ކާޑެއްދޫ އެއަރޕޯޓް ކަމްޕެނީ ލިމިޓެޑްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި

ކާޑެއްދޫ އެއަރޕޯޓް ކަމްޕެނީ ލިމިޓެޑް މި ނަމުގައި، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން ދިވެހިރާއްޖޭގެ ސަރަޙައްދީ ވައިގެ ބަނދަރުތަކުގެ ހިންގުން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަކީ ބޭނުންތެރިކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ އުފެއްދެވި ކުންފުންޏެކެވެ.