ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް އާއި ނިއުޒީލޭންޑްގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިބްރާހީމް ރާމިޒް

hep-un-240-x-160hep-nz-240-x-160

ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ، އާއި ނިއުޒީލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕީޓަރ ހެމިލްޓަން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް، ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް ނަވަނެތަމް ޕިއްލޭ އާއި ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ހުރި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކާއި، އެކަންކަން ޙައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭގޮތުން އ.ދ.ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގައި ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ އެހީ ރާއްޖެއަށް ވަރަށް ބޭނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އ.ދ.ގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތަކުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަމުންގެންދާ ދައުރު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ތަޢުރީފް ކުރެއްވިއެވެ. އަދި ދެކުނު އޭޝިޔާ ސަރަޙައްދުގައި އިންސާނީ ޙައްޤުތައް ހިމާޔަތްކުރެއްވުން އިތުރަށް ހަރުދަނާކުރުމަށް، ނިމިގެންދިޔަ ސާކް ސަމިޓުގައި ކުރެވުނު މަސައްކަތްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ނިއުޒީލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕީޓަރ ހެމިލްޓަން އާއި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނިއުޒީލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި އިންޑިޔާ ކަނޑުގައި މަސްވެރިކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނޫންގޮތަކަށް މަސްވެރިކަން ނުކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އިޤްތިޞާދީ ގޮތުންވެސް ފައިދާ ބޮޑީ ދޮށީގެ މަސްވެރިކަން ކުރުމުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.