މެންބަރަކު މެންބަރެއް، މިނަމުގައި ބާއްވާ އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާ އެއް މާދަމާރޭ އޮންނާނެ

މި ޖަލްސާ އެމްއެންބީސީ ވަން އިން ލައިވް ކުރާނެ

އިބްރާހީމް ރާމިޒް

މެންބަރަކު މެންބަރެއް، މިނަމުގައި ބާއްވާ އެމްޑީޕީގެ ވަރަށް ޚާއްސަ ޖަލްސާ އެއް މާދަމާ ރޭ އޮންނާނެއެވެ..

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މާދަމާރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ އަކީ، އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމަށް އެ ޕާޓީން ފަށާ މެންބަރޝިޕް ޑްރައިވް ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އެކެވެ.

އެމްޑީޕީން ފަށާ މެންބަރަކު މެންބަރެއް މި ކެމްޕެއިންގެ ދަށުން އަތޮޅުތަކަށް ޚާއްސަ ދަތުރުތަކެއްކޮށް، ދޮރުން ދޮރަށް ހިނގައި، ރައްޔިތުންގެ ހާލުއަހުވާލު ބަލައި، މިހާރުން މިހާރަށް ރަށްރަށަށް އެންމެ ބޭނުންވަނީ ކޮން ޚިދުމަތްތަކެއްތޯ ބަލައި، އޭގެ ތެރެއިން މިވަގުތަށް ރަގަޅު ކުރެވެންހުރި ކަންތައްތައް ރަގުޅުކުރުމަށް މަސައްކަތް ކުރާގޮތަށް ވަނީހަމަޖެހިފައެވެ.

އެމްޑީޕީން މެންބަރޝިޕް އިތުރުކުރުމަށް ބޮޑު ކެމްޕެއިނެއް ފަށާއިރު، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރުވެސް 48018 މެންބަރުން އެބަތިއްބެވެ. އަދި މިއީ އެ ޕާޓީ އާއި އެންމެ ކައިރިން ވާދަކުރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީއަށް ވުރެ 12776 މެންބަރުން ގިނަ އަދަދެކެވެ.

ރާއްޖޭގެ އެކިދާއިރާތަކަށް ދައުލަތުން ކަނޑައަޅާފައިވާ ފަރާތްތަކާމެދު ރައްޔިތުން ދެކޭގޮތާއި، އެބޭފުޅަކު ހިމެނޭ ދާއިރާއަކުން އެބޭފުޅަކު ބަލައިގެންފައިވާ މިންވަރު ބެލުމަކީ ވެސް އެމްޑީޕީން ރަށްރަށަށް ކުރާ މި ދަތުރުތަކުގެ އެއް ބޭނުން ކަމަށް އެމްޑީޕީން ބުނެއެވެ.

މާދަމާރޭ ބާއްވާ އެމްޑީޕީގެ ޚާއްސަ ޖަލްސާ އެމްއެންބީސީ ވަން އިން ވަގުތުން ދުރަށް ދައްކާނެއެވެ.