މިހާތަނަށް ދައުލަތުން ހުށަހެޅުއްވި އެންމެ ބޮޑު ބަޖެޓް ބޮޑު އަޣުލަބިއްޔަތަކުން ފާސް ކޮށްފި

ފަހަލަ ސަޢީދު

ރައްޔިތުންގެ މަޖިލީހުގެ 70 މެންބަރުން ވޯޓު ދެއްވައިގެން ފާސްކުރެއްވި 14 ބިލިއަން ރުފިޔާގެ ބަޖެޓަކީ ދިވެހިރައްޔިތުންގެ ލާބަޔާ މަންފާ ޙާޞިލް ކުރެވޭނެ ބަޖެޓެއްކަމަށާ ނަމަވެސް ހިތާމަޔަކީ ރައްޔިތުންގެ ލާބަޔާ މަންފާ މިބަޖެޓުގެ ތެރެއިން ޙާޞިލް ވެގެން ދިޔަނުދިނުމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބުރާހީމު ގާނޫނާ ޚިލާފަށް އެތަކެއް އިސްލާޙު ހުށަހެޅުއްވުން ކަމުގައި އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
2012 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ގައި ދައުލަތުން ހިމަނުއްވާފައިވާ، ޕްރައިވަޓައިޒޭޝަނަށް ކަނޑައެޅި ފައިސާ އާ، ނިކަމެތިރައްޔިތުންނަށް ދެވޭ ސަބުސިޑީ އާ، ކައުންސިލް ތަކަށް ކަނޑައެޅިފައިސާ އާ، އެކަނިވެރިމައިންނަށް ދެވޭ އަސާސީ ޕެންޝަންނުގެ ފައިސާއާ، އާނަންދަ ނަމުގައި ރައްޔިތުންނަށް ދިނުމަށް ދައުލަތުން ކަނޑައެޅުއްވި އެއްލައްކަ ރުފިޔާ މަދުކުރުމަށްވެސް ގާސިމް އިބުރާހީމު ވަނީ އިސްލާޙު ޙުށަހަޅުއްވާފައެވެ.
ކޮމެޓި ރިޕޯޓަށް ހުށަހެޅުނު ބައެއް އިސްލާހުތައް ފާސްވެފައި ވީނަމަވެސް ބަޖެޓުގެ މައިގަނޑަކަށް މާބޮޑު ބަދަލެއް ގެނެވިފައި ނުވާކަމަށް އިބޫވަނީ ވިދާޅުވެފައެވެ.
2012 ވަނައަހަރަށް ދައުލަތުން ހުށަހެޅުއްވި ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ކަނޑައަޅުއްވާފައިވާ ބަޖެޓަށް 3 މިލިއަން ރުފިޔާ އިތުރު ކޮށްފައިވާ ކަމަށާއި، ނަމަވެސް މި ތިން މިލިއަންރުފިޔާ ފިނޭސް މިނިސްޓަރ ހޯއްދަވާނެ ގޮތެއް މަޖިލީހަކުން ނިންމަވާފައި ނުވާކަމަށް ވެސް އިބޫ ވިދާޅުވިއެވެ،
ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފާސްކުރި ރައްޔިތުންގެ ދިރިއުޅުމުގެ އުންމީދުތައް ޙާޞިލްކުރެވޭ މި ބޮޑު ބަޖެޓުން ރައްޔިތުންނަށް ލާބަޔާ މަންފާ ލިބިގެންދާނީ ބަޖެޓަށް ގޯނާ ނުކޮށް ބަޖެޓްގައި ވާގޮތަށް މިނިވަންކަމާއެކު ޚަރަދު ކުރުމުގެ މިނިވަންކަން ސަރުކާރަށް ލިބިދީގެން ކަމުގައި އިބުރާހިމް މުޙައްމަދު ޞާލިޙު ވިދާޅު ވިއެވެ.
އިބޫ ވިދާޅުވީ 2012 ވަނައަހަރަށް ދައުލަތުންލަފާ ކުރައްވާ ބަޖެޓް އެކުލަވާލާފައިވަނީ ނިމިގެންދިޔައަހަރު ފާސްކުރެވުނު ބިލްތަކަށް ފެތޭގޮތަށް ކަމަށާ، ކޮމެޓީ މަރުޙަލާގައި މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވީނަމަވެސް ބަޖެޓް ރިޕޯޓް ތައްޔާރު ކުރެވިފައިވަނީ ހުރިހާ ޕާޓީތައް އެއްގަލަށް އަރައިގެން ކަމުގައެވެ.
ބަޖެޓްގައި ހިމެނޭ ފައިސާ ޚަރަދު ކުރަންވީގޮތް މާލިއްޔަތު ގާނޫނުގައި ބަޔާންކުރެވިފައި ވާނޭކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ބަޖެޓާ ބަހޭމަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އެމްޑީޕީ ގެ ޕާލަމެންޓްރީ ގޮރޫޕްގެ މެންބަރ އަޙުމަދު އަސްލަމް ވިދާޅުވީ އަޅުގަނޑު މެންނަކީ ސެންޓަރ ރައިޓު ފިކުރުގެ ބައެއްކަމަށާ ހުޅުވާލެވިފައިވާ ވިޔާފާރީގެ މިނިވަން އިގްތިޞާދެއް މިރާއްޖޭގައި ގާއިމުކުރުމަކީ މިޕާޓީގެ ފިކުރެއްކަމުގައެވެ.
މިބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރ އަޙުމަދު ސަމީރުވެސް ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.