ދާއިރާތައް

އެމްޑީޕީގެ ދާއިރާތަކަކީ އެމްޑީޕީގެ އަސާސީ ޤަވާއިދުގެ 5ވަނަ ބާބުގައި ބަޔާންކުރެވިފައިވާ، ޕާޓީގެ 13 ގުނަނުގެތެރެއިން 12ވަނަ ގުނަނެވެ.

ޕާޓީ ބައިވެފައި އޮންނާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެއިރެއްގައި ހުޅުވާލެވޭ ދާއިރާ ތަކުގެ ޢަދަދުގެ މައްޗަށެވެ.

ދާއިރާ އެކުލެވިގެންވާ ގޮތް
ދާއިރާ އެކުލެވިގެންވަނީ:
(ހ) ދާއިރާގެ މަޖިލިސް
(ށ) ދާއިރާގެ ހިންގާ ކޮމިޓީ
(ނ) ދާއިރާގެ ގޮފިތައް
ދާއިރާގެ މަޖިލިސް
ދާއިރާ މަޖިލިސް އެކުލެވިގެންވަނީ:
(ހ) ދާއިރާގެ ހިންގާ ކޮމިޓީ
(ށ) ދާއިރާގެ ގޮފިތަކުގެ ރައީސުން
(ނ) ޕާޓީއަށް ނިސްބަތްވާ ދާއިރާގެ ލޯކަލް ކައުންސިލަރުން

ދާއިރާގެ މަޖިލީހުގެ މަސްއޫލިއްޔަތު
1. ދާއިރާގެ ހިންގާ ޤަވައިދު އެކުލަވާލުން އަދި އިސްލާހުކުރުން
2. ދާއިރާގެ ސިޔާސަތު އެކަށައެޅުން
3. ދާއިރާ ހިންގާ ކޮމިޓީން ހުށަހަޅާ އޮޑިޓްރިޕޯޓާއި އަހަރީ ރިޕޯޓް ފާސްކުރުން
4. ދާއިރާ މަޖިލިސްގެ ބާރުތަކަށް ފުށުނާރާ ގޮތަށް ޕާޓީގެ މަސްލަހަތުތަކަށް ކުރިއެރުން ލިބޭ ހުރިހާ ކަމެއް ދާއިރާގައި ހިންގުން
5. ދާއިރާގެ ދެމަޖިލިސް ދޭތެރޭ ގެންދެވޭ ޕާޓީގެ އެންމެހައި ޕްރޮގްރާމްތައް ދާނުދާގޮތް ބަލައި ދާއިރާގެ ސިޔާސަތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން
6. ދާއިރާގެ ނައިބު ރައީސް (މާލީ) އަދި ދާއިރާގެ ނައިބު ރައީސް (މެންބަރޝިޕް) ހޮވުން.

ދާއިރާގެ ހިންގާ ކޮމިޓީ
(ހ) ކޮންމެ ދާއިރާއެއްގެ ހިންގާކޮމިޓީގައި އެކުލެވޭނީ، އިންތިޚާބު ކޮށްފައިވާ ދާއިރާގެ ރައީސްއާއި، ދާއިރާގެ ރައީސްގެ ނައިބާއި، ސެކެޓްރީއާއި، ސެކެޓްރީގެ ނައިބާއި، މަޢުލޫމާތާއި އިޝްތިހާރާއި ޢާންމު އެންގުންތަކާ ބެހޭ ސެކެޓްރީއެވެ.
(ށ) މި މާއްދާގެ (ހ) ބުނާ ދާއިރާގެ ހިންގާކޮމެޓީގެ ހުރިހާ މަޤާމެއްވެސް ހޮވާނީ އެދާއިރާއެއްގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންވެ.

ދާއިރާގެ ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތު
ދާއިރާގެ ހިންގާ ކޮމިޓީގެ މަސްއޫލިއްޔަތުތައް:
1. ދާއިރާގައި ޕާޓީ ބިނާކުރުން
2. ދާއިރާގައި ގޮފިތައް ގާއިމުކޮށް ރަޖިސްޓަރީ ކުރުން.
3. މި އަސާސީޤަވާއިދުގައި ބަޔާން ކުރެވިފައިވާ ޙާލަތެއް މެދުވެރިވެގެން ގޮފި އުވާލަން ޖެހޭ ޙާލަތެއްގައި ދާއިރާގެ ޤޮތްޕެއް އުވާލުން
4. ޤައުމީ މަޖިލިހުން ފާސްކުރާ ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތައް ދާއިރާގައި ހިންގުން
5. ޕާޓީގެ މަސްލަހަތުތަކަށް ކުރިއެރުން ލިބޭ ހުރިހާކަމެއް ކުރުން.
1. ދާއިރާގެ އޮފީސް
ދާއިރާ މަޖިލީހުން ކަނޑައަޅާ ވަކި މިންގަޑުތަކެއްގެ މަތިން ހިނގާ ދާއިރާ އޮނިގަނޑާއި އިދާރީ ބައިތައް ހިމެނޭ އިދާރީ އޮފީހެއް ދާއިރާގެ ނައިބު ރައީސްއެއް ވަޒަންވެރިވެ ހުންނަ ކޮންމެވެސް އެއްރަށެއްގައި ހުންނަންވާނެއެވެ.

