ރާއްޖެއަށް ޚާއްސަ ހާލަތެއް އައިސްގެން އުޅޭ ކަމަށް އިދިކޮޅު މީޑިއާތަކުން އިއުލާން ކުރަމުންދާ ކަމަށް ހާމިދު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

hamid

ރާއްޖެއަށް ޚާއްސަ ހާލަތެއް އައިސްގެން އުޅޭ ކަމަށް އިދިކޮޅު މީޑިއާތަކުން އިއުލާން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު ހާމިދު އަބްދުލްޣަފޫރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ އެކު މިއަދު އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ހާމިދު ވިދާޅުވީ އިދިކޮޅު މީޑިއާތަކުން މި ގައުމަށް ޚާއްސަ ހާލަތެއް އައިސްގެން އުޅޭ ކަމަށް އިއުލާންކޮށް އެކަން ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތްކުރަމުންދާ ކަމަށާއި، އެއީ އެމްޑީޕީން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައެވެ. އެހެން ނަމަވެސް ގައުމަށް ޚާއްސަ ހާލަތެއް މެދުވެރިވާ ސަބަބުތައް ޤާނޫނުގައި ވަރަށް ރަގަޅަށް ބަޔާން ވެގެންވާ ކަމަށާއި، މި ގައުމަށް ޚާއްސަ ހާލަތެއް އަންނަ ވަރުގެ ކަމެއް ހިނގާފައިނުވާ ކަމަށް އެމްޑީޕީގެ ޑައިރެކްޓަރ އޮފް ފޮރިންގ ރިލޭޝަންސްގެ މަގާމް ވެސް އަދާކުރައްވާ ހާމިދު ވިދާޅުވިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއެކު މިއަދު އެމްޑީޕީގެ އޮފީހުގައި އެ ޕާޓީން ބޭއްވި ބައްދަލުވުމުގައި، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތް ޙާލަތާއި، އެ ޙާލަތާއި ގުޅޭ މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގައި މީޑިއާތައް ހަރަކާތްތެރިވުމުގައި ޒިންމާދާރުކުރުވުމަށް އެމްޑީޕީން ވަނީ އެދިފައެވެ. އަދި މިހާރު ރާއްޖޭގެ މީޑިއާ ކޮންޓްރޯލް ކުރަނީ މުއްސަނދި ދެތިން މަހުޖަނަކު އެ ފަރާތްތަކުގެ ސިޔާސީ މަންފާ ހާސިލްކުރުމަށް ކަމަށް، އެމްޑީޕީން މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

މި ރާއްޖޭގައި ގާއިމްވެފައިމިވާ ޑިމޮކްރަސީ އަކީ އެމްޑީޕީން ގެނައި ޑިމޮކްރަސީއެއް ކަމަށާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އުފަންވީ ވެސް އެ ޑިމޮކްރަސީގެ ސަބަބުން ކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް އެ ކޮމިޝަނުގެ މަސައްކަތް މިވަގުތަށް އެންމެ އެކަށޭނަ ގޮތަށް ކުރިޔަށްނުދާ ކަމަށް އެމްޑީޕީން ބުންޏެވެ.

އިދިކޮޅު މީޑިއާތަކުގެ ޒިންމާދާރުކަމެއް ނެތް އަމަލުތަކުގެ ސަބަބުން ޑިމޮކްރަސީއަށާއި، ރާއްޖެއަށް ވެސް ވަރަށް ގިނަ ގެއްލުން ލިބިފައިވާ ކަމަށާއި، ޖުޑީޝަރީއާ ބެހޭ ގޮތުން ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އާންމުންނަށް އޮޅޭ ގޮތަށް ވާހަކަދައްކާ ކަމަށެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން ދެއްކި ވާހަކައިގައި އެ ކޮމިޝަނުގެ ވަސީލަތްތައް މަދުވުމުގެ ސަބަބުން މީޑިއާތައް މޮނީޓަރކޮށް ޒިންމާދާރު ކުރުވުމުގައި އެންމެ އެކަށީގެންވާ ގޮތަށް އަދި މަސައްކަތް ނުކުރެވޭ ކަމަށް އެ ކޮމިޝަނުގެ މެންބަރުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ހާމިދުގެ އިތުރުން އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މުޤައްރިރު އަޙުމަދު ޢަބްދުﷲ އަފީފް އާއި، މީޑިއާ ކޮމިޓީގެ ފަރާތުން އެ ކޮމިޓީގެ މެންބަރު ތޮއްޔިބު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އިރު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފަރާތުން އެ ކޮމިޝަނުގެ ރައީސް ބަދުރުއްނަސީރު އާއި ކޮމިޝަނުގެ އެހެން މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން މިފަދަ ބައްދަލުވުމެއް އިންތިޒާމް ކުރެއްވީތީ އުފާކުރައްވާ ކަމަށާއި، މި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ޚިޔާލުތަކެއް ލިބިގެންދިޔަ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ބަދުރުއްނަސީރު ވިދާޅުވެ، އެމްޑީޕީއަށް ޝުކުރު އަދާ ކުރެއްވި އެވެ.