ތިޔަހެނެއް ނުކިޔޭނެ އަދި ތިކަމެއް ނުވެސް ވާނެ މި ނަމުގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ އިންނަމާދޫގައި އޮންނާނެ

އިބްރާހީމް ރާމިޒް

ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުމަށް ރ.އިންނަމާދޫ ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި .. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވުމަށް ރ.އިންނަމާދޫ ބަނދަރު ސަރަހައްދަށް މީހުން ޖަމާވެފައި .. ފޮޓޯ: ރައީސް އޮފީސް

ތިޔަހެނެއް ނުކިޔޭނެ އަދި ތިކަމެއް ނުވެސް ވާނެ މި ނަމުގައި ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ރ.އިންނަމާދޫގައި އޮންނާނެއެވެ.

އިންނަމާދޫ އެމްޑީޕީ އުއްމީދީ ގޮފިން އިސްނަގައިގެން އެ ރަށުގައި ބާއްވާ މި ޖަލްސާ އަކީ “އިދިކޮޅު ފަރާތްތަކުން މާލޭގައި މިހާރު ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި، ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކެމްޕެއިނަށް ހިއްވަރުދިނުމަށް” ބާއްވާ ޖަލްސާއެއް ކަމަށް އިންނަމާދޫ ކައުންސިލްގެ ރައީސް އަޙުމަދު ނިޝާމް ވިދާޅުވިއެވެ.

މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ސޮއިކުރާނޭ ކަމަށް ވެސް ނިޝާމް ވިދާޅުވިއެވެ. އަދި އިނގުރައިދޫ ދާއިރާގެ ރައީސް ޙަސަން އަޙުމަދު (ހަސަންޓޭ)ގެ ޚިޠާބެއް ވެސް މި ޖަލްސާގައި އިއްވާނެއެވެ.

އިންނަމާދޫ ބަނދަރު ސަރަހައްދުގައި މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާގައި އެއަތޮޅު އިނގުރައިދޫ، ރަސްމާދޫ، ފައިނު، އުނގޫފާރު އަދި ހުޅުދުއްފާރުގެ އެމްޑީޕީ މެންބަރުންނާއި ސަރުކާރުގެ ސިޔާސަތަށް ތާޢީދުކުރާ ރ.އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނޭ ކަމަށް ވެސް ނިޝާމް ވިދާޅުވިއެވެ.