ދި އައިލެންޑް ޕްރެޒިޑެންޓްގެ ޓިކެޓް ވިއްކަން ފަށައިފި

-މި ފިލްމު ޕްރިމިއަރކުރުމުގެ ހަފްލާގައި ފިލްމުގެ ޑައިރެކްޓަރ ޖޯން ޝެންކް ބައިވެރިވެލައްވާނެ

އިބްރާހީމް ރާމިޒް

ދި އައިލެންޑް ޕްރެޒިޑެންޓްގެ ޑައިރެކްޓަރ ޖޯން ޝެންކް އާއި، ރައީސް ނަޝީދު ޓޮރޮންޓޯ ފިލްމް ފެސްޓިވަލް ގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން ..
ދި އައިލެންޑް ޕްރެޒިޑެންޓްގެ ޑައިރެކްޓަރ ޖޯން ޝެންކް އާއި، ރައީސް ނަޝީދު ޓޮރޮންޓޯ ފިލްމް ފެސްޓިވަލް ގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން ..

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޑޮކިއުމެންޓަރީ ފިލްމު، ދި އައިލެންޑް ޕްރެޒިޑެންޓްގެ ޓިކެޓް އިއްޔެ ވިއްކަން ފަށައިފިއެވެ.

މިއަންނަ ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ދިވެހިންނަށް ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޖުމްލަ 6 ޝޯވ ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ފިލްމު ޕްރިމިއަރކުރުމުގެ ޙަފްލާ ދަރުބާރުގޭގައި ބުދަ ދުވަހުގެރޭ 8 ޖަހާއިރު ބާއްވާއިރު، އެރޭ 8.30 ގައި މި ފިލްމުގެ ފުރަތަމަ ޝޯވ ދަރުބާރުގޭގައި އޮންނާނެއެވެ. އަދި ހަމަ އެރޭ 11.30 ގައި ދަރުބާރުގޭގައި ފިލްމުގެ އިތުރު ޝޯވ އެއް އޮންނާނެއެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ 8.30 ގަ އާއި، އެރޭ 11.30 ގައި ދަރުބާރުގޭގައާއި އެތީނާ ސިނަމާ ގައި މި ފިލްމުގެ އިތުރު ޝޯވ އެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފާޑުކިޔުންތެރިންގެ ތަޢުރީފް އޮހެމުންދާ 101 މިނެޓްގެ މި ފިލްމުގެ ޓިކެޓް އިއްޔެ ވިއްކާފައިވަނީ އެތީނާ ސިނަމާގެ އިތުރުން ރާޅުގަނޑު ސަރަޙައްދުގައެވެ. އަދި، މި ފިލްމުގެ ޓިކެޓް ވަރަށް ބާރަށް ވިކެމުންދާ ކަމަށާއި، މިއަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4.30 އިން ފެށިގެން 11.30 އާ ހަމައަށް މި ފިލްމުގެ ޓިކެޓް ރާޅުގަނޑު ސަރަޙައްދާއި، އެތީނާ ސިނަމާއިން ލިބެންހުންނާނޭ ކަމަށް މި ފިލްމު ދެއްކުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޓީމުން ވަނީ ހާމަކޮށްފައެވެ.

އެމީ އަދި އެކަޑެމީ އެވޯޑް ހާސިލުކޮށްފައިވާ ފިލްމު ކުންފުނި އެކްޗުއަލް ފިލްމްސް އިން އުފައްދާފައިވާ،”ދި އައިލެންޑް ޕްރެޒިޑެންޓް” އަކީ ޓޮރޮންޓޯ ފިލްމު ފެސްޓިވަލްގެ ޕީޕަލްސް ޗޮއިސް ބެސްޓް ޑޮކިއުމެންޓްރީ އެވޯޑް ޙާސިލްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ “ދަ ލޮސްޓް ބޯއިސް އޮފް ސޫދާން” ގެ ޑައިރެކްޓަރު ޖޯން ޝެންކެވެ.

މި ފިލްމު ފުރަތަމަ ޕްރިމިއަރ ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ޓޮރޮންޓޯ ފެސްޓިވަލްގައެވެ. އެ ފެސްޓިވަލްގައި މި ފިލްމު ޕްރިމިއާކުރުމުގެ ކުރިން ފިލްމުގެ ޓިކެޓްތައް ވެސް ވިކި ހުސްވި މި ފިލްމަކީ ފާޑުކިޔުންތެރިން އިންތިހާއަށް ތަޢުރީފްކޮށްފައިވާ ފިލްމެކެވެ. އެ ގޮތުން މިއީ އެމެރިކާގެ ކުރީގެ ނާއިބު ރައީސް އަލް ގޯ ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރެއްވި ކެމްޕޭން ދައްކުވައިދޭ އަދި އޮސްކާގެ އެންމެ މޮޅު ޑޮކިއުމެންޓްރީގެ އެވޯޑް ހާސިލުކޮށްފައިވާ،”އޭން އިންކޮންވީނިއަންޓް ޓްރޫތު” އަށް ވުރެ ބަލާލަން މާ ކަމުދާ ފިލްމެއް ކަމަށް ބެލުންތެރިންވަނީ އިއްތިފާޤްވެފައެވެ.

މި ފިލްމުގެ ޕްރިމިއަރ ޝޯވ ގެ ޓިކެޓެއް 80 ރުފިޔާ އަށް ވިއްކާއިރު، ބާކީ ޝޯވތަކުގެ ޓިކެޓެއްގެ އަގަކީ 50 ރުފިޔާއެވެ.

ރާއްޖޭގައި މި ފިލްމު މި ފިލްމު ޕްރިމިއަރކުރުމުގެ ހަފްލާގައި ފިލްމުގެ ޑައިރެކްޓަރ ޖޯން ޝެންކް ބައިވެރިވެލައްވާނެއެވެ.