ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން މިއަދު ކުރިޔަށް އެބަދޭ

އިބްރާހީމް ރާމިޒް

ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން މިއަދު ކުރިޔަށް އެބަދެއެވެ.

މި އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހި އިރު ފިއްލަދޫ އާއި މާލޭ ގައި ފަށާފައިވާ އިރު، މި ބައި އިލެކްޝަން ގައި ވާދަކުރައްވަނީ ޖުމްލަ 2 ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާ އެރަށު ފެންފިޔާޒްގޭ އާދަމް އިނާޒް އާއި ޑީއާރުޕީގެ ޓިކެޓް ގައި ވާދަކުރައްވާ މުޙައްމަދު ޖަމީލެވެ.

ފިއްލަދޫ ބައި އިލެކްޝަނަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑީޑޭޓް އާދަމް އިނާޒް އަކީ ކުރިން ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި ފިއްލަދޫ ކައުންސިލްގައި އެ ޕާޓީ ތަމްސީލް ކުރައްވަނިކޮށް ޑީއާރުޕީން އޭނާ ވަކިކުރުމުގެ ސަބަބުން ކައުންސިލްގެ ގޮނޑި ގެއްލިފައިވާ ފަރާތެކެވެ.

އިނާޒް އާ މެދު ޑީއާރުޕީން ފިޔަވަޅު އެޅީ އެރަށު ކައުންސިލްގެ ރައީސް ޑީއާރުޕީގެ މުޙައްމަދު ވިޖާން ފިއްލަދޫ ބަދުނާމްވާ ގޮތަށް މީޑިއާ ގައި ވާހަކަދެއްކެވުމާއި ގުޅިގެން ކަމަށް ބުނެ، އޭނާ ކައުންސިލްގެ ރައީސް ކަމުން ވަކިކުރުމާ ގުޅިގެންނެވެ.

ހއ. ފިއްލަދޫގެ ކައުންސިލްގެ ބައި އިލެކްޝަން ގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލަ 674 މީހުންނަށެވެ. އޭގެ ތެރެއިން 236 މީހުން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވެއެވެ.

ފިއްލަދޫ ގައި ވޯޓުފޮށި ބަހައްޓާފައިވަނީ އެރަށު ސްކޫލުގައެވެ. އަދި މާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ސިއެޗްއެސްސީ ގައެވެ.