ފުނަމާ
މިގައުމަކީ އެތަކެއް ސަތޭކަ އަހަރު ވަންދެން އިސްލާމްދީނުގެ ޝަރީއަތް ހިންގަމުން ގެންދާ ސައްތައިން ސައްތަ މުސްލިމު ގައުމެކެވެ. މީގެކުރީންވެސް މިގައުމުގައި ދީނީ އިލްމުވެރީން އުޅުއްވާފައިވެއެވެ. ނަމަވެސް ރަސޫލުންނާއި އެއްފަދަ ވުމަށް ދައުވާ ކޮށްފައިވާ ބަޔަކު މިގައުމުގައި އުޅެފައިވާކަމެއް އެނގޭކަށް ނެތެވެ.
މިއަދު މިގައުމުގައި ދީނީ އިލްމުވެރީންނޭ ކިޔައިގެން ނުކުމެއުޅޭ ހައެއްކަ މީހުންނަކީ ކޮންކަހަލަ ބައެއްކަމާ އެމީހުންގެ އަސްލު މަގުސަދަކީ ކޮބައިކަން އޮޅޭ މިންވަރަށް ކަންކަން ދާއިރު، އަބަދުވެސް އަހުރެންގެ ފަހަތުން އަޅައިގަނެ ނެއްޓެން ނޭނގި ދުވަމުން ، މިލިޔުންތަކުން އެހެން މާނައެއް ނެރެން މަސައްކަތްކުރާ ޓީވީ ޗެނަލުގެ މީހުން ކިތަންމެ ކޯފުއްޕިއަސް ހެޔޮކަމުގައި ދެކެމުން މިއަދު މިލިޔުން ލިޔެ ހާމަކޮށްލާ ހިތްވެއްޖެއެވެ.
މީހުންގެ ކުރިމަތީގައި މާމާތް އަޚުލާގެއް ލިބިފައިވާ ބައެއް ކަމުގައި ދެއްކުމަށް ޓީވީ ޗެނަލުތަކަށް އަރައި މުޒާހަރާ ކުރުމަކީ ކުރުން ރަނގަޅުކަމެއް ނޫންކަމުގައި ބުނެ ސޯލިހު އަޅުންނަށް ވެފައި، އޭގެ މަދުއިރުކޮޅެއް ފަހުން ހަމަނުޖެހުން ހިންގުމަށް އެއްވެ އިސްލާމީ ދައުލަތެއްގެ ވެރިކަން ވަށްޓާލުމަށް ގޮވާލާ މީހަކީ ކަނޑައެޅިގެން މުނާފިގެކޭ ބުނުމުގެ ހައްގު ނޯންނާނެ ހެއްޔެވެ؟ އަދި ، ހަމައެހެންމެ ކަނޑައެޅިގެން އިސްލާމްދީނުން ބޭރުވެއްޖެ ކަމުގައި ޝަރުއީ ހަމަތަކުގެ މަތީން ސާބިތުވެފައިނުވާނަމަ އެމީހަކަށް ބޯލަނބައި ކިޔަމަން ވުމަށް އިސްލާމް ދީނުގައި ގަދަ އަމުރުން އަމުރު ކުރައްވާފައިވާ ވަލީޔުލް އަމްރަކާ ޚިލާފަށް ނުކުމެ ޖިހާދު ކުރުމަށް ލޭއޮހޮރުވާލުމަށް ގޮވާލާ މީހަކީ އިސްލާމްދީނުގެ އިމުން ކިހާމިންވަރަކަށް ބޭރުވެފައިވާ މީހެއްތޯ ސުވާލު ނުކުރެވިދާނެ ހެއްޔެވެ؟
މިސަރުކާރު ވުޖޫދަށް ގެނައުމުގައި އެންމެ ބޮޑަށް މިހާރު ވެރިކަންކުރާ ޕާޓީއާއި ވާގިވެރިވެ މަސައްކަތްކުރި އެއްބަޔަކީ އެއިރު މީހުން ގަބޫލު ކުރާގޮތުގައި އެންމެ ދީނީ އިލްމުވެރީން ގިނަ އަދާލަތު ޕާޓީއެވެ. އެބުނާ އިމުރާނަކާ ، ޝަހީމަކާ ، މައުރޫފަކާ ، ދެންވެސް މިއަދު މިސަރުކާރާ އިދިކޮޅަށް އެންމެ ބާރަށް ހަޅޭއްލަވަން ނުކުމެ އެއުޅޭ ޝޭޚުންނޭ އެކިޔާ ޖަމާއަތަކީ އެއިރު މިސަރުކާރުގެ ވެރީންނަށްވުރެ ވަކިން ރަނގަޅު ބަޔަކު ނެތްކަމުގައި ދައުވާކުޅަ ބަޔެކެވެ. ނަތީޖާއެއްގެ ގޮތުން މިސަރުކާރުން ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ އުފެއްދި އިސްލާމިކް މިނިސްޓްރީ އުފައްދައި ރާއްޖޭގެ ދީނީ ކަންކަން އިސްލާހުކޮށް މިނިވަންކުރުމާއި ހަވާލުކުރީ އަދާލަތު ޕާޓީއާއިއެވެ. ނަމަވެސް އެޕާޓީގެ ތެރޭގައި ދީނީ ޖުއްބާލައިގެން އެހެނަސް ހިތްފަސާދަވެ ވެރިކަމާ ބޫތުކައިގެން ޓެރަރިސްޓު ހަމަލާތައް ހިންގުމަށް ތަމްރީނު ހޯދައި ޖިހާދީންގެ ނަމުގައި މުސްލިމުންނަށް ކުރަފިއަރުވަން