މެންބަރުންގެ ޚިޔާލު: ކޮންމެ ހުވަފެނަކީ ބިލާހެއްނޫނެވެ.

– އާފް –

ގއ.ކޮލަމާފުށީ ގައި ސަރުކާރުން އިމާރާތްކޮށްދެމުން ގެންދާ ހައުސިންގ ޔުނިޓްތައް
ގއ.ކޮލަމާފުށީ ގައި ސަރުކާރުން އިމާރާތްކޮށްދެމުން ގެންދާ ހައުސިންގ ޔުނިޓްތައް

2009 ވަނަ އަހަރުގެ ކުރީކޮޅެވެ. އަބަދުމެ އެއް އަޑަކަށް އިވެމުންދިޔައީ ” ނަނާ ހުވަފެން ދުށީމޭ ” މި ލަވައެވެ. ނަމަވެސް މި ލަވައިގެ އަސްލު ޅެމަށް ގެނެވިފައިވާ ބަދަލުތަކަކާއި އެކުއެވެ. ރަށު ބަންދުން ވީއްލުމާއި، މަސްތުވާ ތަކެއްޗަށްހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގެ ވާހަކަ އާއި، ބޭސް ސިޓީއަށް ސަލާމްޖެހުން ނައްތާލުމުގެ ވާހަކައާއި، ތަކެތީގެ އަގު ތިރިކުރުމާއި، އަތްފޯރާ އަގެއްގައި ބޯހިޔާވެހިކަން ލިއްބައިދިނުމުގެ ވާހަކައެވެ. ދެން އިވެމުން ދިޔަ އަނެއް ޅެމަކީ މަރްހޫމް ސީދީގެ ޅެމެއްކަމަށްވާ ” ގުލްޒާރުގައި ނަޔާ މަގޭ، ނޫރަނީމާ ފޮޅޭނެޔޭ” މި ޅެމުގެ އަޑެވެ. އަދި މި އަޑުތައް ހަގީގަތަކަށް ހެދުމަށް “ވަޠަންއެދޭގޮތަށް” ކުރިޔައްދިޔުމަށް ބަޔަކު އަތުކުރިއޮޅާލި އަޑެވެ.
ތީ ހުވަފެނެކޭ ، ބިލާހެކޭ، ތިކަމެއްނުވާނޭ ގޮވަމުން ދިޔަ އަޑުވެސް އެދުވަސްވަރު ވަކި މަޑެއްނޫނެވެ. އަދި އެއީ ވެދާނޭ ކަންތައްތަކެއްނޫންކަމަށް ގަބޫލު ކުރިމީހުންވެސް ވަކި މަދެއްނޫނެވެ. ފާއިތުވެގެންދިޔަ ދިގު މާޒީގައި އެއްވެސްކަމެއް ހާސިލްނުވެ އެންމެންތިބީ އެއްގޯސްވެފައެވެ. ކޮންމެ ފަސް އަހަރަކުން އެއްފަހަރު ޖަހާ ކަޑަތައް ހުންނަނީ އެފަސް އަހަރެއް ނިމޭއިރު ފީވެފައެވެ. ހަމައެގޮތަށް ވޯޓަށް ދިމާކޮށް އަޅަމުންދާ ބިންގާތައްވެސް އެއަށްވުރެން މައްޗަށް އަރާތަނެއް ނުފެނެއެވެ. ޑޮކްޓަރަށް ދައްކާ ބޭސްކުރަންވާ ކޮންމެފަހަރަކު ފުރަތަމަ ކުރަންޖެހޭނޭ ކަމަކީ ތީމުގޭ ދޮށުގައި ކިޔުހަދާ ސިޓީލުންކަމުގައި އޮތީ ރައްޔިތުންގެ ހިތުގައި ބިންވަޅުނެގިފައެވެ. ފްލެޓް ތަކާއި ގޯތިތައް ލިބޭނީ އަރިހުބޭފުޅުންނަށްކަން އައީ ދައްކައިދެމުންނެވެ. މިނިސްޓަރުކަމާއި އެތެރެކޮއިލުގެ ވަޒީފާތައް ދޭންޖެހޭނީ ހަމަހަމަކަމަށް ބެލުމެއްނެތި ބޭބޭފުޅުންނަށާއި ކޮއްކޯފުޅުން އަދި ޅިޔަންފަހަރިނަށްކަންވެސް ދިޔައީ ދައްކައިދެމުންނެވެ. ވޯޓްލާނަމަ ފޮށިތައްކައިރީ ތިބެންޖެހޭނީ ކަތީބުން ކަމާއި، ކަރުދާސްކޮޅުގައި ފާހަގަ ޖަހަންޖެހޭނީ ކަތީބުންކަންވެސް ދިޔައީ ފެންނަމުންނެވެ. އެހެންކަމުން މިކަންކަން މި ގައުމުން ބަދަލުވެދާނެކަމަށް