ސިއްހީ ދާއިރާއަށް ކުރިމަތިކުރާ ގޮންޖެހުންތައް އިތުރުވެފަ!

ފުނަމާ

ކުރީގެ ލިއުމެއްގައިވެސް ދެންނެވި ފަދައިން ސިއްހީ ދާއިރާއަކީ މޮޅެއް ދެރައެއްނެތި އެންމެހައި ރައްޔިތުން އެޚިދުމަތަކަށް އެންމެ ބޭނުންވާ ޚިދުމަތް ލިބިދޭންޖެހޭ ދާއިރާއެވެ. އެހެންކަމުން ސިއްހީ ދާއިރާ ކުރިއަރުވައި މިހާރުގެ ހާލަތުން ރައްޔިތުންގެ މަގުބޫލުކަން ލިބެނިވި ދާއިރާއަކަށް ހަދައި ، ޚިދުމަތްތައް ފުރިހަމަ ކުރާން އެބަޖެހެއެވެ.

ރާއްޖެއިން އެކަށީގެންވާ އަދަދަކަށް ޑޮކްޓަރުން ނުލިބުމާ ، ބޭރުން އިމްޕޯޓުކުރާންޖެހޭ ބަޔަކަށް އެމީހުންވުމުން ޑރންގެ މައްސަލަ އަކީ ބޮޑުމައްސަލަ އަކަށް މިވަނީ ވެފައެވެ. އަންނަ ޑރން ކުއްލިއަކަށް ފުރައިގެން ދިއުމާ ، ވަގުތުން ވަގުތަށް ޑރން ނުގެނެވުމަކީ ސިއްހީ ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ހަމައެހެންމެ ސިއްޙީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ތަފާތު މެޝިނަރީ ތަކުގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ. ރާއްޖޭގެ މާހައުލާއި ރަށްރަށުގެ ކަރަންޓުގެ މައްސަލަ ތަކާއި ގުޅިގެން މެޝިނަރީތަކަށް އަބަދުވެސް ބޮޑެތި ގެއްލުންތައް ވަމުންދާއިރު އެއް އަތޮޅެއްގައި އެއްކަމަކަށް ބޭނުންކުރާ މެޝިނަރީ ތަކުގެ ބުރޭންޑުތައް ތަފާތުވުމަކީވެސް މައްސަލައެކެވެ. ސްޕެއަރޕާޓްސް ހޯދުމުގައި ކުރިމަތިވާ މައްސަލަ ތަކުގެ އިތުރުން މިތަކެތި ސަރވިސްކޮށް ބަލަހައްޓާނެ މީހުން އެކަށީގެންވާ މިންވަރަކަށް ތަމްރީނު ކުރެވިފައި ނެތުމަކީވެސް ބޮޑު މައްސަލައެކެވެ.