މުޅިދުނިޔޭގެ އެކިކަންކޮޅުތަކުގައި ފިލައިގެންއުޅޭ ވަގުންނާއި ގުޅިގެންއުޅޭ ކަމުގައި ބުނެއުޅޭ ބަޔަކު ނުކުމެ އަދާލަތު ޕާޓީގައި ތިއްބެވި ހަރުކަށި ނޫންހައި އިލްމުވެރީން ތަޅާބޭރުކޮށް މިއަދު އެތިބީ އަދާލަތު ޕާޓީ ކިޑްނެޕް ކޮށްގެންނެވެ. މިވަރުގެ މުނާފިގު ބަޔަކަށް އިސްލާމްދީނުގެ އިލްމުވެރީންނޭ ކިޔުމަށްވުރެ މުސްލިމުންނަށް ކުރެވޭނެ ހުތުރު މަލާމާތެއް އޮންނާނެ ހެއްޔެވެ؟
އެކަމަކު އެމީހުން އެކިޔާގޮތަށް އެފަދަ ސާބިތު ހެކިނުހިފޭ ވާހަކަތަކަކީ އަހަރެމެން ދައްކާހިތްވާ ވާހަކަތަކެއް ނޫންކަމުން އެބައި ދިގުކުރާކަށް ނެތީމެވެ. އެއްވެސް މުސްލިމަކާމެދު ސާބިތުނުހިފޭ ދޮގު ބުހުތާން ވާހަކަތައް ދެއްކުންވަނީ އަހަރެމެންނަށް ހަރާމް ކުރަށްވާފައިކަން އަހަރެމެން ދަންނަމުއެވެ. ހަމައެދަދައިން އިންސާނީ ކަރާމާތާއި ، ލެޔާ އަބުރާ، މުސްލިމު ގައުމެއްގެ މިނިވަންކަމާ އިސްތިގުލާލަށް ފާޅުގައި ހަމަލާދީ އުޅޭބަޔަކާ ދެކޮޅަށް ހަނގުރާމަކޮށް ﷲގެ ދީން މަތިވެރި ކުރުމުގައި ތެދުވުމުގެ ބާރާއި އަމުރުވެރިކަން މުސްލިމުންގެ ވަލީޔުލް އަމްރަށް ލިބިދެއްވާފައި ވާކަން ހަނދާންކުރާން އެބަޖެހެއެވެ. އަދި އެކަމަށް ގޮވާލައި ވަލިއްޔުލް އަމްރަށް އިލްތިމާސްކޮށް ދެންނެވުމުގެ ހައްގު މުސްލިމު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަން ހަނދާންކުރާން އެބަޖެހެއެވެ.
މިއަދު މިގައުމުގައި ދީނުގެނަމުގައި ނުކުމެ އެއުޅޭ މީހުންނަކީ އެމީހުންގެ ބޭރުފުށުގެ ސިފަގަނޑު ފިޔަވައި އަމަލުތަކުން ކަނޑައެޅިގެން މިދީން ބަދުނާމުކޮށް އިސްލާމްދީނާއިމެދު އެހެންމީހުންގެ ހިތްތަކުގައި ނަފުރަތު އުފައްދާން ކަނޑައެޅިގެން މަސައްކަތްކުރާ ނުރައްކާތެރި މުޖުރިމުން ތަކެއްކަމުގައި ބުނާނެ ކިތަންމެ ކަންކަމެއް އެމީހުން އެގެންދަނީ އަމަލުން ދައްކައި ހާމަކުރަމުންނެވެ. އެމީހުންގެ މިއަމަލުތަކުން ހާމަވަނީ އެމީހުންނަކީ މިމުސްލިމު އުންމަތުގެ ކުރިމަގުގެ ޖީލުތައް މަސްތުވާ ތަކެތީގެ ވަބާގައި ކުރީގެ ސަރުކާރުން ރާވައިގެން ޖެއްސި ފަދައިން ކުރިމަގުގައި މިގައުމުގެ ޖީލުގެ ހިތްތަކުގައި އިސްލާމްދީނާއި، މިދީނުގެ އިލްމުވެރީންގެ އަގުވަށްޓާލައި މިގައުމުން އިސްލާމްދީން ފޮހެލުމަށް ހިންގާ ބޮޑު ޖަރީމާއެއް ހިންގާން އުޅޭ ބައެއްކަމެވެ. ގައިމުވެސް މުސްލިމު ޢިލްމުވެރީންނަކީ އެމީހުންފަދަ މުނާފިގުންގެ ހުރިހައި ސިފައެއް ފުރިހަމަވާ ބައެއް ކަމުގައި މިއަދުގެ ޅަދަރީންނާއި ޒުވާނުން ގަބޫލުކޮށްފިނަމަ ކުރިމަގުގައި މިގައުމުގައި އިސްލާމްދީން އޮންނާނެ ކަމާ މެދު ޝައްކުއުފެދިދާނެ ކިތަންމެ ބަޔަކު މިހާރުވެސް ތިބޭނެއެވެ. އެހެންކަމުން އިސްލާމް ދީނުގެ ހައްގުގައި މިދެފުށްދެގޮތް މީހުން ހައްޔަރުކޮށް ގާޒީ ގެންދިޔަ މަގުން ގެންދިޔުމަށް ސަރުކާރަށް އެދަނީ ގޮވާލަމުންނެވެ. މިގައުމުގެ ސަލާމަތައްޓަކައެވެ. އިސްލާމްދީނުގެ ހައްގުގައެވެ.