ގަބޫލުކުރެވުނީ ވަރަށް މަދުބަޔަކަށެވެ. ނަމަވެސް މިބަދަލު ދުށުމުގެ އުއްމީދުގައި އެތައްބައިވަރު ބަޔަކު ތިއްބެވެ. އަދި އެލަވަތަކުގައިވާ ހުވަފެނީ ވާހަކަތައް ހަގީގަތަކަށް ހެދުމުގެ އުއްމީދުގައި ތބި މީހުން އެކުވެ، 30 އަހަރު ވަންދެން ދަގަނޑު ދަހަނާގައި ކުރަމުން އައި ވެރިކަން ނިމުމަކަށްގެނެސް ހިއްތިރި ޚިދުމަތްތެރި އަކަށް ވެރިކަން ހަވާލު ކުރިއެވެ.
ބަލަބަލާތިއްބައި އެކަންކަން ހަގީގަތަކަށް ވާތަންފެންނަން ފެށިއެވެ. ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލަދިނެވެ. 6000 ރުފިޔާ، 7000 ރުފިޔާއަށް ކުރަމުން އައި ދަތުރުތައް އެންމެ 20 ރުފިޔާއަށް ތިރިކުރިއެވެ. ރާއްޖޭގެ ހުރިހާރައްޔިތުންނަށް ހިލޭބޭސް ފަރުވާ ކުރެވޭނޭގޮތް ހައްދަވައިދެއްވުމަށް، މަދަނައިގެ ނަމުގައި ފެށްޓެވި ޕްރޮގްރާމް އާސަންދައާއި އެކު މިވަނީ ފުރިހަމަކުރެވިފައެވެ. ބޭސްސިޓީއަށް ސަލާމްޖެހުން މިވަނީ މާޒީޔާއާއެކުވެ ނިމިފައެވެ. މަސްތުވާތަކެތީގެ އާ ގާނޫނާއިއެކު މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ހުރިހާދޮރެއް ބަންދުކުރެވިދާނެ ކަމުގެ ފެހި ސިގްނަލްމިވަނީލިބިފައެވެ. ރަށްފުށުންނާއި މާލެއިން އުފުލެންފަށައިފައިވާ ފްލެޓްތަކާއިއެކު ބޯހިޔާވަހިކަންވެސް ހައްލުވާނެކަން މިވަނީ ޔަގީންވެފައެވެ. މިފެށުނު ޑިއުޓީފްރީ އަހަރާއިއެކު ތަކެތީގެ އަގުތައް ތިރިވާތަން މިދަނީފެންނަމުންނެވެ. އަހަރުގެ ފުރަތަމަ މަސް ނުނިމެނީސް ގިނަބާވަތްތަކެއްގެ އަގު މިވަނީ ތިރިވެފައެވެ. މުސްކުޅިންނާއި އެކަނިވެރި މައިންނާއި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ގިނަފަރާތްތަކަކަށް މިއަދުގެ ސަރުކާރުން މިއަދު ދަނީ އެކިއެކި އެލެވެންސްތައް ދެމުންނެވެ. ތެލާއި ކަރަންޓާއި އަދިވެސް ގިނައެއްޗެހި ތަކަކަށް ތަފާތު ސަބްސިޑީތައް ދަނީ ދެމުންނެވެ.
ރައްޔިތުންނަށް ހިނުތުންވުންގެނެސްދީ، މިއަދުދަނީ މިގުލްޒާރުގައި ފޮޅޭމާތައްގިނަވެ، އުފަލާއި ހިނުތުންވުމާއި އެކު މިގުލްޒާރުގެ ކޮކާތައް، އާދެ، އަޅުގަނޑުމެން ރައްޔިތުން މިދަނީ އުޅެމުންނެވެ. ހަގީގަތަކަށް ނުވާނޭކަމަށް ބުނި ކަންތައްތައް ﷲ އިރާދަފުޅާއި އެކު ކޮށް މިސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއްކަން މުޅިދުނިޔެއަށް މިއަދު މިއޮތީ ހާމަކޮށްދީފައެވެ. ކޮންމެ ހުވަފެނަކީ ބިލާހެއްނޫންކަމަށް މިއަދު ރައްޔިތުން މިތިބީ އުފަލާއި އެކު ގަބޫލުކޮށްގެންނެވެ.