މިސަރުކާރުގެ ވިސްނުމާ އެއްގޮތަށް ސިއްހީ ދާއިރާއަށް މިވަނީ މިއަދު ބޮޑު ބަދަލުތަކެއް ގެނެވިފައެވެ. ސަރުކާރުން މިދާއިރާ ކުރިއެރުވުމަށް ކުރަމުންގެންދާ ގިނަގުނަ ހޭދައާއި މަސައްކަތްތައް ކުރިއަށްދާ މިންވަރަށްވުރެ ހަލުވިކޮށް މިދާއިރާ ފެއިލް ކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ރޭވުންތެރިކަން މާބޮޑުވެފައި ފަސޭހައެވެ. ކިރިޔާ މައްސަލައެއް ޖެހިލާއިރަށް ހޮސްޕިޓަލްތަކާއި ، މަރުކަޒުތަކުގެ ދޮށަށް މީހުން އެއްވުމާ ، އެކިއެކި ސިޔާސީ ފޯރަމްތަކުގައި ، ސިއްހީ ދާއިރާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ މަދުއެއްޗެއް ނޫނެވެ. ނަމަވެސް ކުރިޔާ ޚިލާފަށް މިއަދު ސިއްހީ ދާއިރާ ކުރިއަށް ޖެހެމުންދާކަން ރަނގަޅަށް ވިސްނައި ލުމުން އެނގޭނެއެވެ. މަދަނައިގެ ދަށުން ޚިދުމަތް ލިބުނު ފަރާތްތަކަށް އެސްކީމްގެ މުހިންމުކަން ވިސްނޭނެއެވެ. އަދި މިއަދު މިތައްޔާރުވަމުންދާ ، ހެލްތު އިންޝުއަރެންސް ސްކީމް ތަޢާރަފުވުމުން ދިވެހި ރައްޔިތުން ބޭސްސިޓީއަށް ސަލާންޖެހުމަށް ކުރިއަރައިދިޔަ ސަގާފަތަށް މުޅީން ނިމުންއައިސް އުފާވެރިކަމާއެކު ކުރިއަށް ދެވޭނެކަން މިހާރުވެސް ޔަގީންވެއެވެ. އެކަމަކު މިކަން އެނގިހުރެ ވެރިކަމަށް ދަހިވެތިވެފައިވާ ބަޔަކު އެގެންދަނީ ކުރީގައި ސިއްހީ ގޮތުން ފުންނާބު އުސްވެފައިވާތީވެ އެމީހުންނަށްވުރެ ފުންނާބުއުސް އެހެންބަޔަކު ރާއްޖޭގައި އުފެދުނަ ނުދޭން މަސައްކަތްކުރި މަދުބަޔަކު އިދިކޮޅު ފަރާތްތަކުގެ ތެރެއަށް ގެންގޮސް ސަރުކާރާއި ރައްޔިތުން މިއެދޭ ތަސައްވުރު ބަދަލުކުރުވުމަށް އެގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަން ވިސްނައި މިއަދު ސިއްހީ ދާއިރާއާއި ހަވާލުވެގެން ތިއްބެވި ފަރާތްތަކުން މަސައްކަތްތަކެއް ކުރާން އެބަޖެހެއެވެ.

މިސަރުކާރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ހަތްކޯޕަރޭޝަން ހައްދަވައި ސިއްހީ ޚިދުމަތް ކުރިއެރުވުމުގެ މެންޑޭޓު މިވަނީ މިހާރު ހަވާލު ކުރެވިފައެވެ. އަދި އެކޯޕަރޭޝަން ތަކުން މިދާއިރާ ކުރިއެރުވުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ބުރަ މަސައްކަތްތަކެއް އެގެންދަނީ ކުރަމުންނެވެ. އެންމެ ދުވަހެއްގެ އިރުއަރައި އޮށްސޭއިރަށް އެއްވެސް ކަމެއް އެންމެ ރަނގަޅު ނުކުރެވޭނެކަން ގަބޫލުކުރަމުންވެސް ކޯޕަރޭޝަން ތަކަށް މަސައްކަތް ކުރުމުގައި ދިމާވާ ބޮޑެތި ހުރަސްތައް އެބަހުރިކަން ގަބޫލުކުރާން ޖެހެއެވެ. އެގޮތުން ކޯޕަރޭޝަންތަކުގެ ބޯޑަށް ކަނޑައެޅި ފައިވާ މެމްބަރުންގެ އެންމެ ފުރިހަމަ އެއްބާރުލުން ކޯޕަރޭޝަންތަކަށް ނުލިބުމުގައި ކުރިމަތިވާ މައްސަލަތައް ފާހަގަ ކުރާން ޖެހެއެވެ. ބޯޑުގެ މެންބަރުންނަށް ލިބޭ އެލަވަންސަކީ މިއަދުގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ކުޑަމިންވަރެއް ކަމުގައި ވުމާއެކު ކޮންމެ މެންބަރަކުވެސް ދިރިއުޅުމަށް ކޮންމެވެސް އެހެން މަސައްކަތެއް ކުރާން އެބަޖެހެއެވެ. އެހެންކަމުން ބޯޑުގެ ބޭނުންތަކަށް އެކަށީގެންވާ ވަގުތު ނުދެވޭ ފަހަރު އެބައާދެއެވެ. އެގްޒެކްޓިވް މެމްބަރުންނަށް އެކަށީގެންވާ މުސާރައެއް ލިބުނު ކަމުގައި ވީނަމަވެސް ކޯޕަރޭޝަންއެއްގައި ހިމެނޭ ހުރިހައި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވިދާނެއެވެ. އެހެންކަމުން ކޯޕަރޭޝަންގެ ބޯޑުގައި ހިމެނޭ އެންމެހައި މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއެކު، ކަމަށް ހުސްވެ ތިބެގެން މިދާއިރާ ކުރިއަރުވަން މަސައްކަތް ކުރާން އެބަޖެހެއެވެ. ނަންނަމުގައި މުއައްޒަފުން ލައިގެން އަމުރުތަކެއް ކޮށް ނުވަތަ ގަވައިދުތަކެއް ލިޔެ ބެހެއްޓިއަކަސް އެކަންކަން އެދަނީ އެންމެ ރަނގަޅަށްތޯ ބަލާން ބަޔަކު އަބަދުވެސް ތިބޭން އެބަޖެހެއެވެ. އެހެނީ ކުންފުނީގެ ބޯޑަކީ ، އެކުންފުނީގެ އެންމެހައި ކަންކަމުގައި ފުރިހަމައަށް ޒިންމާ ނަގަންޖެހޭނެ ބައެއް ކަމުގައި ވާތީއެވެ.

