ރައްޔިތުންގެ ލޯބި ސަރުކާރަށް ލިބިގެންދާނެތީ ބަޖެޓް ފާސްކުރަން ޑީއާރުޕީގެ ލީޑަރު ކަންބޮޑުވޭ

ފަހަލަ ސަޢީދު

2012 ވަނަ އަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްގައި ހިމެނޭ ބައެއް ކަހަލަ ފައިސާ ސަރުކާރުން ޚަރަދުކުރާނެ ކަންތައްތަކެއް ކަނޑައަޅާ ބުނެފައިނުވާ ކަމަށް ބުނެ އެފައިސާއިން ރައްޔިތުންގެ ލޯބި ހޯދުމަށް ސަރުކާރުން މަސައްކަތް ކޮށްފާނެކަމުގެ ބިރު އޮތްކަން ދޭހަވާ ޢިބާރާތުން މިއަދުގެ ރައްޔިތުންގެ މަޖީލީހުގައި ޑީއާރުޕީގެ ލީޑަރ އަޙުމަދު ތަސްމީނު ޢަލީ ވާހަކަފުޅު ދައްކަވައިފިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވާގޮތުން ސަރުކާރަށް އާމްދަނީ ހޯދުމަށް ސަރުކާރުން ޓީބިލްގެ ގޮތުގައި ވިއްކާނީ ކޯއްޗެއްކަން އެނގެން ނެތުމަކީވެސް އެމަނިކުފާނު ނުހަނު ކަންބޮޑުވާކަމެކެވެ. ވާނީވެސް އެހެންތާއެވެ. ރައްޔިތުންގެ ހައްގުތައް ނުދީ 30 އަހަރު ދުވަސްވަންދެން ނުވަތަ ރައްޔިތުން ދަމާ ބާލަންދެން ތިބި ބަޔަކު ވެރިކަން ބޭނުންވެގެން ތިއްބާ މިސަރުކާރުން ރައްޔިތުންގެ އެންމެހައި އަސާސީ ހައްގުތަށް ފުރިހަމަކޮށްދީ ސަރުކާރާމެދު ރައްޔިތުންގެ ރުހުން އުފެދިއްޖެނަމަ އެހެންޕާޓީއެއް ވެރިކަމަށް ނުގެންނާނޭކަމީ ތަސްމީނަށް ވަރަށް ސާފްކޮށް އެނގިވަޑައިގަންނަވާ ކަމެއްވިއްޔާއެވެ.

ބަޖެޓު ބޮޑުވުމުން އޭގެ ފައިދާ ލިބޭނީ އޮޅުދޫކަރައިގެ ރައްޔިތުންނަށް ހެއްޔެވެ؟ 30 އަހަރު ދުވަސް ވަންދެން ހިފަހައްޓާފައި ހުރި ރައްޔިތުންގެ އަސާސީ ޙައްގުތަށް އެންމެ ފަސް އަހަރު ދުވަހުން ފުރިހަމަ ކުރަންޖެހުނީމާ ބަޖެޓު ކުޑަކުރާނީ ކިހިނެއްތޯއެވެ؟ މިބަޖެޓަކީ އަނެއް ދިވެހިރާއްޖެއަށް ދިއުމަށްޓަކާ ކޮންމެހެން ވެސް ރައްޔިތުންނަށް ލިބެންޖެހޭނެ ބަޖެޓެކެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ ބޭސް ފަރުވާ ލިބޭ ހަމަ އެކަނި ގައުމުގެ ޝަރަފް ވެސް މިބަޖެޓްގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނެއެވެ.