ފޯކަލް ޕޮއިންޓް
(ހ) ދާއިރާގައި، ޕާޓީގެ ގޮފިތައް ހިމެނޭ ރަށްތަކުގެތެރެއިން ދާއިރާ އޮފީސް ހުންނަ ރަށް ނޫން ކޮންމެ ރަށެއްގައި ޕާޓީގެ މަސައްކަތް ހިންގާނެ ފޯކަލް ޕޮއިންޓެއް ހުންނަން ވާނެއެވެ.

ދާއިރާތަކަށް ފައިސާ ދިނުން

ދައުލަތުގެ ބަޖެޓުގައި ހިމެނިގެން ޕާޓީއަށް ލިބޭ ފައިސާ ދާއިރާތަކަށް ދިނުމުގައި ޢަމަލު ކުރާނީ ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.

1. ދާއިރާގެ ހިންގާ ކޮމިޓީގެ ޤާނޫނީ ޢަދަދު ހަމަވާ ޖަލްސާއެއްގައި، ދާއިރާގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވުމަށާއި އަދި އެ ބޭންކު އެކައުންޓާއި ގުޅޭ މުއާމަލާތްތައް ހިންގާނީ ކިތައްމީހުންތޯ ކަނޑައަޅާ ގަރާރެއް ފާސް ކުރަންވާނެއެވެ.

2. ގާރާރު ފާސް ކުރުމަށްފަހު ދާއިރާ ރައީސް މެދުވެރިކޮށް ޤައުމީ މަޖްލިހަށް އެގަރާރު ހުށައަޅަންވާނެއެވެ. ދާއިރާއެއްގެ ބޭންކު އެކައުންޓަކާ ބެހޭ ގަރާރެއް ޤައުމީ މަޖްލީހަށް ހުށައެޅުމުން އެންމެ އަވަހަށް ބޭއްވޭ ޤައުމީ މަޖްލިހަކަށް އެޖެންޑާ ކޮށްދޭން ވާނެއެވެ.

3. މިފަދަ ގަރާރެއް ޤައުމީ މަޖްލިހުން ފާސް ކުރާތާ ގިނަވެގެން، މަސައްކަތް ކުރާ 7 ދުވަހުގެ ތެރޭގައި ސެކްރެޓޭރިއެޓުން އެކައުންޓް ހުޅުވުމަށް ބޭންކަށް ހުށައަޅަން ވާނެއެވެ.

4. ދައުލަތުގެ ބަޖެޓްގައި ހިމެނިގެން ޕާޓީއަށް ލިބޭ ފައިސާ ދައުލަތުގެ ފަރާތުން ޕާޓީއަށް ލިބުމަށްފަހު، ޕާޓީގެ މައި އިދާރާއިން 60 ދުވަހުގެ ތެރޭގައި އެދާއިރާއަކަށް ކަނޑައެޅިފައިވާ ފައިސާ، އެދާއިރާގެ ބޭންކު އެކައުންޓަށް ޖަމާ ކޮށްދޭން ވާނެއެވެ. މިފައިސާ ޖަމާކޮށްދޭނީ، ހަމައެކަނި ފާއިތުވި އަހަރުގެ މާލީ ހިސާބުތައް ޕާޓީން ކަނޑައަޅާ އުސޫލްތަކާއި އެއްގޮތަށް ޕާޓީގެ މައި އިދާރާއަށް ފޮނުވައިދޭ ފަރާތްތަކަށެވެ.

