ދިވެހި ދައުލަތުގެ އިސްތިޤުލާލު ގެއްލޭ ގޮތަށް ސިޔާސީ އިދިކޮޅުފަރާތްތަކުން ހިންގަމުން ގެންދާ އެންމެހައި ހަރަކާތްތައް ގއ.ކޮލަމާފުށީ ސްކައި ޖަމިއްޔާގެ ފަރާތުން ކުށްވެރިކޮށްފި

އިބްރާހީމް ރާމިޒް

skyސްކައު ޖަމިއްޔާގެ އިދާރީ އޮފީސް .. ފޭސްބުކް ފޮޓޯ

ދިވެހި ދައުލަތުގެ އިސްތިޤުލާލު ގެއްލޭ ގޮތަށް ސިޔާސީ އިދިކޮޅުފަރާތްތަކުން ހިންގަމުން ގެންދާ އެންމެހައި ހަރަކާތްތައް ގއ.ކޮލަމާފުށީގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު (ސްކައި) ޖަމިއްޔާގެ ފަރާތުން ކުށްވެރިކޮށްފިއެވެ.

“ދިވެހި ދައުލަތަކީ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާޢީދާއިއެކު އެކުލަވާލާފައިވާ މުސްލިމު ދައުލަތަކަށްވާއިރު، ދިވެހި ދައުލަތުގެ އިސްތިޤުލާލު ގެއްލޭ ގޮތަށް ސިޔާސީ އިދިކޮޅުފަރާތްތަކުން ހިންގަމުން ގެންދާ އެންމެހައި ހަރަކާތްތައް މިޖަމްޢިއްޔާގެ ފަރާތުން ކުށްވެރިކުރަމެވެ.” އެ ޖަމްޢިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ވެއެވެ.

ޤާނޫނީ ހައްޤުތަކުގެ ވާހަކަ ދައްކާ ބަޔަކު، ޤާނޫނީ ގޮތުން އުފުލަންޖެހޭ އިލްތިޒާމުތަކާއި، މަސްޢޫލިއްޔަތުތައް ހަނދާން ނައްތާލުމަކީ ޒިންމާދާރު އިދިކޮޅުފަރާތަކުން ކޮށްގެންވާނޭކަމެއް ނޫންކަމުގައި މިޖަމްޢިއްޔާގެ ފަރާތުން ދެކޭ ކަމަށާއި، ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އަނެކުންގެ ހައްޤުތަކާއި، މިނިވަންކަމަށް ރައްކާތެރިވެ، އެޙައްޤުތަކަށާއި، މިނިވަންކަމަށް އިޙްތިރާމުކުރުމަކީ ކޮންމެ ދިވެހި ފަރުދަކަށްމެ ދިވެހިޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލާޒިމުކުރާކަމެއްކަމުގައި ހަނދާންކޮށްދޭ ކަމަށް ވެސް ކޮލަމާފުށީ ސްކައި ޖަމިއްޔާގެ ނޫސް ބަޔާނުގައި ވެއެވެ.

“ސުލްޙަވެރި މުޒާހަރާގެ ނަމުގައި ބާއްވަމުން ގެންދާ އެއްވުންތަކުގައި ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުދަލަށް ގެއްލުންދެމުން ގެންދިއުމަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މާތްވެގެންވާ އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ މަކާރިމުލް އަޚްލާޤްގެ އިމުގެ ބޭރުން، އިދިކޮޅުފަރާތްތަކުން ހިންގަމުން ގެންދާ ނޭއްގާނީ އަމަލުތަކެއްކަން ފާހަގަކޮށް މިޖަމްޢިއްޔާގެ ފަރާތުން އެކަންކަން ކުށްވެރިކުރަމެވެ. އަދި މިފަދަ އެއްވުންތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 03 ވަނަ ނަންބަރުގެ ދަށުން ޣައިރު ޤާނޫނީ އެއްވުންތަކެއްކަމަށް ބަޔާންކޮށްފައިވާތީ، މިފަދަ އެއްވުންތަކުގެ ބައިވެރިންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގޮވާލަމެވެ. އަދި މިކަން މިމަގުން ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޢަމުރުކޮށްދެއްވުމަށް، ޤާނޫނުއަސާސީ ނެގެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ މުހިއްމު އެއްފަރާތްކަމުގައިވާ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ގޮވާލަމެވެ.” މި ނޫސް ބަޔާނުގައި ވެއެވެ.

އަދި މާލެތެރޭގައި މިހާރު ބާއްވަމުންދާ އެއްވުންތަކަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އިމުން ބޭރުން ބާއްވަމުން ގެންދާ ޣައިރު ޤާނޫނީ އެއްވުންތަކަކަށްވާތީ، މިފަދަ އެއްވުންތަކަކުން ރާއްޖޭގެ އަމަން ނަގާލުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް، ޗީފް އޮފް ޑިފެންސް ފޯސްއަށާއި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ވެސް މި ނޫސް ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި މިފަދަ އެއްވުންތަކުގެ ނުރަނގަޅު އަސަރު ދިވެހިރާއްޖޭގެ އިޤްތިސާދަށް ކުރަމުންދިއުމަކީ އޭގެ ހިތި އާޚިރު ނަތީޖާ އާއްމުގޮތެއްގައި ދިވެހި އަފުރާދުންނަށް ތަޙައްމަލްކުރަންޖެހޭނޭ ކަމެއްކަން ހަނދާންކޮށްދޭ ކަމަށް ވެސް ނޫސް ބަޔާނުގައިވެއެވެ.

“ދިވެހި ދައުލަތާއި، ޤާނޫނުއަސާސީގެ އެންމެ އިސް ބަލަދުވެރިޔަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގައި ވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ މިނިވަން މުޖުތަމަޢުގެ އަސާސްތައް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާއަށް އިލްތިމާސްކުރަމެވެ.
މިޖަމްޢިއްޔާގެ ފަރާތުން އެދެނީ ދިވެހި ޤައުމަށް އަބަދުވެސް ފާގަތިކަމެވެ. އަދި ފަސާދަކުރާ ފާސިދުންގެ ކިބައިން ﷲ ތަޢާލާ މިޤައުމު ސަލާމަތްކޮށްދެއްވުމެވެ.” ކޮލަމާފުށީގެ ތަރައްޤީއަށް ގިނަ ގުނަ މަސައްކަތްތައް ކޮށްދެއްވަމުން ގެންދަވާ، އަދި އެރަށުގެ އެންމެ ގިނަ ރައްޔިތުން ޝާމިލްވާ މަދަނީ ޖަމިއްޔާ ކަމަށްވާ ސްކައި ޖަމިއްޔާގެ ނޫސް ބަޔާނުގައިވެއެވެ.

ސްކައި ޖަމިއްޔާގެ ނޫސް ބަޔާން ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