ގައުމީ ޕާޓީއާ ދެކޮޅަށް އެމްޑީޕީގެ މާމިގިލީ ދާއިރާގެ ރައީސް ޕޮލިހަށް މައްސަލައެއް ހުށަހަޅައިފި

އިބްރާހީމް ރާމިޒް

ibu-400-x-297

ދިވެހި ޤައުމީ ޕާޓީން ޝާއިޢުކޮށްފައިވާ ފޮތެއްގައި، “ރާއްޖޭގެ އެތަކެއް ބިމަކާއި ފަޅުރަށެއް އިޒްރޭލަށް ދިނުމަށް ނަޝީދުގެ ސަރުކާރުން ވަނީ ނިންމާފައި” މިފަދައިން ލިޔުއްވާފައިވާތީ އެކަމަކީ ސަރުކާރުން ހިންގާފައިވާ ކަމެއްތޯ އާއި، އެކަން ސަރުކާރުން ހިންގާފައިނުވާ ނަމަ އެ ވާހަކަ އާންމުކުރި ގައުމީ ޕާޓީގެ މި ޢަމަލު ބަލައިދިނުން އެދި އެމްޑީޕީގެ މާމިގިލީ ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) ޕޮލިހަށް އިއްޔެ މައްސަލއެއް ހުށަހަޅުއްވައިފިއެވެ.

“ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުން ކޮންމެ ދިވެހިރައްޔިތަކީ މުސްލިމެއް ކަމަށެވެ. އަދި ހަމަ އެހެންމެ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށެވެ. އަދި ދިވެހީންނަކީ ޒަމާނުއްސުރެ އިސްލާމް ދީނުގައި ތިބި އަދި އިސްލާމް ދީނަށް ލޯބިކުރާ ބައެއްކަމަށެވެ. އަދި ހަމަ އެހެންމެ ދިވެހިންގެ މެދުގައި މިއޮތް އެއްބައިވަންތަކަމުގެ އަޞްލަކީ އިސްލާމް ދީންކަމަށެވެ.” މެދު އުތުރު ސަރަޙައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ކަން ވެސް ކުރައްވާ އިބޫ ގައުމީ ޕާޓީއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

ކަން މިހެން އޮތްއިރު، ދިވެހި ޤައުމީ ޕާޓީން ޝާއިޢުކޮށްފައިވާ ފޮތެއްގައި، “ރާއްޖޭގެ އެތަކެއް ބިމަކާއި ފަޅުރަށެއް އިޒްރޭލަށް ދިނުމަށް ނަޝީދުގެ ސަރުކާރުން ވަނީ ނިންމާފައި” މިފަދައިން ލިޔުއްވާފައިވާ ކަމަށާއި، މި ކަމަކީ، ދިވެހިންގެ ހިތްތަކަށް ނުތަނަވަސްކަން ގެނުވައި، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ޤައުމިއްޔަތު ގެއްލިގެންދާނޭ ކަމެއްގެ އިތުރުން ދިވެހިންގެ އަމިއްލަ ވެރިކަން ގެއްލި ދިއުމަށް މަގުފަހިވެ، ދިވެހިރާއްޖޭގައި މިއޮތް ސައްތައިން ސައްތަ އިސްލާމް ދީން ގެއްލިގެންދާނޭ ކަމެއް ކަމަށާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ބޭރުގެ ބަޔަކަށް (ޚާއްޞަކޮށް އިޒްރޭލަށް) ދިނުމަށް ސަރުކާރުން ނިންމާފައިވާނަމަ އެއީ، ދިވެހީންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލިދާނޭކަމެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މާމިގިލީ އިބޫ ފޮނުއްވި ސިޓީގައި ވެއެވެ.

އެހެން ކަމުން އެ ފަދަ ނުރައްކާތެރި އަމަލެއް ސަރުކާރުން ހިންގާފައިވޭތޯ ބައްލަވައި ދެއްވައި، އެފަދަ ޢަމަލެއް ސަރުކާރުން ހިންގާފައި ނުވާނަމަ، ދިވެހި ޤައުމީ ޕާޓީން ޝާއިޢުކޮށްފައިވާ ފޮތުގައިވާ އެ ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ކޮށްފައިވާ ކަމަކަށްވާތީއާއި، ދިވެހި ރާއްޖެއަށް އެހެން ދީންތައް ގެނައުމާއި، ދިވެހިރާއްޖޭގެ އިސްތިޤްލާލާއި، ޤައުމިއްޔަތު ގެއްލުވާލައި، ދިވެހިންގެ އަމިއްލަ ވެރިކަންނަގާލުމަށް ސަރުކާރުން މަސައްކަތްކުރާކަމުގެ ދޮގު ތުހުމަތު ސަރުކާރުގެ ބޮލުގައި އެޅުވުމަށް ދިވެހި ޤައުމީ ޕާޓީން ކޮށްފައިވާ ކަމަކަށްވާތީއާއި، ދިވެހިންގެ ހިތްތަކަށް ނުތަނަވަސްކަން ގެނުވައި، ދިވެހިންގެ މެދުގައި ބައިބައިވުން ގެނުވުމަށް ކޮށްފައިވާ ކަމަކަށްވާތީ، މިމައްސަލަ ވަރަށް އަވަހަށް ތަޙްޤީޤުކޮށްދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިއްޔެ ވަނީ ހުށަހަޅުއްވާފައެވެ.