ފައިސާ ޚަރަދު ކުރުން

1. ކުރިއަށް އޮތް އަހަރު ދާއިރާއަކަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި، އެކި ކަންކަމަށް ކުރަން ގަސްދުކުރާ ޚަރަދުގެ ތަފްސީލް ހިމެނޭ، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް، ނިމޭ އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން، ދާއިރާގެ ހިންގާ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ ޖަލްސާ އަކުން ފާސްކުރުމަށް ފަހު ޕާޓީގެ ސެކްރެޓޭރިއެޓަށް ކޮންމެ ދާއިރާއަކުން ހުށައަޅަން ވާނެއެވެ. ބަޖެޓް ހުށައަޅާއިރު އެބަޖެޓާ ބެހޭ ގޮތުން ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ބަޔާނެއް އެކުލަވާލާ ހުށައަޅަން ވާނެއެވެ. (ދާއިރާ ހިންގުމަށް އަދި ޕާޓީގެ އެކި ހަރަކާތްތައް ހިންގުމުގެ ޕްލޭން، ހިންގަން ކަނޑައަޅާފައިވާ ކަންތައްތައް، އެކަންކަން ކުރުމަށް ހިގާނެ ޚަރަދު، އެކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ)

2. ދާއިރާތަކަށް ލިބޭ އާމްދަނީ އާއި ކުރެވޭ ޚަރަދުތަކުގެ ހިސާބުތައް ބަލަހައްޓާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާއި ޕާޓީން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ.

3. މުއައްޒިފުން: ދާއިރާގެ ވަޒީފާގައި ހުންނަ މުއައްޒަފަކީ ގަވާއިދުން ދުވަހު މަސައްކަތަށް ނުކުންނަ މުއައްޒަފަކަށް ވާންނާނެއެވެ. މުއައްޒަފުންނަށް ދޭ އުޖޫރައެއް ދެވޭނީ އެމީހަކު ހާޒިރު ވެފައިވާ ދުވަހަކަށް ބަލާފައި ހާޒިރުވި ދުވަހަކަށެވެ.

4. ވޮލަންޓިއަރުން: ވޮލަންޓިއަރުންނަކީ ހިލޭ ސާބަހަށް ޕާޓީގެ ކުރިއެރުމަށާއި ލާބައަށް މަސައްކަތް ކޮށްދޭ ބަޔަކަށްވާތީ ވޮލަންޓިއަރުންނަށް މުސާރައެއް ނުދެވޭނެއެވެ. އެކަމަކު ވޮލަންޓިއަރުންގެ ހާޒިރީ ބެލެހެއްޓުމަކީ ބޭނުންތެރި ކަމެކެވެ.

5. ރެކޯޑް ބެލެހެއްޓުން: ދާއިރާއިން ކުރަމުން ގެންދާ ކަންތައްތަކުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ ބަލަހައްޓަންވާނެއެވެ. ދާއިރާގެ މުއައްޒަފަކު މަސައްކަތަށް ނުކުމެ އެދުވަހު ކުރި މަސައްކަތްތަކުގެ ޔައުމިއްޔާ އެދުވަހަކު ޔައުމިއްޔާ ފޮތުގައި ރަނގަޅަށް އެގޭނޭ ހެން ލިޔަންވާނެއެވެ. ( ޔައުމިއްޔާ ލިޔާނީ މިދަންނަވާ ކަންކަން ރަނގަޅަށް އެގޭނެ ގޮތަށެވެ. 1. އޮފީސް ހުޅުވި މީހާއާއި ގަޑި 2. ބޭއްވުނު ބައްދަލު ކުރުންތައް (ބޭއްވުނު ކަމަކާ، ހާޒިރުވީ މީހުންގެ ފުރިހަމަ ނަމާ އެޑްރެސް ގުޅޭ ނަމްބަރ އެގޭ ގޮތަށް އަދި ބައްދަލު ކުރުމުގެ ނިންމުންތައް)

6. ދާއިރާއިން ހުށައަޅާފައިވާ ބަޖެޓްގައި ހުއްދަ ކުރެވިފައިވާ ކަންކަމުގެ އިތުރު ކަމަކަށް ޚަރަދު ކުރެވޭނީ ދާއިރާގެ ޤާނޫނީ އަދަދު ހަމަވާ ޖަލްސާއަކުން ފާސްކުރުމަށް ފަހު ޕާޓީގެ ސެކްރެޓޭރިއެޓަށް އެކަން އެންގުމަށް ފަހު ސެކްރެޓޭރިއެޓުން ލިޔުމުން އެކަން ކުރުމުގެ ހުއްދަ ލިބިގެންނެވެ.

