އިބްރާހީމް ރާމިޒް
ހއ. ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ހއ. ފިއްލަދޫ ކައުންސިލްގެ ބައި- އިލެކްޝަން 2012 ޖެނުއަރީ 7 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިއްޔެ އިޢުލާނުކޮށްފިއެވެ.
ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި- އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2011 ނޮވެމްބަރ 23 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2011 ޑިސެމްބަރ 6 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމަޔަށް ކަމަށާއި، ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 ން ހަވީރު 5:00 އަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައެވެ.
ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިމިވަނީ އެ ކައުންސިލްގެ ނައިބް ރައީސަކަށް ހުންނެވި އާދަމް އިނާޒު ޑީއާރްޕީން ވަކިކުރުމުން، އޭނާގެ މެންބަރުކަން ގެއްލުމާއި ގުޅިގެންނެވެ.
އިނާޒް ޑީއާރްޕީން ވަކިކޮށްފައިވަނީ އެ ރަށުގެ ނަމަށް ހުތުރުވާ ގޮތަށް ޑީއާރުޕީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސް ވިޖާން އެހެން މެމްބަރުންނަށް އެންގުމަކާ ނުލައި މީޑިއާއާ ހިއްސާކޮށްފައިވާ މައްސަލާގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާ ގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.