ހޯރަފުށީ ދާއިރާ މެކުހަށް މި ނަމުގައި ޚާއްސަ ހަފްލާއެއް ބާއްވައިފި

އިބްރާހީމް ރާމިޒް

hoarafushi-450-x-301

ހޯރަފުށި ދާއިރާ މެކުހަށް މި ނަމުގައި ހުކުރު ދުވަހު ރޭ ހޯރަފުށީގައި ޚާއްސަ ހަލްފާއެއް ބާއްވައިފިއެވެ.
ހޯރަފުށީ ބަނދަރު ސަރަޙައްދުގައި ބޭއްވި މި ޙަފްލާ އަކީ 2012 ވަނަ އަހަރަކީ ޑިއުޓީ ފްރީ އަހަރަކަށް ވުމާއި، މުޅި ރާއްޖޭގެ ހުރިހާ އެންމެންނަށް އާސަންދަ ހެލްތް އިންޝުއަރެންސް ސްކީމް ގެ ދަށުން ހިލޭ ބޭސް ފަރުވާ ހަމަޖެހިގެން ދާތީއާއި ، ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.
މި ޙަފްލާގައި މަތިއުތުރު ސަރަހައްދުގެ ޤައުމީ އިދާރާގެ ކޯޑިނޭޓަރ އަލްފާޟިލް އަލީ ނަސީރާއި ، އަތޮޅު ކައުންސިލްގެ އެމްޑީ ޕީ ކައުންސިލަރުން ކަމުގައިވާ އަލްފާޟިލް އިބްރާހިމް ރަޝީދުއާއި އަބްދުލް ހައްނާން ވާހަކަ ދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ސަރުކާރުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތް ތަކަށް އަލިއަޅުއްވާލިއެވެ.
އާސަންދަ ހެލްތް އިންޝުއަރެންސާއި ބެހޭގޮތުން ވާހަކަ ދެއްކެވީ ހޯރަފުށީ ކައުންސިލް އިދާރައިގެ ރައީސް އަލްފާޟިލް އަހްމަދު މައުރޫފެވެ. ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ތަފާތާއި ބެހޭ ގޮތުން ވާހަކަ ދެއްކެވީ ކައުންސިލް ނައިބްރައީސް އަލްފާޟިލް އަލީ ރިޔާޒެވެ. އަދި މި ބައްދަލްވުމުގައި ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި ޑީއާރު ޕީގެ އެކްޓިވިސްޓެއްގެ ހިޔާލު ފާޅުކުރުންވެސް އޮތެވެ. ބައްދަލްވުން ނިމިގެން ދިޔައީ އަލަށް ތައްޔާރުކުރެވިފައިވާ އެމް ޑީ ޕީ ގެ ލަވައެއް ނެރެދެއްވުމަށް ފަހުއެވެ. މި ލަވަ ނެރެ ދެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަލްފާޟިލް މަޢުމޫން އަބްދުއް ލަތީފެވެ. ގިނަ އަދަދެއްގެ އެމް ޑީ ޕީ މެމްބަރުންނާއި އެމް ޑީ ޕީއަށް ހެޔޮއެދޭ ބޭފުޅުން ބައިވެރިވި މި ހަފްލާ ނިންމާލީ ބޮނޑިބަތް ކެއުމާއި އެކުގައެވެ. މިބައްދަލްވުމަށް އެމްޑީޕީގެ ރައީސް އާއި ނައިބްރައީސް ، ހޯރަފުށީ ދާއިރާގެ މެމްބަރ އަދި ޗެއަރ ޕާސަންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ އިތުރުން ހޯރަފުށީ ކައުންސިލް އިދާރާގެ އެމްޑީޕީ މެމްބަރުންނާއި ، އަތޮޅު ކައުންސިލްގެ ހޯރަފުށީ ދާއިރާގެ މެމްބަރުންނާއި، ޤައުމީ އިދާރާގެ ހޯރަފުށީ ޔުނިޓުގެ ފުރިހަމަ އެއްބާރުލުން ލިބުނެވެ.