އިދިކޮޅުފަރާތްތަކުން ބުނަނީ އެއްވެސް ވަޢުދެއް ނުފުދޭކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދޭން އުޅުމަކީ އިދިކޮޅު ފަރާތްތަކުގެ މޭކަރާ ކަމަކަށްވެ އެކަން ވިޔަނުދިނުމަށް މިހާތަނަށް އަރުވާޖަހައިގެން މަގުމަށްޗަށް ނުކުމެފައި ހުރި ކަންކަމެވެ. ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެންމެ ރަނގަޅު ފެންވަރަށް 55 ބަނދަރު ހަދައިދެވިއްޖެއެވެ. ދެން ބައްލަވާ 30 އަހަރުން ހެދުނީ ކިތަށް ބަނދަރުތޯ؟ އުކާލާފައިވާ މަލުގެ ހާރެއްފަދަ ގުދުރަތީ ރީތި ރަށްތަކާ ދަތުރު ފަތުރުން ގުޅުވާދީ ވިސް ވިހާލިވެފައިވާ ޢާއިލާތަކުގެ ގުޅުން ބަދަހި ވަމުން އެދަނީ އެމްޑީޕީ ވެރިކަމަށް ގެނައި ތީއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ރައްޔިތުން ތަޙައްމަލްކުރި 30 އަހަރު ނިމި ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި 8500 ފުލެޓް އަޅައި ނިންމާ ރައްޔިތުންނާ އެފުލެޓްތަށް ހަވާލުކުރަމުންދާއިރު އިތުރު ހައުސިންގ ޔުނިޓް އެޅުމަށް އެވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. 30 އަހަރު ދުވަހުގެ ތެރޭގައި ޚަރާބުގެ ތެރެއަށް ގަންބާލި ޒުވާން ޖަނަރޭޝަން މަގުމަތިވެ ޖަލުތަކުގައާ މަގުތަކަށް އުކިފައި ވަނިކޮށް މިއަހަރުގެ މެދެއްހާ ތަނަށް އައި އިރު ވަޒީފާނެތްމީހުންގެ އަދަދު %12 އަށް ދައްކޮށްފައިވަނީވެސް މިސަރުކާރުންނެވެ. މަތީ ތައުލީމުން ޒުވާން ޖީލު އެކަހެރި ކޮށްފައި ވަނިކޮށް 1755 ދަރިވަރަކު މިހާރުވަނީ 81 މިލިއަން ރުފިޔާގެ ލޯނު ސްކީމެއްގެ ދަށުން ބޭރުގައުމުތަކަށް ކިޔަވަން ފޮނުވާދީފައެވެ. 149 ސްކޯލަރ ޝިޕް ގެ ފުރުޞަތު މިސަރުކާރުން ފަހިކޮށްދީފިއެވެ. ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމުގެ ދަށުން 12094 ދަރިވަރުން ތަމްރީނު ކޮށް ދީފިއެވެ. އަދި ރާއްޖޭގެ ތިންސަރަޙައްދެއްގާ ޖޮބު ސެންޓަރު ވެސްވަނީ އަޅައިދީފައެވެ. ވޭތުވެ ދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި 176 ކްލާސް ރޫމުވަނީ އަޅާ ނިންމާ އިތުރު 127 ކްލާސް ރޫމު އެޅުމަށް މިހާރު ވަނީ ކޮންޓްރެކްޓް ކުރުމުގެ މަގުމަތީގައެވެ. އޯލެވެލް އިމްތިހާނުގެ ނަތީޖާ މިހާރުވަނީ %8 ކުރިއަރާފައެވެ.

ބަޖެޓް ބޮޑުވެގެން އިދިކޮޅު ފަރާތްތަކަށް ކަންބޮޑުވަނީ މުލީއާގޭ ޚަރަދުގައި އެތާގެ ގާޑު ސިންގަޕޫރަށް ފޮނުވައިގެން އެއްލައްކަ ޑޮލަރުގެ ބައިޕާސް އޮޕަރޭޝަނެއް ކޮށްފާނޭތީހެއްޔެވެ؟ ނޫނީ މުލީއާގެއަށް ދުވާލަކު ހަތަރުލައްކަ ރުފިޔާ ޚަރަދު ކޮށްފާނެތީހެއްޔެވެ؟
ކަން މިހެން ހުރި ޒަމާން މާޒީވެ ދިއުމުންވެސް ދޮން ހަސަނަށް ހީވާގޮތަށް ހީވެގެން އުޅެނީއެވެ. އެނގިވަޑައި ގަނޭތޯ، މައުމޫނު ފަނާކުރި ޒުވާނުން ރަނގަޅު ކުރުމަށްޓަކާ ކޮންމެ މަހަކު އެޒުވާނުންނަށް 256000 ރުފިޔާ މިސަރުކާރުން ހޭދަކުރެއެވެ. ބަޖެޓް ބޮޑުވެގެން އިދިކޮޅުމީހުން ކަންބޮޑުވާނެ ކަމެއްނެތެވެ. ވެރިކަމުގައި ހުންނެވީ މައުމޫނެއްނޫނެވެ. މިކަހަލަ ބަޖެޓެއް ހެދޭވަރުގެ ގާބިލް ބަޔަކާ އަދި މިހާތަނަށް ދައުލަތުގެ ބަޖެޓް ހަދަން ޙަވާލުކޮށްފައެއް ވެސް ނޯންނާނެއެވެ. ރާއްޖެ ހިންގަމުން މިދަނީ ޒުވާން ހުނަރުވެރި ޢިލްމީ ގާބިލް ލީޑަރ ޝިޕަކުންނެވެ. ދެން މުސްކުޅި އެވޭލާޒަމާނުގެ މީހުންގެ އަތްމަށްޗަށް މިގައުމުގެ ވެރިކަން ފުރޮޅައެއް ނުލެވޭނެއެވެ. އަސުރުން ތިރިވެ އޮއްސެން ކައިރި ވީމާ ކުރެވޭނެ ކަމެއް ޢަމުދުން ނުއޮންނާނޭކަން ގަބޫލު ކުރައްވާށެވެ.