ތެދެކެވެ. ހެލްތު ކޯޕަރޭޝަން ތަކުގެ ބޯޑުގައި ހިމެނޭ އެންމެހައި ޑައިރެކްޓަރން ނަކީ ހޮސްޕިޓަލު ތަކުގައި އޮޕަރޭޝަން ކުރުމުގެ ސެޓްފިކެޓް ނެތް ބަޔަކަށް ވެދާނެއެވެ. ނަމަވެސް ގުޅިގެން މަސައްކަތްކޮށް ތަނެއް ކުރިއެރުވުމަށް މުހިންމު ބައެކެވެ. އެހެންކަމުން ކޯޕަރޭޝަންތަކުން ކަނޑައަޅާ ކަންކަން ހިނގާ ނުހިނގާ ރަނގަޅަށް ބަލައި އެކަންކަން ސީދާ ބަލަހައްޓާ ބައެއްގެ ގޮތުގައި ބޯޑުތަކުގެ ޑައިރެކްޓަރުން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ. ކުންފުނި ތަކުގެ ރެގިއުލޭޓަރީ ބޮޑީތަކުން ހެދިފައިވާ ގަވާއިދުތަކުގެ ތެރޭގައި މިމަގުން ކުރިއަށް ދިއުމަށް ފުށުއަރާ ކަންކަން ހުރިކަމުގައި ވާނަމަ އިސްލާހުކޮށް އަލުން ވިސްނުމަކީ މުހިންމު ކަމެކެވެ. އަދި ކަމާބެހޭ ވުޒާރާ ތަކުގެ ދައުރު ހަނިނުކޮށް އެހެނަސް އެއްބަޔަކު އަނެއްބައެއްގެ އިން ހުރަސްނުކޮށް އެއްބާރުލުން ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ވަގުތުނެތޭ ، ވަގުތުނެތޭ ، ބުނެ ކަންކަން ކުރުމުގެ ބަދަލުގައި ވިސްނުންތެރި ކަމާއެކު ކަންކަން ރާވާ ހިންގުމުގެ ބާރާއި ، ލަފާއާއި މަޝްވަރާ ލިބިދޭން އެބަޖެހެއެވެ. ސަރުކާރުން މިޚިދުމަތް ފުޅާކުރާން ބޭނުންވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އެކަނި ކަމުގައި ވީނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަން ފެއިލް ކޮށްލުމަށް އެމަސައްކަތް ކުރާ ކުރުންތަކުގައި ފާޅުކަން ބޮޑުގޮތެއްގައި ސިއްހީ ދާއިރާއަށް ދެމުން ގެންދާ ހަމަލާ ތަކަކީ ސިޔާސީ ސްޓަންޓެއްކަން އެނގިތިބެ ، މިމަސައްކަތާ ހަވާލުވެ ތިބިބައެއްގެ އެންމެ ފުރިހަމަ އެއްބާރުލުން މިދާއިރާއަށް ދީގެން މިހާރަށްވުރެ ބޯޑުތަކުގެ ޑިރެކްޓަރުންގެ ދައުރު ފުޅާކުރާން އެބަޖެހެއެވެ.