އަދުލު އިންސާފު ހިންގުމުގެ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް ތާޢީދުކުރާކަން ބ.މާޅޮހު ކައުންސިލް އިދާރާއިން ވެސް ހާމަކޮށްފި

އިބްރާހީމް ރާމިޒް

އަދުލު އިންސާފު ހިންގުމުގެ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް ތާޢީދުކުރާކަން ބ.މާޅޮހު ކައުންސިލް އިދާރާއިން ވެސް ހާމަކޮށްފިއެވެ.

މާޅޮހު ކައުންސިލުން އިއްޔެ ބެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ސިޔާސީ ނުފޫޒުފޯރުވައި ވަކި ފަރާތެއްގެ އަތްދަށުވެ، ޝަރުޢީ ނިޒާމްގެ ނިވާފަތްގަނޑުގައި ވަކި ބަޔަކަށް ހިމާޔަތްދީފައިވާ މި ދަނޑިވަަޅުގައި ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ކަންކަން އަދުލުވެރިކަމާއެކު ހިންގައި، ރާއްޖޭގެ ޝަރުޢީ ނިޒާމް ހަރުދަނާކޮށް، ޝަރުޢީ ނިޒާމްގެ މުސްތަޤީއްލުކަން ނަގަހައްޓައި، ރައްޔިތުންގެ މެދުގައި އެނިޒާމާިއ މެދު އިތުބާރު ދެމެހެއްޓުމަށް، ސަރުކާރުން ދިފާޢީ ބާރުގެ އެހީގައި އަޅަމުންދާ ފިޔަވަޅުތަކަށް ތާޢީދުކޮށް، އެފަދަ ކޮންމެ ނިންމުމެއްގައި ޤައުމާއި ރައްޔިތުންގެ ޢާންމު މަސްލަޙަތަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް މާޅޮހު ކައުންސިލުން ފުރިހަމައަށް ތާޢީދުކުރަމުންދާނޭ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ސަރުކާރާއި ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަތުރައި، މި ސަރުކާރަކީ އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ހަތުރެއް ކަމަށް ބުނެ، މާތްވެގެންވާ އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮށްގެން ރައްޔިތުންގެ ހިތްތަކުގައި ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ މެދު ރުޅިވެރިކަމާއި ފިތުނަވެރިކަން އުފެއްދުމަށް މަސައްކަތްކޮށް، މިފަދަ ވާހަކަތައް ދައްކަމުންދާ ފަރާތްތައް ހުއްޓުވާ ހަރުކަށި ފިޔަވަޅުތައް އެޅުމަށް މާޅޮހު ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.