ހިތްތިރިކުރުމުގެ އުސޫލު ބަދަލުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ސަރުކާރަށް ގޮވާލައްވައިފި

އިބްރާހީމް ރާމިޒް

reekoރޭގެ ޖަލްސާ ގައި މޫސަ ވާހަކަފުޅުދައްކަވަނީ .. ފޮޓޯ:އަނދާ

ހިތްތިރިކުރުމުގެ އުސޫލު ބަދަލުކުރުމަށާއި، އެމްޑީޕީ ބަދުނާމުވާ ގޮތަށް ދޮގު ވާހަކަ ފަތުރަމުންދާ ފަރާތްތައް ހައްޔަރުކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު، ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެމްޑީޕީ އާއި ސަރުކާރުގެ ބޮލުގައި، ޚާއްސަކޮށް ދީނޭ ކިޔައިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން އަޅުވަމުންދާ ދޮގު ތުހުމަތުތައް ހުއްޓުވުމަށް އެމްޑީޕީން ރޭ ފެށި. “ދެން ތިހެނެއް ނުކިޔޭނެ” ކެމްޕެއިން އިފްތިތާޙްކުރުމަށް އެޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ހިތްތިރިކޮށްފައި މާފު ދިނީ އިދިކޮޅު ފަރާތްތަކުން އަލުން ތަކުރާރުކޮށް ކުރާ ކުށްތަކަށް ވެސް މާފު ދިނުމަށް ނޫން ކަމަށާއި، އެކަން ހުއްޓުވުމަށް އެމްޑީޕީން މުޒާހަރާ ވެސް ކުރާނޭ ކަމަށާއި، މަގުމައްޗަށް ވެސް ނިކުންނާނޭ ކަމަށެވެ.

ބައެއް އިދިކޮޅު މީޑިއާތަކުން އެމްޑީޕީއާ ދެކޮޅަށް އަދި ސަރުކާރާ ދެކޮޅަށް ދޮގު ވާހަކަ ފެތުރުމަށް އިޝާރާތްކުރައްވައި މޫސަ ވިދާޅުވީ، “އަޅުގަނޑު މިބުނަނީ ދެން ތިހެނެއް ނުކިއޭނެއޭ، ކިޔައިފިއްޔާ އެ މީޑިއާއަކާ ދިމާއަށް ވެސް ދާނަން. ރިޕޯޓް ހެދި މީހާ ކައިރި އަށް ވެސް ދާނަން،”

މި ސަރުކާރަކީ ޔަހޫދީންގެ އަތުން ފައިސާ ހޯދައި، ރާއްޖޭގައި ފައްޅި އަޅަން މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ބުނެ ދޮގު ވާހަތައް ފަތުރަމުންދާ އިދިކޮޅު ސިޔާސީ ފަރާތްތައް ހިފައި، ހައްޔަރުކޮށްގެން މައްސަލަ ތަހުގީގު ކޮށްދިނުމަށް ސަރުކާރަށް ގޮވައިލައްވަމުން މޫސަ ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް ދެއްކޭނެ ވާހަކަ އާއި ނުދެއްކޭނެ ވާހަކަ ހުންނާނޭ ކަމަށާއި، އާއިލާތަކާއި، ކާންބޯންކުރާ މަސައްކަތާއި، ބެހެވިގެން ނުވާނޭ ކަމަށެވެ.

މި ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަން ސާބިތުކުރުމަށް ސާބިތު ނުހިފޭ ދޮގުވާހަކަ ފަތުރަމުންދާ ޓީވީ ޗެނަލްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، އެ ޗެނަލްތަކަށް އެމްޑީޕީގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް ނޫންކަން ސާބިތުކޮށްދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ވެސް މޫސަ ރޭގެ ޖަލްސާ ގައި ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން އެމްޑީޕީ ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމާ ދެކޮޅަށް އެންމެ ފުރަތަމަ ހެކިބަސް ދެއްވާނޭ ބޭފުޅަކަށް ވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށާއި، އެމްޑީޕީ މެމްބަރުންގެ ހައްގުގައި ކުޑަގޮޅީގައި އިންނަން ވެސް ތައްޔާރު ކަމަށް މޫސަ ވިދާޅުވި އެވެ.

ރޭގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިޚް ޙުސައިން ރަޝީދު އަޙުމަދު އެވެ. ރޭގެ ޖަލްސާ ގައި އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.