ނޫސް ބަޔާން: އެމްޑީޕީން މީޑިއާ އަށް ފިއްތުން ކުރިމަތިކުރުވާ ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ވާހަކަ ދައްކަމުންދާތީ އެކަމަށް ރައްދު ދިނުން

mdp-logo

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މި ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މީޑިއާތަކަށް ބިރުދެއްކުމަށް މަސައްކަތްކުރާ ކަމަށް ބައެއް މީޑިއާތަކުގައި ވާހަކަދައްކަމުންދާތީ އެކަމާ މި ޕާޓީން ނުހަނު ހިތާމަ ކުރާ ވާހަކަ ދަންނަވަމެވެ.

ދިވެހި ލޮބުވެތި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކޮށް މި ސަރުކާރު އައި ފަހުން، މި ރާއްޖޭގައި ވަނީ ހައްދެއްނެތި މީޑިއާގެ މިނިވަންކަން ދީފައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރާއި އިދިކޮޅު މީޑިއާތަކުން ތަކުރާރުކޮށް ގެންދަނީ، މި ޕާޓީގެ އިސްވެރިންނާއި ސަރުކާރުގެ ބޮލުގައި، އަސްލެއް ނެތް ސާބިތުނުހިފޭ ދޮގުތުހުމަތު އަޅުވައި، ބައެއް މީޑިއާތަކަކީ ސަރުކާރު ޒިންމާދާރުކުރުމަށް ބޭނުންކުރާ ވަސީލަތެއްގެ ބަދަލުގައި ރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައި، އެމަގަށް މަސައްކަތްކުރަމުންނެވެ.

އެހެން ނަމަވެސް މި ޕާޓީން މިހާތަނަށް ވެސް މިގެންދަނީ މީޑިއާ އަކީ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްވެ ދެމިއޮތުމަށް ބޭނުންވާ މުހިންމު ތަބެއް ކަމަށް ދެކި، އެ ފަދަ ސާބިތުނުހިފޭ ދޮގު އިލްޒާމްތައް ވެސް ހަޖަމްކޮށް، ޕާޓީގެ ހުރިހާ ކަމެއްގައި، ވަކި މީޑިއާ އެއް އިސްތިސްނާ ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރޭޑިއޯ، ޓީވީ އަދި ނޫސްތައް ބައިވެރިކުރަމުންނެވެ. އެ ގޮތުން މި ޕާޓީގެ އެތެރޭގެ މުހިންމު ބައްދަލުވުންތައް ކަމަށްވާ ގައުމީ މަޖިލިސް ފަދަ މުހިންމު ބައްދަލުވުންތަކަށް ވެސް މީޑިއާއަށް މިދަނީ ދަޢުވަތުދެމުންނެވެ.

މި ޕާޓީން ވެސް ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ކަންކަމުގައި ރައްޔިތުންނާ ހަމައަށް ފޯރަންޖެހޭ މައުލޫމާތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި، ޒިންދާރު ވެއްޓެއް ޤާއިމުވެފައި އޮތުމަކީ ދިވެހިރާއްޖޭގައި މިހާރު ފައްކާވަމުންދާ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމް ފުރިހަމަކުރުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެކެވެ. ނަމަވެސް ޤާނޫނު އަސާސީގެ ހުދޫދުގެ ތެރެއިން މެނުވީ ޚިޔާލުފާޅުކުރުމުގެ ފުރުޞަތު އާންމު ފަރުދަކަށް ވިޔަސް، ސިޔާސީ ޕާޓީއަކަށް ވިޔަސް އަދި މީޑިއާއަކަށް ނަމަވެސް އޮވެގެންވާނޭ ކަމަށް މި ޕާޓީން ނުދެކެމެވެ.

ފަހަކަށް އައިސް އެމްޑީޕީއާ ދެކޮޅަށް ސިޔާސީ ފަރާތްތަކުން ދައްކަމުން އައި ސާބިތު ނުހިފޭ ވާހަކަތައް ހުސްވެ، އެންމެ ފަހުން ސަރުކާރާއި އެމްޑީޕީގެ ބޮލުގައި ލާދީނީ ތުހުމަތުއަޅުވައި، އެމްޑީޕީ އާއި، މި ސަރުކާރަކީ މާތްވެގެންވާ އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ ބައެއް ކަން އާންމު ރައްޔިތުންނަށް ދެއްކުމުގެ ފޮރުވިފައިވާ ކެމްޕެއިނެއް، ބައެއް މީޑިއާތަކުގެ މަދަދާއި އެކު އިދިކޮޅު ސިޔާސީ ފަރާތްތަކުންވަނީ ފަށާފައެވެ. އެހެން ނަމަވެސް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ތިބި ބަޔަކާ މެދު މިފަދަ ދޮގު ތުހުމަތު އެޅުވުމަކީ އެއް ގޮތަކަށް ވެސް ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށާއި، “ތިޔަހެނެއް ނުކިޔޭނޭ” ކަމަށް މި ޕާޓީން މިދަނީ ބުނަމުންނެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް މާތްވެގެންވާ އިސްލާމްދީން ހަތިޔާރަކަށް ހަދައި، އެމްޑީޕީއާއި މި ސަރުކާރާއި ގުޅުވައިގެން ސާބިތުނުހިފޭ ދޮގުވާހަކަ ދެއްކުމަށް މި ޕާޓީން އެއްވެސް ފަރާތަކަށް، ފުރުޞަތު ނުދޭނޭ ކަމުގައި ދަންނަވަމެވެ.

މި ޕާޓީއާއި ދެކޮޅަށް މަސައްކަތްކުރާ މީޑިއާތައް ހިންގާ ފަރާތްތަކަށް އަޅުގަނޑުމެން މި ގޮވާލަނީ އެމްޑީޕީއަށް ނިސްބަތްވާ ބައި ލައްކަ އެއް ހާ މެންބަރުން އެބަތިބި ކަމަށާއި، އެ ރައްޔިތުންގެ ރުހުމާއި ތާޢީދަކީ ވެސް މީޑިއާ ފަދަ މުހިންމު ވަޞީލަތަކަށް ބޭނުންވާނޭ އެއްޗެއް ކަމަށެވެ. އެމްޑީޕީން ތަކުރާރުކޮށް “ތިޔަހެނެއް ނުކިޔޭނޭ” ކަމަށް ވަކާލާތު ކުރަނީ މިދެންނެވި ބައިލައްކަ މެންބަރުންނާއި، އިސްލާމް ދީނުގެ ޙައްޤުގައެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް