އިންސާފާ ދެކޮޅަށް މަސައްކަތްކުރާ ކޯޓްތަކަށް ޑިޓޯލްޖަހާ ސާފުކޮށް އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރަން ޖެހޭނެ – އިބުރާ

އިބްރާހީމް ރާމިޒް

haruge-24-10-2011-7

އިންސާފާ ދެކޮޅަށް މަސައްކަތްކުރާ ކޯޓްތަކަށް ޑިޓޯލްޖަހާ ސާފުކޮށް އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރަން ޖެހޭނޭ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އަދި އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާ އެއް ގައި ވާހަކަފުޅުދައްކަވަމުން އިބުރާ ވިދާޅުވީ ޝަރުއީ ދާއިރާގެ މައްސަލަތަށް ބެލުމަށް ގޮވާލައި ރައްޔިތުން އަޑު އުފުލަން ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި އެ ދާއިރާގެ އެއް މޫ ބުރިކޮށްލުމުގެ މަގު ފަހިވެއްޖެކަމަށާއި،
ކުރިމިނަލް ކޯޓްގެ އިސް ގާޒީ، އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލަ ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބައްލަވަން ފެއްޓެވީ އެކަމާ ދެކޮޅަށް ދިވެހިރައްޔިތުން އަޑު އުފުލުމުގެ ސަބަބުން ކަމަށެވެ. އަދި އެއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، “އަދިވެސް އެފަދައިން އިންސާފާ ދެކޮޅަށް މަސައްކަތްކުރާ ކޯޓްތަކަށް ޑިޓޯލްޖަހާ ސާފުކޮށް އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރަން ޖެހޭނެ” ކަމަށް އިބުރާ ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ، ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބުގެ މައްޗަށް އިބުރާ ކުރައްވާ އަބުރުގެ ދައުވާގެ އިސްތިއުނާފު މަރުހަލާގެ ޝަރީއަތް މާދަމާ ހައިކޯޓުގައި އޮންނާނެ ކަމަށް ވެސް އިބުރާވިދާޅުވިއެވެ. އަދި އެ ދައުވާ އިބުރާ އާއި އެއްކޮޅަށް ނޫންގޮތަށް ނުނިމޭނެ ކަމަށް ވެސް ރޭ އިބުރާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

އަދުލު އިންސާފުގެ މައްސަލަތައް ނިންމާ ގޮތް ވީހާވެސް ގިނަ ރައްޔިތުން ބެލުމަކީ އެ ދާއިރާ އިސްލާހު ކުރަން އެޅޭނެ އެންމެ ބޮޑު ފިޔަވަޅު ކަމަށް ވިދާޅުވަމުން، އިބުރާ އިތުރަށް ވިދާޅުވީ ބުދަ ދުވަހު ހައިކޯޓްގައި މައްސަލަ ހިންގާއިރު ގިނަ ބަޔަކު ކޯޓަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އަދުލު އިންސާފުގެ ދާއިރާ ހަމަމަގަށް އެޅުވޭނީ ވީހާވެސް ގިނަބަޔަކު ޝަރީޢަތް އަޑުއަހަން ގޮސްގެން ކަމަށް އިބުރާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީއާއި އަލަށް ގުޅުނު ގިނަ ޢަދަދެއްގެ މެންބަރުން ފޯމުތައް އެ ޕާޓީ އާއި ހަވާލުކުރުން އޮތެވެ.