ފަހަލަ ސަޢީދު
ދިވެހިރާއްޖޭގައި މީގެ ކުރީގައި ވެރިކަންކުރި ރައީސުލްޖުމްހޫރިޔާގެ ނަން ގަތުމަކީ ބޮޑު ކުށަކަށް ވެ ރައްޔިތުންނާ ނޫސްވެރިން ޖަލުތަކަށް ލައިގެން ކުރެއްވި އަނިޔާތަކުގެ ހަގީގަތް އެނގި ވަޑައި ނުގަންނަވަނީ ބާއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ﷲ އިންސާނުންނަށް ދެއްވާފައިވަނީ އެއް މިންގަނޑަކުންނެވެ.
ދުންޔަވީ ހަމަތަކުންނާ ގާނޫނީ ގޮތުންނާ ޝަރުޢީ ގޮތުން ބެލި ކަމުގައި ވިއަސް އެއްވެސް މީހަކު ނުކުރާކަމެއްގެ ވާހަކަ ނުވަތަ ސާބިތު ނުހިފޭނެ ދޮގުވާހަކަ އިންސާނަކާ ދިމާލަށް ނުވަތަ ޖަމާޢަތަކަށް ނިސްބަތް ކޮށް ވިޔަސް ދެއްކުމަކީ މުޖުތަމަޢަށް އޭގެ ނުބައި އަސަރު ކުރާނޭ ވަރަށް ސުންޕާ ކަމަކަށް ވާނެއެވެ.
މިއަދުގެ ސަރުކާރަކީ މިރާއްޖޭގެ އާބާދީގެ %65 އިންސައްތަ ތާއީދުކުރާ ސަރުކާރެކެވެ.
ސަރުކާރަކީ ރައްޔިތުންވެސް މެއެވެ.
ރައީސުލް ޖުމްހޫރިއްޔާއަކީ މިދެންނެވި ސަރުކާރުން މިރާއްޖޭގެ ވެރިކަން ކުރުމަށް ޙަވާލު ކޮށްފައިވާ ފަރާތެވެ.
ކަންމިހެން ހުރުމާއެކު ސަރުކާރުން ރައްޔިތުންގެ ޙައްގުތަށް ދިފާޢު ކުރުމަށް އިސްކޮށްފައިވާ ފަރާތް ކަމުގައިވާ ރައީސުލް ޖުމްހޫރިއްޔާއަކީ މިރާއްޖޭގައި ޣައިރުދީން ފަތުރަން އުޅުއްވާ ލާދީނީ ބޭފުޅެއްކަމަށް އެއްވެސް ފަރާތަކުން ބުނެފިނަމަ ރައްޔިތުންނަށް އެކަމުގެ ސާފް ޙަގީގަތް އެފަރާތަކުން ކިޔައި ދެވެންވާނެއެވެ.
އަދި އެމައްސަލަ ތަޙުގީގު ކުރެވި އެއިލްޒާމުން ރައްޔިތުންގެ ވެރިމީހާ ސަލާމަތް ކުރެވޭނޭ އިންޞާފްވެރި ޢަދުލުވެރި ޝަރުޢީނިޒާމެއް ވެސް މިރާއްޖޭގައި އޮންނަން ވާނެއެވެ.
ނޫސްވެރިންނަށް ބިރު ދެއްކި ބަޔަކު މިއަދުގެ ޕޯޑިއަމް ތަކުގައި ހަމައެވާހަކަ އެމްޑީޕީ އާ ދިމާލަށް އަނބުރާލައިގެން އެދައްކަނީ ދެންދައްކާނޭ އެހެން ވާހަކައެއް ނެތުނީމާކަން ވަރަށް ސާފްކޮށް ރައްޔިތުންނަށް އެނގެއެވެ.
ސަންދާނު އަހަންމައިދީ އަކީ ޖަލުގައި އެ އަނިޔާ އަމިއަލައަށް ތަޖުރިބާ ކުރި އެކެކެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅު މިނިވަންކަމާއެކު ފާޅުގައި ހިތަށް އެރި އެއްޗެއް އިތުރުކޮށްގެން ޕޯޑިއަމްތަކުގައި ވާހަކަ ދައްކަމުން ދާއިރު ސަންދާނު އަހަންމައިދީ ޢުމަރަށް ޖަލަށް ލާފައިވަނީ ކޮންދޮގުވާހަކައެއް ދައްކައިގެން ކަން އޭރުގެ ސަރުކާރުގެ އިސްވެރިންނަކަށް ބުނެއެއް ނުދެވޭނެއެވެ.
ސަންދާނު އަހަންމައިދީ ސަންދާނުގައި ލިޔަމުންއައީ ސަރުކާރުން ރައްޔިތުންނާ މެދު ކަންކަން ކުރަމުންދާ ގޮތާ އެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކައެވެ. ނަމަވެސް މިއަދު އެރާގާއި އެވައްޓަފާޅި ބަދަލު ކޮށް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާދީނީ ތުހުމަތުގެ އިނގިލިތައް ކުރީގެ ވެރިކަންކުރި ފަރާތްތަކުން އެދަނީ ދިއްކުރަމުންނެވެ. މިއީ ނޫސް ވެރިކަމުގެ މިނިވަންކަމާ އެއްވެސް ގުޅުމެއް ހުރި ވާހަކަތަކަށް ނުވާއިރު ދައްކާނެ އެހެންވާހަކައެއް ނޭނގި ވެރިކަމުގެ އުންމީދު ގެއްލޭތީ ކޮންމެގޮތަކުން ވިޔަސް މިސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށްޓާކާ
ހިންގާ ޕްރޮޕެގެންޑާއެކެވެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ދިވެހިރާއްޖޭގެ ގާނޫނުލް ޢުގޫބާތުގައި ވަރަށް ބޮޑެތި އަދަބު ކަނޑައެޅިފައި ހުރި ކަންކަމެވެ.
މިސަރުކާރުގެ އެއްވެސް ވެރިޔަކު މިހާތަނަށް އެބޭފުޅެއްގެ އަބުރާ ބެހިގެން ބަދަލުހޯދަން އެއްވެސް ކޯޓަކަށް ގޮސްފައެއް ނެތެވެ.މިސަރުކާރުގެ ވެރިންގެ އަބުރާ ބެހޭ ކޮންމެ ފަހަރަކު އެފަރާތެއް ގޮވައިގެން ކޯޓަށް ދާނަމަ ލިބޭ ޖުރިމާނާގެ ފައިސާ އިން ރަށެއްވެސް ހިއްކާލެވުނީހެވެ.
މިރާއްޖޭގައި ފިތުނައުފެއްދުމާ ހަމަނުޖެހުން ހިނގުމަށް މަގުފަހިފާ ޒާތުގެ ވާހަކަ ދައްކާނަމަ ފިޔަވަޅު އަޅަންޖެހޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާއޮފީހުގެ ޕްރެސް ސެކްރެޓެރީ އިސްވެ ހުންނަވައިގެން ނޫސްވެރިންނަށް އިންޒާރު ނުދެވެންވީ އެއްވެސް ސަބަބެއް ނުދެއްކޭނެއެވެ. މަނާކަމެއް ކުރަންޏާ އެކަން ކުރާފަރާތްތަކަށް އިންޒާރު ދެވޭނެއެވެ.
އެންމެ މަތިވެރި އިލާހުވެސް ވަނީ އެ އިލާހުގެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަށް ނަރަކައަށް ލައްވާނޭކަމުގެ އިންޒާރު ދެއްވާފައެވެ.