ނައިޖީރިޔާއަށް ދިން ބޮމުގެ ހަމަލަ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

president-maldivesnigeriapoliceheadquartersbombednigerian-acting-president-goodluck-jonathan

ނައިޖީރިޔާގެ އުތުރުގެ ކާނޯގައި ހިންގި ބޮން ގޮއްވުމުގެ ޢަމަލު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުށްވެރި ކުރައްވައިފިއެވެ.

ޓެރަރިޒަމްގެ މިޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައި، ނައިޖީރިޔާގެ ރައީސް ގުޑްލަކް އެބެލް ޖޮނަތަންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނައިޖީރިޔާގެ ރައީސްއަށާއި، ނައިޖީރިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

ނައިޖީރިއާގެ އެންމެ ބައިބޯ އެއް ސިޓީ ކަމަށްވާ ކާނޯގެ ޕޮލިސް ސްޓޭޝަންތަކާއި އިމިގްރޭޝަން އޮފީސްތަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ މި ހަމަލާގައި، މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ނައިޖީރިއާގެ ރެޑްކްރޮސް އިން ލަފާކުރެއެވެ.