ސިއްޙީ ދާއިރާ ހީނަރުކަމަކީ ކުރީ ސަރުކާރުން ވާރުތަކޮށްފައިވާ ކަމެއް ކަމުގައި އަސްލަމް ޝާކިރު ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

ސިއްޙީ ދާއިރާ ހީނަރުކަމަކީ ކުރީ ސަރުކާރުން ވާރުތަކޮށްފައިވާ ކަމެއް ކަމުގައި އެމްޑީޕީގެ ދިއްގަރު ދާއިރާގެ ރައީސް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއަރޒް އަސްލަމް މުޙައްމަދު ޝާކިރު ވިދާޅުވެއްޖެއެވެ.

ޔޫއެން ބިލްޑިންގ ގައި އިއްޔެ، އދ.ގެ ހިއުމަންރައިޓްސް ހައިކޮމިޝަނަރ ނަވަނަތެމް ޕިއްލޭއާ އެކު ބޭއްވި ބައްދަލުވުމެއްގައި އަސްލަމް ޝާކިރު ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ ހީނަރުވެފައިވަނީ އެދާއިރާ ތަރައްޤީ ކުރުމަށް ކުރީގެ ސަރުކާރުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާތީ ކަމަށާއި، ސިއްޙީ ދާއިރާ ދެމެހެއްޓެނިވި ހަރުދަނާ ބިންގަލެއްގެ މަތީގައި ކުރީގެ ސަރުކާރަށް ތަރައްޤީ ކުރެވިފައިވާ ނަމަ އެދާއިރާއަށް ހީނަރުކަން އަންނަންވީ ސަބަބެއް ނެތްކަމުގައެވެ. އަދި އެ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން މަދަނައިގެ ދަށުން މިހާރުވެސް އެއްލައްކަ ރުފިޔާގެ ބޭސް ކުރެވޭކަން ފާހަގަކުރެއްވިއެވެ. އަދި މިއަންނަ އަހަރުން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް މަދަނައިގެ ޚިދުމަތް މުޅިން ހިލޭ ދެއްވާނޭ ކަމަށް ސަރުކާރުން އިޢުލާންކުރައްވާފައިވާކަން އަސްލަމް ޝާކިރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި އިދިކޮޅު ފަރާތްތަކުން، މަދަނައިގެ ޚިދުމަތް ފަސޭހައިން ލިބެނީ ހަމައެކަނި އެމްޑީޕީގެ މެންބަރުންނަށް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވީ، މަދަނަިއގެ ދަށުން ޚިދުމަތް ދިނުމުގައި ވަކިކުލައަކަށް ނުބަލާ ކަމަށާއި، ވަކި އެމްޑީޕީގެ މެންބަރަކަށް ވެގެން އެ ޚިދުމަތްދިނުމުގައި ނުބައްލަވާ ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރ ދެއްކެވި ވާހަކައިގައި، ގިނަ ގައުމުތަކުން މިފަދަ ބައްދަލުވުންތަކުގައި މިހާ ފާޅުގައި ސަރުކާރާއި އިދިކޮޅު ޝުޢޫރުފާޅުކުރުމުގެ ފުރުސަތު ނުދޭ ކަމަށާއި، އެހެން ނަމަވެސް ރާއްޖެއިން ފެނިގެން މިދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް ވިދާޅުވިއެވެ.