7. ދާއިރާއަށް ލިބޭ އާމްދަނީއާއި ޚަރަދު ކުރެވޭ ފައިސާ: ދާއިރާއަށް ލިބޭ އާމްދަނީ ލިބުމާއި އެކު އެފައިސާ ދިން ފަރާތަކަށް ދާއިރާގެ ތައްގަޑުޖަހާ ފައިސާ ޙަވާލުވި ފަރާތުގެ ނަމާއި ސޮއި އަދި ބަލައިގަތް ތާރީޚު އެނގޭގޮތަށް ޗާޕްކޮށް ސީރިއަލް ނަމްބަރު ޖަހާފައިވާ ރަސީދެއް ދޭން ވަނެއެވެ. އަދި ލިބޭ އާމްދަނީ ފޮތެއްގައި ލިޔެ ބަލަހައްޓަން ވާނެއެވެ. ނޫންނަމަ ކުއިކްބުކްސް، ޕީޗްޓްރީ ފަދަ އެކައުންޓިންގ ސޮފްޓްވެއަރ އެއްގައި ރެކޯޑްކޮށް ބަލަހައްޓަން ވާނެއެވެ. ދާއިރާއިން ކުރެވޭ ޚަދަރުތައް ވައުޗަރުގައި ލިޔެ ހުއްދަ ނަގަންޖެހޭ ފަރާތުގެ ސޮއި ލިބުމަށް ފަހު ކުރެވޭ ޚަރަދުތައް ރިކޯޑްކޮށް ބަލަހައްޓަން ވާނެއެވެ.

8. ރިޕޯޓް ފޮނުވުން: ކޮންމެ ދާއިރާއަކަށް ލިބޭ އާންމުދަނީ އާއި ކުރެވޭ ޚަރަދު ތަކުގެ ރިޕޯޓް ކޮންމެ މީލާދީ މަހެއްގެ ދިހަވަނަ ދުވަހުގެ ކުރިން ޕާޓީ ސެކްރެޓޭރިއެޓަށް ހުށައަޅަން ވާނެއެވެ. މީގެ ތެރޭގައި ހާޒިރީއާއި ޔައުމިއްޔާ ހުށައަޅަން ވާނެއެވެ.

9. ބޭންކް ރީކޮންސިލިއޭޝަން ސްޓޭޓްމަންޓެއް މީލާދީ ކޮންމެ މަހެއްގެ 10ގެ ކުރިން ޕާޓީގެ ސެކްރެޓޭރިއެޓަށް ކޮންމެ ދާއިރާއަކުން ހުށައަޅަން ވާނެއެވެ. މިސްޓޭޓްމަންޓުގައި ބޭންކުން ދައްކާއަދަދާއި ދާއިރާގެ ހިސާބުތަކުންދައްކާ އަދަދު ދިމާވާންޖެހޭނެއެވެ. މިކަމުގައި ޒިންމާވާންޖެހޭނީ ބޭންކުގެ ފައިސާބަލަހައްޓާ އިސްވެދިޔަ ފަރާތްތަކުންނެވެ.

10. އާމްދަނީ ގޮތުގައާއި އެހެނިހެންގޮތްގޮތުން ލިބޭފައިސާ އެފައިސާއެއް ލިބުނުދުވަހު ނުވަތަ (އެދުވަހުޖަމާކުރެވޭހާ ވަގުތުނެތިއްޖެނަމަ) ޖެހިގެން ބޭންކް ހުޅުވޭދުވަހު ޖަމާކުރަންވާނެއެވެ.މިގޮތަށް ލިބިފައިވާ ފައިސާ ބަހައްޓަން ޖެހޭނީ ތަޅުލާ ރައްކާތެރި ތަނެއްގައި ރައްކާ ކޮށްފައެވެ. އަދި މިފައިސާ ހުރިކަމުގެ ނޯޓެއް ތައްޔާރު ކޮށް އެފައިސާ ގުނާ، ޗެކް ނަމަ އެޗެކް ރަގަޅަށް ބަލާ ދާއިރާގެ ނައިބް ރައީސް އާއި ފައިސާ ބަލަހައްޓާ ފަރާތުން ސޮއިކޮށް ދެފަރާތުގައި އެ ނޯޓްގެ ކޮޕީ ބާއްވަން ވާނެއެވެ. އަދި އެފައިސާ ޖަމާ ކުރެވުމުން ފައިސާ ޖަމާ ކުރެވުނު ސްލިޕް ކޮޅުގައި ނައިބް ރައީސް ސޮއިކޮށް އޭނާ އަތުގައި އޮތް ނޯޓްގައި ފައިސާ ޖަމާ ކުރެވުނު ކަމަށް ލިޔެ ފައިލް ކުރަންވާނެއެވެ.

11. މީލާދީ ކޮންމެ އަހަރެއްގެ އާމްދަނީއާއި ޚަރަދު ރިޕޯޓް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓްކުރަންވާނެއެވެ. އަދި އޮޑިޓް ރިޕޯޓް ޕާޓީ ސެކްރެޓޭރިއެޓަށް މާޗްމަސްނިމުމުގެ ކުރިން ހުށައަޅަން ވާނެއެވެ.

ހެޔޮއެދޭ ފަރާތްތަކުން ޑޮނޭޝަން ހޯދުމުގެ އަންޑަޓޭކިންގ އިޤްރާރު