެ. މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އެކަމާ ގުޅުން ނެތް އެތައް ބަޔަކަށް، ވަކިން ޚާއްޞަ ގޮތެއްގައި މުޖުތަމަޢުގެ ޚާއްޞަ ރައްކާތެރިކަން އެބަޔަކަށް ލިބެންޖެހޭ ކުޑަކުދިންނަށާއި، ޢުމުރުން ދުވަސްވީމީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުހަނު ބޮޑެތި ގެއްލުންތައް ކުރިމަތި ވަމުންދާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ. އަދި މިފަދަ އެއްވުންތަކުގަޔާއި، މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އަދި އެނޫންވެސް ގޮތްގޮތުން މީހުންގެ ހިތްތަކުގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާއިމެދު ނަފުރަތާއި، ރުޅިވެރިކަމާއި، ބިރުވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމުގެ ސަބަބުން މުޖުތަމަޢުގެ އަމަން އަމާންކަމަށާއި ހަމަޖެހުމަށް ވަރަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަންވެސް ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމެވެ.
ޝަރުޢީ ނިޒާމް ހަމަމަގަށް އެޅުވުމަށް ދިވެހިސަރުކާރުން ކުރަމުން ގެންދަވާ ބުރަމަސައްކަތް ހުއްޓުވުމަށް އިދިކޮޅުފަރާތްތަކުން މަސައްކަތްކުރަމުން ގެންދަނީ މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުޚްތާރު ވެރިޔާގެ ގިނަދުވަސްވީ ނާތަހުޒީބު ވެރިކަމުގައި ކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށް ކަމަށް ވެސް މިދާއިރާގެ މެންބަރުން ދެކެއެވެ. އަދިމިހާރުގެ ޤާނޫނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، މިގައުމުގައި ކުރިން ވެރިކަންކުރި ހުދުމުޚްތާރު ވެރިޔާގެ ދިގު 30 އަހަރުގެ ވެރިކަމުގައި ލިބެންނެތް، އިންސާނީ އަސާސްތައް ލިއްބައިދީ، ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގެ އިތުރުން ވެރިކަމުގައި ހޭދަކުރެއްވި މަދު ދުވަސްކޮޅު ތެރޭގައި ރާއްޖޭގެ ރަށްތަކަށް ގެނުވި ތަރައްޤީގެ ބޮޑު މަންޒަރުތައް ފެނުންވީ، ވެރިކަން ބޭނުންވެގެން ނިކުމެތިބި އިދިކޮޅު ފަރާތްތަކުގެ ހިތްތަކަށް ޖެހުނު ހާރޓް އެޓޭކެއް ކަމުގައެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި ސަރުކާރަކީ ލާދީނީ ބައެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުން މިދާއިރާގެ އެންމެހައި މެމްބަރުން އެންމެ ހަރުކަށި ޢިބާރާތުން ތަކުރާރު ކުރުމާއި އެކު ކުށްވެރިކުރާ ކަމަށާއި، ސަރުކާރާއިމެދު ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ޤާނޫނީ ސަރުކާރާއިމެދު ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ފަރާތްތައްބަލައި، އަތްފުނާއަޅާ ހޯދާ އެފަދަ ފަރާތްއަކަށް ޙައްޤު އަދަބު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ޤައުމުގައިވާ ހަމަޖެހުން ނަގާލާ މިޤައުމުގައި ހަލުވިކަމާއި އެކު ކުރިޔައްދާ ތަރައްޤީގެ ޕްރޮގްރާމްތަކާއި، ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތަކުގެ ވާހަކަ އޮއްބާލުމަށް ފަތުރަމުންދާ އެއްވެސް ޙަޤީގަތެއްނެތް ވާހަކަ ތަކެއް ކަމަށް މިދާއިރާގެ މެމްބަރުން ޤަބޫލު ކުރަމެވެ.
ވީމާ، ދިވެހި ސަރުކާރަށާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރަށާއި، ދިވެހި ފުލުހުންނަށް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް ލީޑަރަށާއި، ޕާޓީގެ ޕާލިއަމެންޓްރީ ގްރޫޕަށާއި، މާލޭ ސިޓީކައުންސިލަށް މާފަންނު ހުޅަނގު ދާއިރާގެއެންމެހައި މެމްބަރުން މިގޮވާލަނީ، ބައެއްއިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގައި މިހާރު ހިންގަމުންގެންދާ ހަމަނުޖެހުންތައް ހުއްޓުވައި، ޤައުމު އަމާންކަމުގެ މިސްރާބަށް ބަދަލުކުރައްވައި، ދިވެހިންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމާއި، ނުތަނަވަސްކަން ނައްތާލައި، ދިވެހިރާއްޖޭއަކީ މިރާއްޖޭގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރައްވާ ފަރާތް ތަކަށް ވެސް އަމާންތަނަކަށް ހައްދަވައި ދެއްވުމެވެ. ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޣައިރުޤާނޫނީ ގޮތުން ވައްޓާލުމަށް ސިއްރާއި ފައުޅުގައި މަސައްކަތް ކޮށް މުޒާހަރާތަކުގައި ބައިވެރިވަމުންދާ އެންމެހައި ބައިވެރިން މިހިނދުން މިހިނދަށް ހުއްޓާލުމަށް މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ އެމްޑީ ޕީ ގެ ލޮބުވެތި މެންބަރުން ނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ގޮވާލަމެވެ.
30 ޖެނުއަރީ 2012 މ.
ނޫސް ބަޔާން ނެރުނީ : އެމްޑީޕީ މާފަންނު ހުޅަނގު ދާއިރާ
އެމް.ޑީ.ޕީގެ މާފަންނު ހުޅަނގު ދާއިރާގެ ރައީސް – މުޙައްމަދު ފަލާޙް