ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މެދުގައި ދީނީ ޢަޤީދާ ވަރުގަދަ ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

28311_b7f3798a-2_

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރައްޔިތުންގެ މެދުގައި ދީނީ ޢަޤީދާ ވަރުގަދަ ކުރެއްވުމަށް ކަމަށާއި، ޤައުމިއްޔަތެއް ބިނާކުރުމުގައި، ޢަޤީދާ ވަރުގަދަވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. މާރަންދޫ ހުކުރު މިސްކިތުގެ ބިންގާ އަޅުއްވައިދެއްވުމަށް މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ޙަވާލުކުރެވޭނީ، ވަރުގަދަ ޢަޤީދާއެއްގެ މައްޗަށް ޤައުމިއްޔަތު ބިނާކުރެވިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދީނީ ކަންތައްތައް ސަރުކާރުން ގެންދަވަނީ، ދީނީ ދަންނަ ބޭކަލުންގެ ހެޔޮލަފާ ނަޞޭޙަތާ އެއްގޮތަށް ކަމަށް ވިދާޅުވެ، ސިޔާސީ ބޭނުމަކަށްޓަކައި، ދީން އެއީ، ހަތިޔާރެއް ކަމަށް، މި ސަރުކާރުން ނުހައްދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ރޭ ކެލައަށް ކުރެއްވި ދަތުރުފުޅުގައި، އެރަށު ކައުންސިލާ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި، ލާމަރުކަޒީ އުޞޫލުން ހުރިހާ މުއައްސަސާތައް ގުޅިގެން ރަށް ހިންގެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިހަވަންދޫ، މާރަންދޫ އަދި ތަކަންދޫ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައި، އެރަށްރަށުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.